29 ޑިސެމްބަރ 2016 - 08:40

ޒިއުރިކް (ޑިސެމްބަރު 29) – ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 48 ޓީމާ އެކު ކުރިއަށް ގެންދަން ދުނިޔޭގެ އެކި ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުގެ ތާއީދު ލިބިފައިވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
އިންފަންޓީނޯގެ ކެމްޕެއިން ވައުދެއް ފުއްދަން ހުށަހަޅުއްވާފައިވާ ޕްލޭނުގައިވާ ގޮތުގައި ވޯލްޑް ކަޕުން 48 ޓީމަށް ފުރުސަތު ލިބޭނެ އެވެ. އަދި ތިން ޓީމު ހިމެނޭ 16 ގްރޫޕް އޮންނައިރު ކޮންމެ ގްރޫޕަކުން ދެ ވަނަ ބުރަށް ހޮވޭނީ ގަދަ ދެ ޓީމެވެ.
އިންފަންޓީނޯ ވަނީ 48 ޓީމުގެ ވޯލްޑް ކަޕް ކުރިއަށްގެންދާނެ އިތުރު ޕްލޭނެއް ވެސް އިއުލާންކުރައްވައިފަ އެވެ. އޭގެ ތެރޭގައި އޮޓޮމެޓިކުން 16 ޓީމަކަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުމަށް ފަހު ބާކީ 32 ޓީމުގެ މެދުގައި ނޮކްއައުޓް ބުރެއް ކުޅުމަށް ފަހު ހޮވޭ 16 ޓީމަށް ގްރޫޕް ސްޓޭޖުން ފުރުސަތު ދިނުން ހިމެނެ އެވެ.
ދުބާއީގައި ކުރިއަށްދާ ސްޕޯޓްސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ 48 ޓީމުގެ ފޯމެޓަކީ މާލީ ގޮތުން ބަލާއިރު ވެސް އެންމެ ފައިދާހުރި ފޯމެޓްކަމަށާއި އަބަދުވެސް ވިސްނަން ޖެހޭނީ ގިނަ ބަޔެއްގެ ބައިވެރިވުން ބާއްވަން ކަމަށެވެ.
"މިކަމާ ބެހޭގޮތުން އެސޯސިއޭޝަންތަކާ ކުރި މަޝްވަރާތަކުގައި ލިބުނީ ހޫނު ތަރުހީބެއް. އެކަމަކު އިތުރު ބައްދަލުވުންތައް ބާއްވައި މިކަމާ މަޝްވަރާކުރަން ޖެހޭ،" އިންފަންޓީނޯ ވިދާޅުވި އެވެ.
އިންފަންޓީނޯގެ މި ޕްރޮޕޯސަލާ މެދު ފީފާ ކައުންސިލްގައި އަންނަ މަހުގެ 9 ވަނަ ދުވަހު މަޝްވަރާކުރާނެ އެވެ. މި ބަދަލު ގެންނަން ފާސްވިޔަސް 2026 ގެ ކުރިން ބަދަލު ގެންނާނެ ކަމަށް ނުބެލެވެ އެވެ.
އިންފަންޓީނޯގެ ޕްރޮޕޯސަލަށް ތާއީދު އޮތް ކަމަށް އޭނާ ވިދާޅުވިއިރު ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން ވަނީ މިކަމާ ދެކޮޅު ހަދައިފަ އެވެ. ވޯލްޑް ކަޕުގައި ވާދަކުރާ ގައުމުތަކުގެ ކުޅުންތެރިންގެ 80 ޕަސެންޓް ނިސްބަތްވަނީ ޔޫރަޕުގެ ކްލަބްތަކަށް ވާތީ އެ އެސޯސިއޭޝަނުގެ ބަސް މިކަމުގައި މުހިއްމެވެ. މި ބަދަލުގެ ޓެކްނިކަލް ސްޓަޑީ ނުލިބޭތީ މިކަމާ ބެހޭގޮތުން ވާހަކަދެއްކެން ނެތް ކަމަށް ޔުއެފާގެ ރައީސް އަލެކްސެންދާ ކެފެރިން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މި ބަދަލުތަކާ މެދު ޔޫރަޕް އެހާ ހިތްހަމަޖެހޭ ކަމަށް ނުބެލެވެ އެވެ.