11 ޖޫން 2022 - 19:45

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފާޕޯމަންސް އިވެލުއޭޝަންގައި ފިޓްނަސް ޓެސްޓެއް ހިމަނައިފި އެވެ.
އެ އޮފީހުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި އަހުލާގު ބެލުމަށް ކޮންމެ އަހަރަކު ވެސް މަދުވެގެން އެއް ފަހަރު އިވެލުއޭޝަން ޓެސްޓެއް ހަދަ އެވެ.
ނަމަވެސް، ޕީޖީ ހުސައިން ޝަމީމްގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވީ މި އަހަރުން ފެށިގެން ހަދާ ފިޓްނަސް ޓެސްޓުގައި ބަލާނީ ހިތުގެ ދުޅަހެޔޮކަމާއި ގައިގައި ބާރު ހުރި ވަރާއި ފްލެކްސިބިލިޓީ އަދި ބީއެމްއައިއަށް ކަމަށެވެ.
އެ މުވައްޒަފަކު ފާސްވާންސްޖެހޭ މިންގަނޑު ބަލާނީ އުމުރާއި ދާއިމީ ބައްޔަކަށް ބޭސްކުރާ ނަމަ އެ ކަންކަމަށް ބަލައިގެން ކަމަށް ވެސް ލިޔުއްވުމުގައި ވެ އެވެ.
ފުލުހުންގެ އިދާރާ އާއި އެމްއެންޑީއެފްގައި މިހާރު ވެސް ފިޓްނަސް ޓެސްޓެއް އޮވެ އެވެ.
ދުވުމާއި ކަސްރަތާއި ފެތުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ޝަމީމް ވިދާޅުވިގޮތުގައި، އެ އިދާރާތަކުން ކުރަނީ ޖިސްމާނީ ދުޅަހެޔޮކަމަށް ބޭނުންވާ ކަންކަމެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ކުރާ މަސައްކަތަކީ ސިކުނޑި ބޭނުންކޮށް ކުރާ މަސައްކަތެކެވެ.
ސިކުނޑި ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިއަކަށް ވާންޖެހޭ ކަމަށް ވެސް އެ ލިޔުއްވުމުގައި ޝަމީމް ވިދާޅުވި އެވެ.