ކިޔަވައިދޭ ވަގުތު ސްކޫލުތަކުގެ ގޭޓްތައް ތަޅުލާފައި ބަހައްޓަން އަންގައިފި
ކިޔަވައިދޭ ވަގުތު ސްކޫލުތަކުގެ ގޭޓްތައް ތަޅުލާފައި ބަހައްޓަން އަންގައިފި

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ކިޔަވައިދޭ ވަގުތުގައި އަބަދުވެސް ސްކޫލްތަކުގެ ގޭޓްތައް ތަޅުލާފައި ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ، އަޑުގަދަކޮށް މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ދިމާވެފައި ވަނިކޮށް މިދިޔަ ހަފްތާގައި ސްކޫލްތަކަށް ފޮނުވި އެންގުމުގައި ވަނީ ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުވައްޒަަފުންނަށް ހުރިހާ ގޮތަކުން ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީގެ އެންގުމުގައި ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ސްކޫލަށް ވަދެ ނުކުތުމުގައި އަމަލުކުރާނެ ގޮތްތަކެއް ވެސް ވަނީ އަންގައިފަ އެވެ.

● މިހާރެކޭ ވެސް އެއްގޮތަށް، ސެޝަންތައް ކުރިއަށްދާ ވަގުތު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގޭޓެއްގައި ވެސް ސެކިއުރިޓީ ބެލަހެއްޓުމަށް ސަމާލުވުން.

● ސެޝަން ފެށޭ ވަގުތު (މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާ ވަގުތު) ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް ގޭޓް އެތެރެއިން ތަޅުލާފައި ބެހެއްުޓުން.

● ސެޝަން ފެށުމަށް ފަހު މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެނިކުތުމުގައި ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުން.

● ސެޝަން ކުރިއަށްދާއިރު ބެލެނިވެރިން ނުވަތަ އާންމުންނަށް ސްކޫލު ގޭޓުން އެތެރެވެވޭނީ ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައިދިނުމުން.

● ބެލެނިވެރިން ސްކޫލަށް ހާޒިރުވާއިރު، ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑް އޮތްތޯ ސުކޫލުން ކަށަވަރުކުރުން.

އެޑިއުކޭޝަނުން ވަނީ މި ކަންކަން ވަގުތުން ތަންފީޒުކުރަން ފެށުމަށް އަންގައިފަ އެވެ. ނަމަވެސް ބައެއް ސްކޫލްތަކުގައި މި ކަންކަން ކުރެވޭނެ އިންތިޒާމު ނެތްކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

މިދިޔަ މަހުގެ 24 ގައި ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ، އަޑުގަދަކޮށް މާރާމާރީ ހިންގަން އުޅުނު މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު އެކަމާ ގުޅޭ މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނެފައިވަނީ ސްކޫލަށް ވަން މައްސަލާގައި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ޖަމާލުއްދީން ސްކޫލަށް ވަދެ އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައި ވާއިރު އޭގައި ފެންނަނީ ސްކޫލުން ޓީޗަރަކުން ނިކުތް ވަގުތު އެ މީހާ ގޮސް ސްކޫލްތެރެއަށް ވަދެގަންނަނިކޮށެވެ.

ކުއްލިއަކަށް އޭނާ ސްކޫލުގެ އެތެރެއަށް ވަނުމުން ސެކިއުރިޓީ އޮފިސަރަަށް ވެސް އޭނާ ހުއްޓުވޭ ގޮތެއް ނުވި އެވެ. އެ މީހާ ވަނީ ސްކޫލުގެ ކޯޓްޔާޑްގެ ތެރޭގައި ހުރެގެން ވަރަށް ބާރަށް ހަޅޭ ލަވައިފަ އެވެ.

ސްކޫލުގެ ދަރިވަރުން ބުނާ ގޮތުގައި އެމީހާ ސްކޫލަށް ވަނުމާ އެކު އެތަނުގައި މަސައްކަތްކުރާ މީހުންނާއި ޓީޗަރުން ވަނީ ކްލާސްރޫމްތައް ބަންދުކޮށްފަ އެވެ.