10 ޖޫން 2022 - 10:53

ލަންޑަން (ޖޫން 10) - ނިމިދިޔަ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު، ހާސިލު ކުރި ޓޮޓެންހަމް ހޮޓްސްޕާސްގެ ދެކުނު ކޮރެއާ މިޑްފީލްޑަރު ސޮން ހެއުން މިން، މި ސީޒަނުގެ ޕްރޮފެޝަނަލް ޕްލޭޔާސް އެސޯސިއޭޝަން (ޕީއެފްއޭ) އެވޯޑުގައި ބާކީ ވެއްޖެ އެވެ.

ސޮން ވަނީ ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހާ އެއްވަރަށް، މި ސީޒަނުގައި ލީގުގައި ކުޅުނު 35 މެޗުން 23 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށް، އޭނާ ވަނީ ޓޮޓެންހަމަށް ޔޫއެފާ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ނަމަވެސް އިންޑިވިޖުއަލް އެވޯޑްތަކަށް ސޮން ނޮމިނޭޓް ވެސް ނުވާއިރު، 'ޓީމް އޮފް ދަ އިޔާ' އިން ވެސް ފުރުސަތެއް ނުލިބުނެވެ.

ސޮން އާއެކު ޖޮއިންޓް ޓޮޕްސްކޯރާގެ މަގާމް ހޯދި ސަލާހުގެ ގޯލުތަކުގެ ތެރެއިން ފަސް ގޯލު އައީ ޕެނަލްޓީ އިންނެވެ. އެކަމަކު ސަލާހް އެއަދަދަށް ގޯލް ޖެހީ ޕެނަލްޓީ އާ ނުލަ އެވެ. އަދި އޭނާ ވަނީ 13 ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީ، އެންމެ ގިނަ އެސިސްޓާ އެކު އެންމެ މޮޅު ޕްލޭމޭކަރުގެ އެވޯޑް ވެސް ހޯދައިފަ އެވެ.
މިއާ އެކު ސަލާހު ވަނީ އިއްޔެ ހޮވި 'ޕީއެފްއޭގެ ޕްލޭޔާސް ޕްލޭޔާ އޮފް ދަ އިޔާ' އެވޯޑް ހާސިލް ކޮށްފަ އެވެ. ސަލާހާ އެކު ލިވަޕޫލަށް އެންމެ ޕޮއިންޓަކުން ލީގު ގެއްލުނު ނަމަވެސް އެޓީމު ވަނީ ލީގް ކަޕާއި އެފްއޭކަޕް ކާމިޔާބު ކޮށްފަ އެވެ.
މިއީ ސަލާހު މި އެވޯޑް ހޯދި ދެވަނަ ފަހަރެވެ. އަދި މިއާ އެކު އޭނާ ވަނީ ދެ ފަހަރު މި އެވޯޑް ހާސިލް ކޮށްފައިވާ، ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ގަރެތު ބޭލް އާއި ކެވިން ޑިބްރޭނާ އަދި ކުރީގެ ކުޅުންތެރިން ކަމަށްވާ މާކް ހިއުޒް އާއި އެލަން ޝިއެރާ އަދި ތިއެރީ އޮންރީގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ.
އޭނާ މި އެވޯޑް ހޯދީ އެޓީމުގެ ސެޑިއޯ މާނޭ އާއި ވާޖިލް ވެން ޑައިކް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ރޮނާލްޑޯ އާއި ޓޮޓެންހަމްގެ ހެރީ ކޭން އަދި ވޭތުވެދިޔަ ދެ އަހަރު އެވޯޑް ހޯދި ޑިބްރޭނާއާ ވާދަ ކޮށެވެ. ހަމަ އެއާ އެކު ސަލާހު ވަނީ 'ޕީއެފްއޭ ފޭންސް ޕްލޭޔާ އޮފް ދަ އިޔާ' އަދި ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ދޭ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހާސިލް ކޮށްފަ އެވެ.
ޕީއެފްއޭ އިން ހޮވާ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އެވެ. މިދިޔަ ސީޒަނުގެ ޕީއެފްއޭ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދި ފޮޑެން ވަނީ، މިދިޔަ ދެ ސީޒަނުގެ ޕްރިމިއާ ލީގުގެ ވެސް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
މިއާ އެކު އޭނާ ވަނީ ދެ ފަހަރު އެވޯޑް ހާސިލް ކޮށްފައިވާ ރަޔާން ގިގްސް އާއި ރޮބީ ފައުލާ، ވޭން ރޫނީ އަދި ޑެލޭ އަލީގެ ރެކޯޑާ ހަމަ ކޮށްފަ އެވެ. ޕީއެފްއޭ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ފޮޑެން ދިފާއު ކުރީ އާސެނަލްގެ ބުކަޔޯ ސަކާ އާއި އެމީލް ސްމިތުރޯ އަދި އެސްޓަން ވިލާގެ ޖޭކޮބް ރަމްސޭގެ އިތުރުން ޗެލްސީގެ ރީސް ޖޭމްސް އާއި ކްރިސްޓަލް ޕެލަސް އަށް ކުޅުނު ކޮނޯ ގަލަގާއާ ވާދަ ކޮށެވެ.
'ޕީއެފްއޭ ޓީމް އޮފް ދަ އިޔާ' ގައި ވެސް އެންމެ ގިނައީ ލިވަޕޫލް ކުޅުންތެރިންނެވެ. އެޓީމުގެ ހަ ކުޅުންތެރިން ޓީމުގައި ހިމަނައިފައި ވެވެ. ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން ހިމެނުނީ ތިން ކުޅުންތެރިންނެވެ. ދެން ހިމެނެނީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިއެކެވެ.
ގޯލްކީޕަރު: އެލިސަން ބެކާ (ލިވަޕޫލް)
ޑިފެންޑަރުން: ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް (ލިވަޕޫލް)، ވާޖިލް ވެން ޑައިކް (ލިވަޕޫލް)، އެންޓޯނިއޯ ރުޑިގާ (ޗެލްސީ)، ޔާއޯ ކަންސެލޯ (މެންޗެސްޓާ ސިޓީ)
މިޑްފީލްޑަރުން: ކެވިން ޑިބްރޭނާ (މެންޗެސްޓާ ސިޓީ)، ތިއާގޯ އަލްކަންތާރާ (ލިވަޕޫލް)، ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)
ފޯވާޑުން: ސަޑިއޯ މާނޭ (ލިވަޕޫލް)، ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް)، މުހައްމަދު ސަލާހު (ލިވަޕޫލް)