"ޑަންގަލް" އާއި "ސުލްތާން" އެއްގޮތްކަން ފެނިފައި އާމިރު ރަތަށް
"ޑަންގަލް" އާއި "ސުލްތާން" އެއްގޮތްކަން ފެނިފައި އާމިރު ރަތަށް

ރިލީޒްކުރަން ތައްޔާރުވަމުންދާ ސަލްމާން ޚާންގެ ފިލްމުގެ އިޝްތިހާރުތަކާއި ލަވަތައް ރިލީޒްކުރަން ފެށުމާ އެކު މުނިފޫހި ފިލުވުމުގެ ދާއިރާގައި ވަނީ އެ ފިލްމުގެ ވާހަކަތައް ވަރަށް ބޮޑަށް ދެކެވެން ފަށާފަ އެވެ.

ބެލުންތެރިންގެ ފަރާތުން މި ފިލްމުގެ ފުރަތަމަ ޓްރެއިލާއަށް ވަރަށް ބޮޑު ތަރުހީބެއް ދީފައި ވާއިރު ސަލްމާންގެ އެންމެ އެކުވެރި އެއް އެކްޓަރު އާމިރު ޚާނަށް "ސުލްތާން"ގެ ޓްރެއިލާ ފެނުމުން ވަރަށް ރުޅިގަދަ ވެފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ބުނެ އެވެ.

އާމިރު މިހާރު ކުޅެމުންދާ "ޑަންގަލް" އާއި "ސުލްތާން"ގެ އެއްގޮތްކަމުގެ ވާހަކަތައް ފިލްމު އިންޑަސްޓްރީގައި ދެކެވޭތާ ކިތަންމެ ދުވަހެކެވެ. އަދި "ސުލްތާންގެ ޓްރެއިލާ ފެނުމުން ޚުދް އާމިރަށް ވެސް މި ދެކެވެމުންދާ ވާހަކަތަކުގައި ހަގީގަތެއްވާކަން ޔަގީންވި އެވެ.

ފިލްމު އިންޑަސްޓްރީން ލިބެމުންދާ ޚަބަރުތައް ބުނާ ގޮތުން "ސުލްތާން"ގެ ޓްރެއިލާ ފެނިފައި އާމިރު ވަނީ އެ ފިލްމުގެ ޕްރޮޑީއުސަރު އަދިތުޔާ ޗޯޕްރާ އާ ވެސް ގުޅާފަ އެވެ. ދެ މީހުންގެ މެދުގައި ވަރަށް ހޫނުކޮށް ބަހުސް ކުރި ކަމަށް ވެއެވެ. އާމިރު ޖައްސާ މައްސަލައަކީ އޭނާގެ ފިލްމުގައި ވެސް ހިމެނޭ ކަހަލަ ރެސްލިންގެ ހަރަކާތްތަކެއް "ސުލްތާން" އިން ވެސް ފެންނާތީ އެވެ.

ނަމަވެސް މިހާރު "ސުލްތާން"ގެ ޓްރެއިލާ ދައްކަން ފަށައި އީދު ދުވަހު ފިލްމު ރިލީޒްކުރަން ތައްޔާރުކޮށްފައި އޮތުމުން އެ ފިލްމަށް އިތުރަށް ހެދޭނެ ގޮތެއް ވެސްނެތެވެ. އެހެންކަމުން ކްރިސްމަސްގައި ރިލީޒްކުރަން އޮތް "ޑަންގަލް" ރިލީޒްކުރާ ތާރީޚު ފަސްކުރަން އާމިރު ގަސްތުކުރާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

"ޑަންގަލް"ގައި ހުރި "ސުލްތާން" އާ އެއްގޮތް ކަންތައްތަކުގެ ވާހަކަ މީހުން ދައްކާނެތީ އެހެން ގޮތަކަށް އެ މަންޒަރުތައް ބަދަލުކުރަން އާމިރު ގަސްދުކުރަނީ ކަމަށް ވެދާނެ އެވެ.

"ޑަންގަލް" ގެ ޝޫޓިން އަށް އާމިރު ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވެ އެވެ. ހަށިގަނޑުގެ ބަރުދަން އިންތިހާއަށް އިތުރުކޮށް އަދި މިހާރު އިތުރުކުރި ބައި ލުއިކޮށްފައިވެ އެވެ. އެހެންކަމުން މިހާ ބުރަކޮށް އުފައްދާ ފިލްމަކަށް ދެރަގޮތެއް ވާކަށް އާމިރެއް ނޭދޭނެ އެވެ.

ސުވާލަކީ ފިލްމު ރިލީޒްކުރުން ލަސްކޮށްލަން އާމިރު ނިންމި ނިންމުމުން "ޑަންގަލް"އަށް އެހީތެރިކަން ލިބޭނެ ހެއްޔެވެ؟