10 ޖޫން 2022 - 16:09

މިދިޔަ ކުޑަ އީދުގައި މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު އަދިވެސް ނުފެންނާތީ އެ މީހުން ހޯދުމަށް އަނެއްކާވެސް އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުން ބުނީ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެވަނަ ދުވަހުގެ ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ހޯދަނީ މާލޭ ދަފްތަރު ނަމްބަރު ރސ2260 މައުސޫމް މުހައްމަދުދީދީ، 27، އާއި ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24، އާއި ސ. ހުޅުދޫ، ނާދީ މުނާދު ޖައުފަރު، 20، އަދި ސ. މަރަދޫ، ކޮރަލް، އަހުމަދު ސާތިއު، 21، ކަމަށެވެ.
އެ މީހުންނާ ގުޅޭ މައުލޫމާތު އެނގޭ ނަަމަ، ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުމަށް ފުލުހުން އެދިފައިވެ އެވެ.
އެ މާރާމާރީއާ ގުޅިގެން ހަތް މީހެއްގެ ފޮޓޯ އާންމުކޮށް ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން އެދުނެވެ. އެ މައްސަލައާ ގުޅިގެން މިހާރު ވެސް ފުލުހުންގެ ބަންދުގައި ފަސް މީހަކު އެބަ ތިއްބެވެ. އެއީ ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒު، 22 އާއި ކ. މާލެ، މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް، 18، އާއި ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާން އިބްރާހިމް، 18، އަދި ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު، 27 އާއި 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
އެ މީހުންގެ ތެރެއިން ކުޑަ ކުއްޖާ ފިޔަަވައި ދެން ތިބި ހަތަރު މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ކުއްޖާގެ ބަންދަށް މުއްދަތު އިތުރުކުރުމަށް ހަތަރު ފަހަރެއްގެ މަތިން މިހާތަނަށް ކޯޓަށް ހާޒިރުކޮށްފައިވާއިރު އެންމެ ފަހުން ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މާރާމާރީއާ ގުޅިގެން ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ މާރާމާރީ ހިންގީ ގްރޫޕެއްގެ ލީޑަރަކު މަގުމަތިން ހުއްޓުވުމުން އޭނާގެ ގަދަރަށް އަރައިގަތް ކަމުގެ ރުޅިވެރިކަމާ އެކު އިންޒާރުދީ ބަދަލު ހިފަން ކަމަށެވެ.