ރައީސް ބަލިކޮށްލަން ޔާމީނަށް ފަސޭހަވާނެ: އާދަމް ޝަރީފް
ރައީސް ބަލިކޮށްލަން ޔާމީނަށް ފަސޭހަވާނެ: އާދަމް ޝަރީފް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކޮށްލަން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ފަސޭހަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ބޭއްވެވި ނިއުސް ކޮންފަރެންސްގައި އެމަނިކުފާނު ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން ފުރަތަމަ ފަހަރަށް ވަނީ އިއުލާން ކުރައްވައިފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމްގެ އުއްމީދީ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އެ ޕާޓީން ރަސްމީކޮށް އެމަނިކުފާނާ އަދި ޓިކެޓް ހަވާލެއް ނުކުރެ އެވެ. ޓިކެޓް ހަވާލުކުރަން ބާއްވަން އުޅުނު ކައުންސިލް ބައްދަލުވުން ފަސްކޮށްލީ، އިންޑިއާ އައުޓް ކެމްޕޭނަށް ރައީސް ޔާމީން އިސްކަންދެއްވަން ބޭނުންފުޅުވުމުން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

އާދަމް ޝަރީފް ވަނީ ރައީސް ބަލިކޮށްލަން ޔާމީނަށް ފަސޭހަވާނެ ކަމަށް ގަބޫލުކުރައްވާ ސަބަބުތައް ދައްކަވައިފަ އެވެ.

"އެއީ ސަރުކާރު ސްލޯވުމާއި ކޮރަޕްޝަން ގިނަވުމާއި މަރުތަކަށް އިންސާފު ނުލިބުމާއި މަތިބަރު ސަރުކާރެއް އޮތުމާ އެކު ވެސް ހިދުމަތް ނުލިބޭތީ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ސިފަކުރެއްވި ގޮތުގައި، "ރައީސް ޔާމީން އަކީ ތަރައްގީގެ ބްރޭންޑެކެ"ވެ.

މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ފަސް އަހަރަށް ޖަލު ހުކުމެއް ޔާމީން އިއްވިޔަސް ސުޕްރީމް ކޯޓުން މިނިވަންވެ އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރަހެއް މިހާރަކު ނެތެވެ. އެކަމަކު މަނީ ލޯންޑްރިން އާއި ރިޝްވަތު ހިފުމުުގެ ދެ ދައުވާއެއް އުފުލައި ޝަރީތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.