އޭދަފުށީގެ ކޯޗުކަން ދޫކޮށް އާތީ އީގަލްސް އަށް
އޭދަފުށީގެ ކޯޗުކަން ދޫކޮށް އާތީ އީގަލްސް އަށް

ފުޓްބޯޅައިގެ މަޝްހޫރު ރަށް، ބ. އޭދަފުށީގެ، ކްލަބް އޭދަފުށީގެ ކޯޗުކަމުން އިސްތިއުފާ ދިން، މުހައްމަދު އާތިފް (އާތީ) ކްލަބް އީގަލްސް އާ ހާވަލުވެއްޖެ އެވެ.

އާތީ އާއި ކްލަބް އީގަލްސް އިން ވެސް ވަނީ، އޭނާ އެ ކްލަބަށް ހަމަޖެއްސިކަން ހާމަކޮށްފަ އެވެ.

މިއަހަރު ކުރީ ކޮޅު ކްލަބް އޭދަފުށީގެ ކޯޗު ކަމާ ހަވާލުވި އާތީގެ ކޯޗުކަމުގައި އެ ކަލްބުން ކުޅުނީ ދެ މެޗެވެ. ދިވެހި ޕްރިމިއަ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ، މުބާރާތުގެ ކޮލިފައިންގެ އޯޕަން ޑިވިޝަންގައި، އޭދަފުށިން ވާދަކުރި ދެވަނަ ޓީމު، އޭދަފުށީ ފުޓްބޯޅަ ކްލަބްގެ މައްޗަށް ކާމިޔާބު ހޯދައި އަތޮޅު ބުރު ނުވަތަ ތިން ވަނަ ޑިވިޝަނަށް، ކްލަބް އޭދަފުށި ކޮލިފައި ކޮށްދިނީ އާތީ އެވެ.

ދުރު ރާސްތާ ޕްލޭނެއްގެ ދަށުން، އޭދަފުށީގެ ޓީމާ ހަވާލުވި އާތީ، އެ ކްލަބުން އިސްތިއުފާ ދިން ސަބަބެއް ނޭނގެ އެވެ. މި ސީޒަން ފެށުމުގެ ކުރިން އާތީ ހުރީ، ކްލަބް ވެލެންސިއާގަ އެވެ. ނަމަވެސް ސީޒަން ފުރަތަމަ މެޗުގެ ކުރިން އޭނާ ވަނީ އެ ކްލަބުން ވެސް އިސްތިއުފާ ދީފަ އެވެ. ދެ ކްލަބުން އިސްތިއުފާ ދޭން ޖެހުނު ސަބަބެއް ވެސް މިހާތަނަށް އާތީ މީޑިއާގައި ހާމަކޮށްފައެއް ނުވެ އެވެ.

އީގަލްސްގެ ހެޑް ކޯޗުގެ މަގާމު ހުސްވީ، އެޓީމުގެ ކޯޗު ކަމުގައި ހުރި މުހައްމަދު ޝާޒްލީ، ޕްރެޒިޑެންޓްސް ކަޕަށް ފަހު މަގާމުން އިސްތިއުފާ ދިނުމުންނެވެ. ގާތްގަނޑަކަށް ހަތަރު މަހަށް ފަހު އީގަލްސް އަށް ހެޑް ކޯޗެއް ހަމަޖެއްސީ، އެންމެ ދަށް ވެގެން، އޭއެފްސީ އޭ ލައިސެންސް ހޯދާފައިވާ ކޯޗެއް ހަމަޖެއްސަން މަޖުބޫރު ވުމުންނެވެ.

އެފްއޭއެމް ކްލަބް ލައިސެންސިން ގަވާއިދުގައި ބުނާ ގޮތުން ދާއިމީ ގޮތެއްގައި ކޯޗުކޮށް ދެވޭނީ، އެންމެ ދަށް ވެގެން އޭ ލައިސެންސް އޮތް ކޯޗަކަށެވެ.

ދިވެހި ޕްރިމިއަ ލީގުގައި މިހާތަނަށް އެޓީމަށް ކޯޗު ކޮށްދިނީ، އެސިސްޓެންޓް ކޯޗު އަހްމަދު ނިމާދު އެވެ. އޭނާގެ ނަތީޖާތައް ރަނަގަޅެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އީގަލްސް އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެކަމަކު އޭނާގެ އަތުގައި އޭ ލައިސެންސެއް ނެތެވެ.

މީގެ ކުރިން ޔުނައިޓެޑް ވިކްޓަރީ އަށް އަދި ވިކްޓަރީ އަށް ވެސް ކޯޗު ކޮށްދިން އާތީ، ވަނީ ގައުމީ އަންހެން ޓީމަށް ކޯޗު ކޮށްދީ އެ ޓީމަށް އިންޓަނޭޝަނަލް މުބާރާތަކުން ފުރަތަމަ މެޑަލް ހޯދައި ދީފަ އެވެ. ސިންގަޕޫރުގައި 2018 ގައި ބޭއްވި މުބާރާތުން އަންހެން ޓީމު ބްރޯންޒް މެޑަލް ހޯދީ އާތީގެ ކޯޗު ކަމުގެ ދަށުންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ކޯޗުގެ އެވޯޑްގައި ތިން ވަނަ ހޯދި އާތީގެ ކޯޗު ކަމުގެ ދަށުން 2016 ގައި ޔުނައިޓެޑް ވިކްޓަރީން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރަފަ އެވެ. އެ އަހަރު ލީގުގެ ހަތަރު ވަނަ އެޓީމުން ހޯދި އެވެ. އެއީ އެ ކްލަބްގެ ތާރީހްގައި ރާއްޖޭގެ ޓޮޕް ޑިވިޝަންގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނު ސީޒަނެވެ.