29 ޑިސެމްބަރ 2016 - 08:48

ނިއު ޔޯކް (ޑިސެމްބަރު 29) - އިޒްރޭލަށް ލިބިފައިވާ އިހުތިރާމް ކުޑަ ކުރަން އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އެމެރިކާގެ ރައީސް ކަމުގެ ހުވާ ކުރެވެންދެން އިޒްރޭލުން ހިތްވަރުކޮށްލައިގެން ތިބުމަށް އެދިވަޑައިގެންފަ އެވެ. ރައީސްކަމުގެ ހުވާ ކުރައްވާނީ ޖެނުއަރީ 20 ގަ އެވެ.
ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކާފައި މި ވަނީ ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓާލުމަށް އިޒްރޭލަށް ގޮވާލުމަށް ސަލާމަތީ މަޖިލީހުން ހުކުރު ދުވަހު ފާސްކުރި ގަރާރާ ގުޅިގެންނެވެ. ގަރާރު ފާސްވީ އެމެރިކާ އިން ވީޓޯ ނުކުރުމުންނެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ވެރިކަމުގައި އިޒްރޭލް "އެއްކަނަކަށް ދޫކޮށްލާފައި" ނުބާއްވާނެ ކަމަށެވެ. އަދި އިޒްރޭލަށް އިހާނެތިކޮށް ހިތުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އިޒްރޭލަށް ދެއްވާ ހިތްވަރާއި ގާތްކަމަށް ޓަކައި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޓްރަމްޕަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަަނެއްކޮޅުން ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް އުފައްދައިގެން މެދުއިރުމައްޗަށް ސުލްހަ ހޯދުމުގެ އުއްމީދު ފަނޑުވެއްޖެ ޖަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ އިންޒާރު ދެއްވައިފަ އެވެ. އަދި އިޒްރޭލުން ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓުވުމަށް ސަލާމަތީ މަޖިލީހުގެ ގަރާރު ފާސްވެފައި ވަނީ ވެސް އެމެރިކާ އިން ގަބޫލްކުރާ ހަމައާ އެއްގޮތަށް ކަމަށް ކެރީ ވިދާޅުވި އެވެ.
ކެރީ ވިދާޅުވީ މެދުއިރުމައްޗަށް ސުލްހަ ހޯދޭނީ ދެ ދައުލަތް ގާއިމްކޮށްގެންކަން އިޒްރޭލުން ގަބޫލްކުރާ އިރު ވެސް އެ ގައުމުގެ އަމަލުތައް ހުރީ އެއް ދައުލަތް އުފެއްދުމުގެ މައްޗަށް ކަމަށެވެ.
ކެރީ އަށް ރައްދު ދެއްވާ ނަތަންޔާހޫ ވިދާޅުވެފައި ވަނީ ކެރީ ދެއްކެވީ "ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައިވާ" ވާހަކަތަކެއް ކަމަށެވެ.
އިޒްރޭލުން 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހިފިފަހުން ހެދި 140 އަށް ވުރެ ގިނަ އާބާދީގައި ވަނީ ފަސް ލައްކަ އަށް ވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވައިފަ އެވެ.