10 ޖޫން 2022 - 11:18

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހދ. ވައިކަރަދޫ ކައުންސިލްގެ ކުރީގެ މެމްބަރު އަދި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން) އަށް ވަރަށް ބޮޑަށް އަނިޔާވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އެމްޑީޕީގެ ހަރަކާތްތަކުން ފެންނަ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ހާޝިމް އެކްސިޑެންޓްވީ މާލޭގައި ޓޯޔާޑް ކައިރިން މަގު ހުރަސްކުރަނިކޮށް ސައިކަލެއްގައި ޖެހިގެންނެވެ.
އެނގިފައިވާ ގޮތުގައި އެވަގުތު އެތަނުން ދިޔަ ޓްރީޓޮޕް ހޮސްޕިޓަލުގެ އެމްބިއުލާންސެއްގައި އޭނާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އޭނާ ގޮވައިގެން އެމްބިއުލަންސަށް އެރި މީހުން ބޭނުންވީ، އޭޑީކޭ ހޮސްޕިޓަލަށް ދާން ކަމަށާއި އެކަމަކު އޭނާ ގެންދިޔައީ ޓްރީ ޓޮޕަށް ކަމަށް "މިހާރު"އާ ވާހަކަ ދެއްކި މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ހާޝިމްގެ ބޮލަށެވެ.
ޓްރީ ޓޮޕަށް ގެންދިޔަ ނަމަވެސް އޮޕަރޭޝަނެއް ކުރަން ރޭ ދަންވަރު އޭޑީކޭއަށް ވަނީ ބަދަލުކޮށްފަ އެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ.