12 ޖޫން 2022 - 14:50

އޭލެވްލް އަށް ކިޔަވައިދޭ ވިލާ އިންޓަނޭޝަލް ހައި ސްކޫލްގެ ދަރިވަރުންގެ އަތުން މި އަހަރުން ފެށިގެން ފީ ނަގަން ފަށަން ނިންމައިފި އެވެ.
އޯ ލެވެލްގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ތެރެއިން ވިލާ ހައި ސްކޫލްގައި ކިޔަވަން ބޭނުންވާ ދަރިވަރުންގެ ފީ މިހާތަނަށް ދައްކައިދެމުން އައީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެއީ ކޮންމެ ދަރިވަރަކަށް، 1،370ރ. ގެ ރޭޓުންނެވެ.
އެއަށް ވުރެ ދަށްކޮށް ފާސްވެފައިވާ ދަރިވަރުންނަށް ވެސް ސްކޫލުން ޖާގަ ލިބުނަސް، އެ ދަރިވަރުން އަމިއްލަ އަށް ފީ ދައްކަން ޖެހޭނެ އެވެ. އެއީ 2،400ރ. އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގައި ދަރިވަރުންގެ އަތުން ފީ ނެގުން އޮންނާތީ، އެ އުސޫލުން ފީ ނެގުމަށް މީގެ ކުރިން ވެސް އެދުނު ކަމަށެވެ. ނަމަވެސް، ފީ ނެގުމުގެ ހުއްދަ މިހާތަނަށް ނުދީ އޮތުމަށްފަހު، މި ފަހަރު އެ ފުރުސަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނިންމުމާއެކު އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރާއެކު ވިލާ ހައި ސްކޫލްގައި އަލަށް ކިޔަވަން ފަށާ ހުރިހާ ދަރިވަރުންގެ އަތުން ދެން ނަގާނީ 3،600ރ. އެވެ. ސަރުކާރުގެ ހަރަދުގައި މިހާރު އެ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުން ފީ ދައްކާކަށް ނުޖެހޭނެ އެވެ. އެކަމަކު، އަމިއްލައަށް ފީ ދައްކައިގެން މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުން ޖެހޭނީ ބޮޑު ފީ ދައްކާށެވެ.
ވިލާއަށް އަލަށް ވަންނަ ހުރިހާ ދަރިވަރުންގެ އަތުން ފީ ނަގަން މިހާރު ނިންމާފައިވާއިރު، ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ފީ މިނިސްޓްރީން ދައްކައިދޭނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ނުނިންމަ އެވެ.
ސައީދު ވިދާޅުވިގޮތުގައި ދަރިވަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން ނިންމި އެއް ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ސްކޫލް ހިންގާށެވެ. އަނެއް ސަބަބަކީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށެވެ.
ސަރުކާރުން ވަނީ މިދިޔަ މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އެއާއެކު، އަމިއްލަ ސްކޫލްތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ވެސް ދަރިވަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.
މީގެ 12 އަހަރުކުރިން ވިލާ ހައި ސްކޫލް އުފެއްދީ ވެސް ސަރުކާރުގެ ހަރަދުގައި މާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމަ އެކަނި ސްކޫލް، ސީއެޗްއެސްއީއަށް ބާރުބޮޑުވުމުންނެވެ. އެ ސްކޫލްގައި މިހާރު ވެސް 700 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.