ޕުކެޓްގައި ވާދަކުރި ދެ ރޭހުން ވެސް މޯޑް ދެވަނަ ހޯދައިފި
ޕުކެޓްގައި ވާދަކުރި ދެ ރޭހުން ވެސް މޯޑް ދެވަނަ ހޯދައިފި

ތައިލެންޑްގެ ޕުކެޓް މެރެތަންގެ ފަސް ކިލޯމީޓަރު އަދި ހާފް މެރަތަންގައި ދިވެހި ސިފައިންގެ ކްލަބް ތަމްސީލު ކުރި ރާއްޖޭގެ މުހައްމަދު ރަޝީދު (މޯޑް) ދެ ރޭހުން ވެސް ދެވަނަ ހޯދައިފި އެވެ.

އިއްޔެ ބޭއްވި ފަސް ކިޅޯ މީޓަރުގެ ރޭހުގައި މޯޑް ރޭސް ނިންމީ 16:31 (16 މިނެޓާއި 31 ސިކުންތުންނެވެ. އޭނާ ވަނީ ކުރިން މި ރޭހުގެ އެއްވަނަ ހޯދައިފަ އެވެ. އެގޮތުން 2019 ގައި މި ރޭހުގައި ވާދަކޮށް އޭނާ އޭރު ރޭސް ނިންމީ 16:43 އިންނެވެ. މިފަހަރު ދެވަނަ ލިބުނަސް އޭނާ ވަނީ ކުރީގެ ޓައިމަށް ވުރެ އަވަހަށް މިފަހަރު ރޭސް ނިންމައިފަ އެވެ.

އެ ރޭހުގެ އެއްވަނަ ހޯދީ ރަޝިއާގެ ސާގީ ޒިރިއާނޯވް އެވެ. އޭނާ ރޭސް ނިންމީ 15:57 ންނެވެ.

ޕުކެޓް މެރަތަންގެ ފަސް ކިލޯމީތަރުގެ ރޭހުގެ ރިހި މެޑައްޔަކީ، އެއް ހަފުތާ ތެރޭ މޯޑް ހޯދި ދެވަނަ މެޑަލް އެވެ. އެންމެ ގިނަ މެރަތަން ދުވުމުގެ ރާއްޖޭގެ ރެކޯޑް އޮތް ނަސްރުﷲ އަހްމަދު (ނަސްރު) ގެ ކޯޗު ކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ މޯޑް ވަނީ މި މަހު ތިން ވަނަ ދުވަހު ހުޅުމާޅޭގައި ބޭއްވި 10 ކިލޯ މީޓަރު ދުވުމުން ތިން ވަނަ ހޯދައިފަ އެވެ.

ނަސްރުގެ ކޯޗު ކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ޒުވާން ދުވުންތެރިޔާ، އައިޝަތު ރާނިޔާ ވަނީ ޕުކެޓްގެ އަންހެނުންގެ ފަސް ކިލޯ މީޓަރު ރޭހުގައި ވާދަކޮށް ހަތަރު ވަނަ ހޯދައިފަ އެވެ. އަދި އޭނާ ވަނީ އަންހެނުންގެ އޯޕަން ކެޓަގަރީން އެއްވަނަ ހާސިލު ކޮށްފަ އެވެ. ރާނިޔާ ރޭސް ނިންމީ، 21:30 އިންނެވެ.

އަންހެނުންގެ އޯވަރޯލް ކެޓަގަރީން އެއްވަނަ ހޯދީ އޮސްޓްރޭލިއާގެ ސިއޭނާ މިލްގޭޓް އެވެ. އޭނާ ރޭސް ނިންމީ 19:56 ންނެވެ. ދެވަނަ ހޯދީ 20:40 އިން ރޭސް ނިންމި ތައިލެންޑްގެ އަޝްރަޝަޕާކް އެވެ. އޮސްޓްރޭލިއާގެ ކިއާރާ ޖެސިކާ އެގާ، 21:26 ން ރޭސް ނިންމައިގެން ހޯދީ ތިންވަނަ އެވެ.

މިއަދު ހެނދުނު ހާފް މެރަތަންގައި ވާދަކޮށް މޯޑް ވަނީ ދެވަނަ ހޯދައިފަ އެވެ. އޭނާ ހާފް މެރަތަން ރޭސް ނިންމީ 1:19:00 (އެއް ގަޑި 19 މިނެޓުން) ނެވެ. ހާފް މެރަތަންގައި ވެސް މޯޑް އާ ވާދަކުރީ ޒިރިއާނޯވް އެވެ. އެއްވަނައިގައި އޭނާ ރޭސް ނިންމީ 1:13:20 އިންނެވެ.

ހާފް މެރަތަންގައި ވާދަކޮށް ރާނިޔާ ވަނީ 1:54:01 ރޭސް ނިންމައިފަ އެވެ. އެ ޓައިމްއާއެކު އޭނާ ވަނީ އުމުރު ފުރާ ކެޓަގަރީން އެއްވަނަ ހޯދައިފަ އެވެ. އުމުރުން 16-29 ހާ ދެމެދު އުމުރު ފުރައިން ދެވަނަ އަށް ދިޔަ ތައިލެންޑް މިރަންޓީ ކަސަޕް ރޭސް ނިންމީ 1:54:01 ންނެވެ. އެ އުމުރުފުރާއިން ތިން ތިންވަނައިގައި ލިސްޓްކޮށްފައި ވަނީ 1:56:49 އިން ރޭސް ނިންމި ތައިލެންޑްގެ ޕަޓްޗަޓްރިޔާ އެވެ.

އިއްޔެ ފަސް ކިލޯ މީޓަރުގައި ނަސްރު ވެސް ވާދަ ކުރި އެވެ. ރާނިޔާގެ ޕޭސް ހިފައްޓައި ދޭން އޭނާ އާއެކު ދުވި، ނަސްރު މިއަދު ވަނީ ފުލް މެރަތަން ފުރިހަމަ ކޮށްފަ އެވެ. މިއީ އޭނާގެ 81 ވަނަ މެރަތަނެވެ. މެރަތަން އަދި ހާފް މެރަތަންގެ ގައުމީ ރެކޯޑް ކުރިން ހޯލްޑް ކުރި ދުވުންތެރިޔާ އަހްމަދު ޝަރަފް ވެސް މިއަދު ވަނީ ޕުކެޓްގެ ހާފް މެރަތަންގައި ވާދަކޮށް އޭޖް ކެޓަގަރީން ތިންވަނަ ހޯދައިފަ އެވެ.