11 ޖޫން 2022 - 14:18

ޓައިވާނުން މިނިވަންކަން އިއުލާނުކޮށްފި ނަމަ އެކަމާ ދެކޮޅަށް ހަނގުރާމަ ފަށަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެ ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގްހޭ އެމެރިކާގެ ޑިފެސް މިނިސްޓަރު ލޮއިޑް އޮސްޓިން އަށް އިންޒާރު ދެއްވައިފި އެވެ.

ވެއި މި އިންޒާރު ދެއްވީ އޮސްޓިންއާ އެކު ސިންގަޕޫރުގައި އިއްޔެ ފުރަތަމަ ފަހަރަށް އެ ދެ ވަޒީރުން ބޭއްވެވި ބައްދަލުވުމުގަ އެވެ.
ޑިމޮކްރަސީއެއް އޮންނަ އަދި އަމިއްލަ ވެރިކަމެއްކުރާ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ދައުވާކުރެ އެވެ. އެހެންވެ ކޮންމެވެސް ދުވަހަކު ޓައިވާން ޗައިނާގެ ދަށަށް ގެންދާނެ ކަމަށާއި ބާރުގެ ބޭނުންކޮށްގެން އެކަން ކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ޗައިނާއިން އަބަދުވެސް ބުނެ އެވެ. މި މައްސަލާގައި އެމެރިކާ އާއި ޗައިނާއާ ދެމެދު އޮންނަ މައްސަލަ މި ފަހުން ވަނީ ހޫނުވެފަ އެވެ.
ވެއި އިންޒާރު ދެއްވީ "އެއްވެސް ބަޔަކު ޗައިނާގެ ބާރުގެ ދަށުން ޓައިވާން ވަކިކުރަން އުޅެފި ނަމަ ޗައިނާ ސިފައިން، ކޮންމެ އަގެއް އަދާކުރަން ޖެހުނު ކަމުގައި ވިޔަސް ހަނގުރާމައަށް ފަސްނުޖެހޭނެ" ކަމަށް ވިދާޅުވެ ކަމަށް ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވޫ ކިއާން ވިދާޅުވި އެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނީ ޓައިވާންގެ މިނިވަންކަން އިއުލާނުކޮށް ޗައިނާ ބައިބައިކުރަން ގެންގުޅޭ ކޮންމެ ޕްލޭނެއް ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ޑިފެންސް މިނިސްޓަރު ދެއްވި ކަމަށެވެ.
"ޓައިވާނަކީ ޗައިނާގެ ޓައިވާން ... ޗައިނާ ހުއްޓުވަން ޓައިވާންގެ ބޭނުން ހިފަން ރާވާ ރޭވުންތައް ކާމިޔާބުވިޔަކަ ނުދޭނަން،" މިނިސްޓަރާ ހަވާލާދީ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސަރަހައްދުގެ އަމާންކަން ގެއްލިދާނެ އެއްވެސް ފިޔަވަޅެއް ޗައިނާއިން އަމިއްލައަށް ނޭޅުމަށާއި މަސްރަހު އިތުރަށް ގޯސްވެދާނެ ކަމެއް ނުކުރުމަށް އޮސްޓިން ވަނީ ޗައިނާގެ ޑިފެންސް މިނިސްޓަރަށް ދަންނަވައިފަ އެވެ.
ޓައިވާނާއި ޗައިނާގެ މަސްރަހު ގޯސްވަމުން ދަނީ ޗައިނާގެ އެއާކްރާފްޓްތައް ޓައިވާން ސަރަހައްދަށް ވަނުން މި ފަހުން އިތުރުވުމާ އެކުގަ އެވެ.
ޓައިވާންގެ ދިފާއުގައި ހަނގުރާމަކުރާނެ ކަމަށް ބުނުމަކީ އެމެރިކާއިން މީގެ ކުރިން ދައްކާ ވާހަކައެއް ނޫނަސް އެމެރިކާގެ ރައީސް ޖޯ ބައިޑެން މިިދިޔަ މަހު ޖަޕާނަށް ވަޑައިގެން އުޅުއްވި އިރު ނޫސްވެރިން ކުރި ސުވާލުތަކުގެ ޖަވާބުގައި ވަނީ ޗައިނާއިން ޓައިވާނާ ހަނގުރާމަ ފަށައިފި ނަމަ އެމެރިކާ އިން އަސްކަރީ އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ