10 ޖޫން 2022 - 14:42

ރާއްޖޭގެ އިގްތިސޯދީ ހާލަތު މިވަގުތު އޮތް ގޮތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުތަކާ މެދު ނުރުހުން ފާޅުކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފި އެވެ.

މިދިޔަ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ދުނިޔޭގެ އިގްތިސޯދަށް ބަދަލުތަކެއް އައި ނަމަވެސް ރާއްޖޭގެ އިގްތިސޯދު އަދި ހުރީ ރަނގަޅަކަށް ކަމަށާއި ރާއްޖޭގައި މިވަގުތު ކުރިއަށްދާ ބްރިޖް މަޝްރޫއު ކަހަލަ ބޮޑެތި މަޝްރޫއުތަތަކީ ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތަކެއް ކަމަށް ކަމުން، އެ މަޝްރޫއުތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްރޫއުތައް ހުއްޓާލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސްގެ އެ ވާހަކަތަކަށް ރައްދުދެއްވައި ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަގަހަ ޖަލްސާގައި ޔާމީން ވިދާޅުވީ ދުނިޔެ ބޮޑު ތަދަކާ ދިމާލަށްދާއިރު ރާއްޖެ ވެސް ތަދަކާ ދިމާލަށްދާނެތީ ހުރިހާ ރައްޔިތުން ހަރަދުކުޑަކުރުމަށް ރައީސް ވެސް ވިދާޅުވާ ކަމަށެވެ. އެކަމަކު ތަދަކާ ދިމާލަށް ދިޔަ ނަމަވެސް އެކަމަށް ހާސް ނުވުމަށް ރައީސް ވިދާޅުވާތީ އެކަމާ ޔާމީން ނުރުހުން ފާޅުކުރެއްވި އެވެ.
"މި ބުނަނީ ރައްޔިތުން ހާސް ނުވާށޭ. މިވަރުގެ މީހަކު މިވަރުގެ މައްސަލައެއްގައި އުޑާ ބިމާހާ ތަފާތު ދެ ވާހަކައެއް ބުނީމަ ރައްޔިތުންނަށް އޮޅޭނެ ދެއްތޯ. ރާއްޖެ ތަދަކާ ދިމާލަށް ދަނީއޭ. އެކަމަކު ރައްޔިތުން ހަމަޖެހިގެން ތިބޭށޭ ވިދާޅުވީމަ އޮޅުން އަރަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ދުނިޔޭގެ އިގްތިސޯދު ކައިރިން ބަލަމުންދާ ކަމަށް ރައީސް ވިދާޅުވާއިރު ރާއްޖެ އޮތީ ވަރަށް ނާޒުކު ހިސާބެއްގައި ކަމަށެވެ. ދުނިޔެއަށް ކުރިމަތިވާ ކަމެއް ރާއްޖެއަށް ކުރިމަތިނުވެ ނުދާނެ ކަމަށާއި އިގްތިސޯދީ ތަދުމަޑުކަން ރާއްޖެއަށް ފޯރާއިރު މާބޮޑަށް އެކަން ކުރިމަތިވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ހިންގުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ބުނެ އިގްތިސޯދު ރަނގަޅުވާނެ ކަމަށް ވިދާޅުވިޔަސް އެކަން ނުވާނެ ކަމަށެވެ.
"ހަމައެކަނި ރައްޔިތުން ކައިރި ހަރަދުކުޑަވާނެއޭ ބުންޏަސް ހަރަދުކުޑަކުރަންވީ ގޮތް ހަރަދުކުޑަކުރަން ޖެހޭ ގޮތް އެބަ އެނގެން ޖެހޭ. ދުނިޔޭގައި ގަބޫލުކުރަމުން އަންނަ ސިޔާސަތަކީ މިގޮތަށް އިގްތިސޯދީ ރިސެސްއަކަށް ނޫނީ އިކޮނޮމީ ދަށްވެގެން ދަންޏާ ހާއްސަކޮށް ކުރަންޖެހޭ ކަމަކީ ދައުލަތުން އިކޮނޮމީއަށް ޕަމްޕްކުރާ ލާރި ގިނަކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.
އިގްތިސޯދު ދަށްވާ ހާލަތްތަކުގައި ދައުލަތްތަކުން އިކޮނޮމީއަށް ޕަމްޕުކުރާ ފައިސާ ގިނަ ކުރަންޖެހުނު ނަމަވެސް ރާއްޖޭގައި ވަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ ބްރިޖު މަޝްރޫއުއާއި ދެން ހުރި މަޝްރޫއުތައް ވެސް ހުއްޓާ ނުލައި ކުރިއަށް އެބަދާ ކަމަށެވެ. އެކަމަކު ބްރިޖުގެ ސަބަބުން 600 މިލިއަން ޑޮލަރު ލިބެނީ އިންޑިއާގެ ކުންފުންޏަކަށް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ތިޔާގިވާނެ ގޮތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސޯދަށް ޕަމްޕުކުރިޔަސް އެދަނީ ރާއްޖޭގެ އިގްތިސޯދަކަށް ނޫނޭ. އެ ދަނީ ރާއްޖެއިން ބޭރަށް. އެހަށް ދުވަހު ހަތް ހޮސްޕިޓަލެއް އަޅަން އިއުލާންކުރި. އެ ދަނީ ބޭރުގެ ކުންފުންޏަކަށް. މިއީ ރާއްޖެއަށް ނިކުންނަ އެއްޗެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ފައިސާ އަގު ވެއްޓުމާ ގުޅިގެން އެއްޗެއް ބުނާއިރަށް ފަތުރުވެރިކަން ރަނގަޅުކަމަށާއި ފައިސާގެ އަގު ނުވެއްޓޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓުން ދައްކަނީ އެފަދަ ހާލަތަކަށް ވެސް ރާއްޖެ ތައްުޔާރުވެފައި އޮންނަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ރައީސް މަސައްކަތްކުރެއްވީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ތުހުމަތުކުރައްވައިފަ އެވެ. އަދި ރައްޔިތުންނަށް ސާފު ބަހުން ކަންކަން އޮޅުން ފިލުވައިދިނުމަކީ ރައީސްގެ ޒިންމާއެއް ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވެސް ފާޑުވިދާޅުވި އެވެ.