ނަބިއްޔާގެ ދިފާއުގައި ޒުވާނުން އަޑުއުފުލައިފި
ނަބިއްޔާގެ ދިފާއުގައި ޒުވާނުން އަޑުއުފުލައިފި

ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި މިއަދު ސައިކަލު ބުރެއް ބާއްވައިފި އެވެ.

އިންޑިއާގައި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ މީހަކު ކީރިތި ގުރުއާނާއި މާތް ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން މާލޭގައި ބޭއްވި އެއްވުން ފެށީ ރަސްފަންނު ސަރަހައްދުންނެވެ. ނަމަވެސް، ބޮޑުތަކުރުފާނު މަގުން ނުކުމެ، ރަސްފަންނަށް އެއްވުން ނިންމާލި އެވެ.

ހާއްސަ ދުއާއަކުން އެ ސައިކަލު ބުރު ނިންމާލުމަށް ފަހު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ އަދި ނިއު ދިއްލީގައި ހުންނަ އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރުގެ ފޮޓޯތަކެއްގައި ރޯކޮށްލައިފަ އެވެ.

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ރާއްޖެއިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

ސަރުކާރުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނުުގެ މަތިވެރި އުސޫލުތަކާއި ކީރިތި ރަސޫލާ ދެއްކެވި ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ ކޮންމެ އަމަލެއް، ހުރިހާ ހާލަތެއްގައި ވެސް ދިވެހި ސަރުކާރުން ކުށްވެރިކުރާނެ ކަމަށެވެ.