29 ޑިސެމްބަރ 2016 - 11:03

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ މަގާމަކީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ބޮޑު ކާމިޔާބީތައް ހޯދާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ތަށްޓަށް އަމާޒުކޮށްގެން ރާއްޖޭން ނުކުތް ނަމަވެސް ފައިނަލުން ފުރުސަތެއް ނުލިބުނެވެ. ރާއްޖޭން ތިން ވަނަ ހޯދީ ނޭޕާލް ބަލިކުރުމަށް ފަހު އެވެ.
ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭން ޖުމްލަ ފަސް މެޗެއް ކުޅުނުއިރު، ލީގުގު ބުރުގައި މޮޅުވީ އަފްގާނިސްތާން އަތުން އެކަންޏެވެ. އަނެއް ތިން މެޗުން ކިރްގިސްތާނާއި ބަންގްލަދޭޝް އަދި ނޭޕާލް އަތުން ބަލިވީ އެވެ.
"މިއީ އެންމެ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން. އެކަމަކު ފެށުން ގޯސްވި ފަހުން ހުރިހާ ކުޅުންތެރިން ގުޅިގެން ކުރި މަސައްކަތުން ތިން ވަނަ މި ލިބުނީ އެކަމާ އަޅުގަނޑު އެކަމާ ވަރަށް އުފާކުރަން. ހަގީގަތުގައި މިއީ އަޅުގަނޑަށް ފެށުމެއް. އިރާދަކުރެއްވިއްޔާ މި ޓީމު ކުރިއަށް އޮތް ތަނުގައި މިއަށް ވުރެން ރަނގަޅު ކާމިޔާބެއް ހޯދާނެ،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަހަރުގެ މުބާރާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެކަމަށާއި އެއީ އިބްރަތެއްގެ ގޮތުގައި ދެކިގެން ކުރިޔަށް އޮތް މުބާރާތްތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ.
"މި މުބާރާތުން ވަރަށް ގިނަ ކަންތައްތަކެއް ފެނިގެން ގޮސްފި. އަޅުގަނޑުމެން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗު އެނބުރުނީ ރެފްރީގެ ގޯސް ނިންމުންތަކެއްގެ ސަބަބުން. މި މެޗުތަކުން އަޅުގަނޑުމެންނަށް ކުރެވުނު ހިތްވަރާ އެކު ކުރިއަށް އޮތްތަނުގައި ރަނގަޅަށް ތައްޔާރުވާން ފުރުސަތު ލިބިއްޖެ،" ލަތީފް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދެން އޮތް ސެންޓްރަލް ޒޯން މުބާރާތަކަށް މިއަށް ވުރެ ރަނގަޅަށް އަޅުގަނޑުމެން ތައްޔާރުވާނަން. އެ މުބާރާތުގެ ފުރަތަމަ އަމާޒަކީ ފައިނަލް."
މި މުބާރާތުގައި ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ކުރި މަސައްކަތުގެ އަގުވަޒަންކުރާ ކަމަށް ލަތީފް ވިދާޅުވި އެވެ.
"މުބާރާތުގެ ފެށުން ދަށްވި ނަމަވެސް އާ ފެށުމަކުން ފަށައިގެން ވެސް ތިން ވަނަ ހޯދުމުން އެނގިއްޖެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އެކުގައި ކުރި މަސައްކަތް. އަޅުގަނޑު އެކަން ފާހަގަކޮށް ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ސާބަސް ދެން،" ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅަ މިހާރު އޮތް ހިސާބުން އެހެން ހަރުފަތަކަށް ގެންދަން ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން އޮތް ކަމަކީ ގައުމީ ޓީމުތަކުގެ ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށެވެ.