30 ޑިސެމްބަރ 2016 - 06:33

މިހާތަނަށް ދެކެވެމުން އައީ ޝާހްރުކް ޚާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް" ގެ ބޮކްސް އޮފީސް ހަނގުރާމައިގެ ވާހަކަ އެވެ. ނަމަވެސް އޭގެ ކުރިން ބޮކްސް އޮފީހުގައި އަނެއްކާވެސް ބޮޑު ދެ ފިލްމެއްގެ ކުރިމަތިލުމަކަށް ތައްޔާރުވެއްޖެ އެވެ.
ދީޕިކާ ޕަދުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ރިޓާންސް އޮފް ދަ ޒެންޑާ ކޭޖް" އާއި އަދިތުޔާ ރޯއި ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ހިންދީ ފިލްމު "އޯކޭ ޖާނޫ" އެވެ. ކުރިން ދީޕިކާގެ ފިލްމު ރިލިޒްކުރާ ގޮތަށް އޮތީ "އޯކޭ ޖާނޫ" އަށް ވުރެ އެއް ހަފުތާ ފަހުންނެވެ. ނަމަވެސް ކުއްލިއަކަށް އެ ފިލްމު ރިލިޒްކުރުން ވަނީ އެއް ހަފުތާ ކުރިއަށް ޖައްސާފަ އެވެ. "އޯކޭ ޖާނޫ" ޖެނުއަރީ 13 ގައި ރިލީޒްކުރާއިރު ދީޕިކާގެ ފިލްމު އިންޑިއާގައި ރިލީޒްކުރާނީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.
މިހާރު ގިނަ ބަޔަކު ބަލާލަން ބޭނުންވަނީ ބޮކްސް އޮފީހުގައި ކުރި ހޯދާނީ "އާޝިގީ 2"ގެ ޒުވާން އަދި މަޝްހޫރު ޖޯޑުގެ ފިލްމު "އޯކޭ ޖާނޫ" ތޯ ދީޕިކާގެ ހޮލީވުޑް ފިލްމު "ތުރީ އެކްސް" ތޯ އެވެ.
"ތުރީ އެކްސް"ގެ ޕްރޮޑިއުސަރުން އެ ފިލްމު އިންޑިއާގައި ރިލީޒްކުރުން އެއް ހަފުތާ އަވަސް ކުރީ 25 ޖެނުއަރީގައި "ރައީސް" އާއި "ގާބިލް" ރިލީޒްކުރާތީ އެ ދެމެދުގައި ލިބެނީ އެންމެ ފަސް ދުވަސް ކަމުން އެމީހުން ބޭނުންވާ ވަރަށް ފައިސާ ހޯދަން އުނދަގޫވާނެ ކަމަށް ބަލާފަ އެވެ. ނަމަވެސް އެއް ދުވަހެއްގައި ބޮޑު ދެ ފިލްމެއް ރިލީޒްކުރުމަކީ އެއްވެސް ފިލްމަކަށް މާ ފައިދާ ހުރި ކަމެއްގެ ގޮތުގައި މިހާތަނަށް ބެލެވިފައެއް ނެތެވެ.
ޓްރޭޑް އެނަލިސްޓް އަކްޝޭ ރާތީ ބުނަނީ "އޯކޭ ޖާނޫ" އާ އެއް ދުވަހަކު "ތުރީ އެކްސް" ރިލީޒްކުރަން ނިންމުމަކީ ޕްރޮޑިއުސަރުންގެ ބުއްދިވެރި ނިންމުމެއް ކަމަށެވެ. ސަބަބަކީ ކުރިއަށް އޮތީ އެއްވަރުގެ ބޮޑު ދެ ފިލްމަށް ވާތީ ފިލްމު ރިލީޒްކުރުން ލަސްކޮށްފި ނަމަ ގެއްލުންވުމުގެ ފުރުސަތު ބޮޑުވީމަ އެވެ. އަދި "އޯކޭ ޖާނޫ" އެޅުވިޔަސް "ތުރީ އެކްސް" ބަލާ މީހުން މަދު ނުވާނެކަމަށް އަކްޝޭ ބުންޏެވެ.
ކޮންމެއަކަސް މިހާރު އެންމެން ތިބީ ބޮކްސް އޮފީހުގެ މި ކުރިމަތިލުމުން ނުކުންނާނެ ނަތީޖާ އަކަށް ބަލާށެވެ. "އާޝިގީ 2" ގެ ޖޯޑުގެ ފޭނުން "އޯކޭ ޖާނޫ" އަށް ތާއީދުކުރާއިރު ހޮލީވުޑް ފިލްމުތަކާއި ދީޕިކާ ޕަދުކޯން ދެކެ ލޯބިވާ މީހުން "ތުރީ އެކްސް: ރިޓާން އޮފް ދަ ޒެންޑާ ކޭޖް" ބަލަން އިސްކަން ދޭނެކަމަށް ބެލެވެ އެވެ.