09 ޖޫން 2022 - 23:38

އެތައް އަހަރެއް ވަންދެން ދަރިން ސްކޫލް ނުފޮނުވާ އަދި ދަރިއެއްގެ ކައިވެނި އަމިއްލަ އަށް ކޮށްދިން ބައްޕައަކު އެއް އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ފެންމަތިވި އެ މައްސަލައާ ގުޅިގެން، ދައުލަތުން މީހެއްގެ މައްޗަށް ދައުވާކުރީ އޭނާގެ ތިން އަންހެން ކުދިން ސްކޫލަށް ނުފޮނުވުމާއި އޭނާގެ އެހެން އަންހެން ކުއްޖެއްގެ ކައިވެނި އޭނާ އަމިއްލަ އަށް 2018 ވަނަ އަހަރުގެ ކޮށްދީފައިވާތީ އެވެ.
އެ މައްސަލަ ސަމާލުކަމަށް އައިއިރު، އެ ކުދިން ވަރަށް ބޮޑުވެއްޖެ އެވެ. ތަހުގީގުން އެނގުނު ގޮތުގައި އޭގެ ތެރެއިން އުމުރުން 17 އަހަރުގެ ކުއްޖާ ސްކޫލަށް ފޮނުވީ ގްރޭޑް ތިނަކާ ހަމައަށެވެ. އަދި އުމުރުން 16 އަހަރުގެ ކުއްޖާ ފޮނުވީ ގްރޭޑް އެކަކާ ހަމައަށެވެ. ދެން ހުރި އުމުރުން 12 އަހަރުގެ ކުއްޖާ ފޮނުވީ ޔޫކޭޖީއާ ހަމައަށެވެ. އަދި 20 އަހަރުގެ ކުއްޖަކު ވެސް އެ މައްސަލަ ފެންމަތިވިއިރު އޭނާގެ ހުއްޓެވެ. އެ ކުއްޖާ ބުނެފައިވާ ގޮތުގައި އޭނާ ކިޔަވަން ފޮނުވީ ގްރޭޑް ފަހަކާ ހަމައަށެވެ.
އެ މީހާ ކޯޓުގައި ބުނެފައިވާ ގޮތުގައި އެ ކުދިން ސްކޫލަށް ނުފޮނުވީ ދެ ޖިންސު އެއްކޮށް ކިޔަވައިދޭތީ އާއި ލަވަ އާއި މިއުޒިކް ސްކޫލްގައި ޖަހާތީ އެވެ. އަދި އެކަންކަން އިސްލާހުކުރަން އޭނާ އެދުނު ކަމަށާއި ނަމާދަށް ދާން ހުރަސް އެޅޭ ގޮތަށް ސްކޫލުން އަމަލުކުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އެކަމަކު ސްކޫލަށް ނުފޮނުވުމަކީ ކުށެއްކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
ދަރިފުޅުގެ ކައިވެނި އަމިއްލަ އަށް ކޮށްދިނީ އެއީ ދީނީ ގޮތުން އެކަން ކުރެވޭނެތީ ކަމަށް ވެސް އޭނާ ކޯޓުގައި ބުންޏެވެ. އަދި އެކަން ނުކުރެވޭނެ ކަމަށް ބުނާ ދަލީލެއް ފެންނަން ނެތް ކަމަށް އެ މީހާ ބުނެފައިވެ އެވެ.
އޭނާގެ މައްޗަށް ކުރީ ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.
ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައި ވަނީ އަމިއްލަ ވިސްނުންތަކެއްގެ ސަބަބުން ދަރިންގެ ތައުލީމަށް ހުރަސް އެޅުމުގެ އެއްވެސް ހައިސިއްޔަތެއް އެ މީހާއަކަށް ނެތް ކަމަށެވެ. އަދި އެއީ އިސްލާމްދީނުގެ އިލްމު ކިޔަވައިގެން ހުރި މީހަކަށް ނުވާއިރު، ދީނީ ގޮތުން ކަންކަން އޮންނަ ގޮތް އޮޅުން ފިލުވަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ދަރިން ސްކޫލަށް ނުފޮނުވި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމަށް ފަހު، ގާޒީ ނިންމެވީ ގާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އެއީ އެއް އަހަރަށް ޖަލަށްލުމެވެ.
އެ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އެ މީހާ އެދުނަސް، ގާޒީ ނަދީމް ހުކުމުގައި ވިދާޅުވީ، އެ މީހާގެ އެ އަމަލުގެ ސަބަބުން "ގެއްލިގެންދިޔަ ދަރިންގެ މުސްތަގްބަލާއި ތައުލީމާއި ތަރުބިއްޔަތަކީ އަނބުރާ ހޯދައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި ޖޫރިމަނާއަކަށް އަދަބު ބަދަލު ނުކުރަން ގާޒީ ނިންމެވި އެވެ.
ހުއްދަ ނެތި ކައިވެނިކޮށް ދިނުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމްކުރިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ތަންފީޒު ކުރަންޖެހޭނީ ތިން މަހާއި 20 ދުވަހެވެ. ދެ ހުކުމް އެއްކޮށް ތަންފީޒު ކުރަން ޖެހޭނީ އެއް އަހަރާއި ތިން މަހާއި 20 ދުވަހެވެ.