ފްލެޓުން ވެއްޓުނު އަންހެންމީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް
ފްލެޓުން ވެއްޓުނު އަންހެންމީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓަކުން އިއްޔެ ވެއްޓުނު އަންހެން މީހާގެ ހާލު އެހާ ގޯސް ނޫން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ފްލެޓްގެ ތިން ވަނަ ފްލޯ އިން ވެއްޓުނު އުމުރުން 22 އަހަރުގެ އެ އަންހެންމީހާ އަށް ފަރުވާ ދޭން ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އެ ތަނުގައި ފަރުވާދިނުމަށް ފަހު، ގެންދިޔައީ އައިޖީއެމްއެޗަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ އަންހެންމީހާ އަށް ފަރުވާދެމުން އަންނަނީ ވޯޑުގަ އެވެ. އެކަމަކު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ.

ބަލި މީހުންނާ ގުޅޭ ތަފްސީލީ މައުލޫމާތު އާންމު ނުކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަންހެންމީހާ ނަގައިގެން ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދަނިކޮށް، ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީީޑިއާގައި އާންމުވެފައިވާއިރު، އެ އިން ފެންނަ ގޮތުން ނަމަ ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ބޮލަށް ވެސް ލިބިފައިވެ އެވެ. އެކަމަކު ފުލުހުން ވެސް މައުލޫމާތު އާންމުނުކުރާތީ އޭނާ ވެއްޓުނީ ކަމެއް ނުވަތަ ވައްޓާލީ ކަމެއް ސާފެއް ނުވެ އެވެެ.