ބެންކޮކް އެއާވޭސްގެ ދަތުރުތައް އަންނަ ޖުލައި މަހު ރާއްޖެ އަށް
ބެންކޮކް އެއާވޭސްގެ ދަތުރުތައް އަންނަ ޖުލައި މަހު ރާއްޖެ އަށް

ބެންކޮކް އެއާވޭސް އިން ރާއްޖެ އަށް އަންނަ މަހު އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.

ތައިލެންޑްގެ ރީޖަނަލް އެއާލައިނެއް ކަމަށްވާ ބެންކޮކް އެއާވޭސް އިން މީގެ ކުރިން ވެސް ރާއްޖެ އަށް ދަތުރުތައް ކުރި އެވެ. ނަމަވެސް، ކޮވިޑްގެ ދުވަސްވަރު ދިމާވި ދަތިތަކާ ހުރެ 2020 ވަނަ އަހަރު ވަނީ އެ ދަތުރުތައް މެދުކަނޑާލައިފަ އެވެ.

ބޭންކޮކް އެއާވޭސް އިން ބުނީ މީގެ ކުރިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް ކުރިއެކޭވެސް އެއްގޮތަށް އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ ކުރިން އެ އެއާލައިނުން ރާއްޖެ އަށް ހަފުތާއަކު ހަތަރު ދަތުރު ކުރި އެވެ. އެ ދަތުރުތައް އަލުން ފެށުމާއެކު، ކޮންމެ ހަފުތާއެއްގެ އާދިއްތަ، ހޯމަ، ބުދަ، އަދި ހުކުރު ދުވަހު ބޭންކޮކުން ރާއްޖެ އަށް ދަތުރު ކުރެވޭނެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ގިނަ ދަތުރުތައް މެދުކަނޑާލުމަށް ފަހު ބެންކޮކް އެއާވޭސް އިން އަންނަނީ އެ ދަތުރުތައް އަލުން ފަށަމުންނެވެ.

ތައިލެންޑަކީ ދިވެހިން އާންމުގޮތެއްގައި ވިޔަފާރި އާއި އެހެނިހެން ބޭނުންތަކަށް ވަރަށް ގިނައިން ދަތުރު ކުރަމުން އަންނަ ގައުމެކެވެ.