ރައީސްގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މި ލިބުނީ ގާސިމަށް: ނަޝީދު
ރައީސްގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މި ލިބުނީ ގާސިމަށް: ނަޝީދު

ރިޔާސީ އިންތިހާބަށް ނުކުންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިގެން ހުންނެވި ނަމަވެސް ޕާޓީތަކާ އެކު އެ މަޝްވަރާ ނުކުރައްވައި އިއުލާންކުރެއްވުމުން، އެ މަނިކުފާނުގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މި ލިބުނީ ގާސިމަށް: ނަޝީދު
ރައީސްގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މި ލިބުނީ ގާސިމަށް: ނަޝީދު

އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަަކަށް އެ ޕާޓީގެ ރައީސް، ނަޝީދު ފޮނުއްވި މެސެޖެއްގައި މިގޮތަށް ވިދާޅުވީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވުމަށް ފަހު، ގާސިމާ ބައްދަލު ކުރެއްވުމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު ރައީސް އިއްޔެ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ގާސިމްގެ އުފަން ރަށް، މާމިގިއްޔަށް ވަޑައިގެންފަ އެވެ.

ރައީސްގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މި ލިބުނީ ގާސިމަށް: ނަޝީދު
ރައީސްގެ ކެންޑިޑެސީ ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މި ލިބުނީ ގާސިމަށް: ނަޝީދު

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް އެކުގައި ތިއްބަވާނެ ކަމަށް ނިންމަވައިގެން ކަމަށެވެ. ކުއްލިއަކަށް ގާސިމްއާ ބައްދަލުކުރެއްވުމުގެ މާނައަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ޕާޓީތަކާ އެކު ގޮތެއް ނުނިންމަވައި އިއުލާން ކުރެއްވުމެވެ.

"މި ފެނުނީ ޖޭޕީއާ ވެސް އަދި އަދާލަތު ޕާޓީއާ ވެސް އެމްޑީޕީން މަޝްވަރާކޮށްފައި ނުވާކަން. ރައީސްގެ ކެންޑިޑެސީ އިއުލާން ކުރެއްވުމާ އެކު ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިގިއްޔަށް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން ވެސް އަދި ގޮތެއް ނިންމި ތަނެއް ނުފެނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގާސިމް އަދި ގޮތެއް ނުނިންމަވަ އެވެ. އޭނާ މިދިޔަ ބުރާސްފަތިދުވަހު ވިދާޅުވީ ވާދަކުރައްވަން އަދި ނުކުރައްވަން ވެސް އެހާތަނަށް ނުނިންމަވާ ކަމަށެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރާ ގޮތުގައި، ރައީސްގެ މާމިގިލީ ދަތުރުގެ ބޭނުންފުޅަކީ، ގާސިމްއާ އެކު ރިޔާސީ އިންތިހާބުގެ މަޝްވަރާ ކުރެއްވުމެވެ.

އެ މަނިކުފާނުގެ ނައިބު ރައީސްކަން ވެސް ގާސިމަށް ހުށަހަޅުއްވަފާނެ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އެކަމަކު އެ ތުހުމަތަކީ، ރައީސްގެ އަރިސް އެއްވެސް ބޭފުޅަކު ވެސް މިހާތަނަށް ސައްހަކަން ކަށަވަރުކޮށްދީފައި އޮތް ވާހަކައެއް ނޫނެވެ.

"މިހާރު ރައީސްގެ ކެންޑިޑެސީގެ އުއްމީދު އެއްގޮތަކަށް ވެސް ކުރިއަށް ގެންދެވޭނީ ޖޭޕީ ނިންމާ ގޮތެއްގެ މައްޗަށް. އަޅުގަނޑު ދެކޭ ގޮތުގައި 2023 ގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން އަދި ނުނިންމާ. އެހެން ނަމަވެސް ކެންޑިޑެސީގެ އުއްމީދުގައި ހުރިހާ ބޭފުޅުންނަށް ވެސް މަސައްކަތް ކުރެއްވޭނެ،" އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ނަޝީދު ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ ނޫން ކެންޑިޑޭޓުން ވެސް ނުކުންނަވާ."

ދެ ވަނަ ދައުރަކަށް ކެންޑިޑެސީ ރައީސް އިއުލާން ކުރެއްވި އިރު، ސިޔާސީ ހަޔާތްޕުޅުގައި ވެސް އެންމެ ގާތް އެކުވެރިޔާ، ނަޝީދާ އެކު އެކި ކަންކަމުގައި ވަނީ ވަރަށް ބޮޑެތި ހިޔާލުތަފާތުވުން އުފެދިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެ ވަނަ ދައުރަކަށް އެމަނިކުފާނު ވާދަކުރައްވަނީ، އެމްޑީޕީއަށް ވެރިކަން ލިބެން އޮތީ އެ މަގުން ކަމަށް ވާތީ އެވެ. އެމްޑީޕީން ވެސް އެކަނި ވާދަކޮށްގެން އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް އަދި ނެތް ކަމަށާއި އެހެންކަމުން ޕާޓީ އާއި ގައުމަށް ވެސް ފައިދާ އޮތީ އެމަނިކުފާނު ނުކުންނަވައިގެން ކަމަށް މިދިޔަ ބުދަ ދުވަހު ވިދާޅުވި އެވެ.

"އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވާ ނަމަ އަޅުގަނޑު މިހިރީ ޗޮއިސްއަކަށް" ރައީސް ވަރަށް ތިލަކޮށް ވިދާޅުވެފައިވެ އެވެ.

މި ވާހަކަފުޅަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އެ އިއުލާން ކުރެއްވުމުން ފެނިވަޑައިގަތީ ރައީސްގެ އަމިއްލަ އެދުން ކަމަށެވެ. މިއީ ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން ކަމަށާއި މުހިއްމީ ގައުމަށް ދިމާވެފައި އޮތް އިގްތިސާދީ ހާލަތަށް ވިސްނަވައި ހައްލު ހޯއްދެވުން ކަމަށް ވިދާޅުވި އެވެ.

"މިއީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތްތަކާ މެދު ވިސްނާ މަގަށް އަޅުވާންވީ ވަގުތު," ނަޝީދު ވިދާޅުވެފައިވެ އެވެ.

ދެ ރައީސުންގެ ދެމެދުގައި ހިޔާލުތަފާތުވުން ބޮޑުވީ ބަރުލަމާނީ ނިޒާމުގެ ކޯޅުންތަކާ ހިސާބުންނެވެ. ނަޝީދު ބޭނުންފުޅު ވަނީ ވެރިކަން ހިންގުން ބަރުލަމާނީއަށް ބަދަލުކުރުމަށެވެ. އެކަމަކު ރައީސް ބޭނުންފުޅު ވަނީ މިހާރު އޮތް ރިޔާސީ ނިޒާމުގައި 2023 އަށް ކޯލިޝަނަކާ އެކު ވާދަކުރެއްވުމަށެވެ.

އެކަމަކު، ކޯލިޝަނަކާ އެކު ވާދަކޮށް އެމްޑީޕީ އާއި ރައްޔިތުންނަށް އޮތީ ގެއްލުން ކަމަށް ނަޝީދު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.