ހިޔާ ފްލެޓަށް ފައިސާ ނުދައްކާ މީހުންނަށް ޖޫރިމަނާއާ އެކު ފައިސާ ދައްކަން އަންގަން ފަށައިފި
ހިޔާ ފްލެޓަށް ފައިސާ ނުދައްކާ މީހުންނަށް ޖޫރިމަނާއާ އެކު ފައިސާ ދައްކަން އަންގަން ފަށައިފި

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކަށް އެއްބަސްވުމާ އެއްގޮތަށް ކުލި ނުދައްކާ މީހުން ޖޫރިމަނާކޮށް، ފައިސާ ދެއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގަން ފަށަައިފި އެވެ.

ހަތް މަހަށް ކުލި ފަސްކޮށްދިނުމަށް ފަހު މިދިޔަ އޭޕްރީލް މަހުގައި ކުލި ނަގަން ފެށި ހިޔާ ފްލެޓަށް ސަރުކާރުން ކަނޑައަޅާފައި ވަނީ 7،500 ގެ މަހު ކުއްޔަކާ އެކު ސާވިސް ފީއަށް 1،000 ދެއްކުމަށެވެ. އެ އަގު ބޮޑުވެގެން މުޒާހަރާކޮށް ކުލި ދައްކަން ދެކޮޅު ހެދިޔަސް އަގަށް ބަދަލެއް ނުގެނެސް ސަރުކާރުން ވަނީ މީގެ ތިން މަސް ކުރިން ކުލި ނަގަން ފަށައިފަ އެވެ.

ކުލި ނުދައްކާ ގިނަ ބަޔަކު ފްލެޓުގައި އަދިވެސް އެބަ އުޅެ އެވެ. އެ މީހުންނަށް އެޗްޑީސީން މިހާރު އަންނަނީ ފައިސާ ދެއްކުމަށް އަންގައި ފުރަތަމަ ޕޭމަންޓް އެޑްވައިސް ފޮނުވަމުންނެވެ.

އެޗްޑީސީން ފޮނުވަމުންދާ ލިޔުމުގައިވާ ގޮތުން އެއްބަސްވުމާ އެއްގޮތަށް މިހާތަނަށް ދައްކާފައި ނުވާ ފައިސާ އެ ލިޔުން ހަވާލުކުރާތާ 30 ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.

ބައެއް މީހުންގެ ފްލެޓްގެ އިންސްޓޯލްމަންޓާއި ޖޫރިމަނާ ހިމެނޭ ގޮތަށް ގާތްގަށޑަކަށް 20،000ރ. ދައްކަން އަންގާފައިވެ އެވެ. އެވަރުގެ އަދަދެއް އަރާނީ މިހާތަނަށް އެންމެ މަހަކު ވެސް ފައިސާ ނުދައްކާ ނަމަ އެވެ.

އެ ފައިސާ ނުދައްކައިފި ނަމަ، މަހުން މަހަށް އިތުރުވާނެ ކަމަށާއި ފައިސާ ދައްކާ ދުވަހާ ހަމައަށް ދައްކަން ޖެހޭ ފައިސާގެ އަދަދު "މައި ހުޅުމާލެ" ވެބް ޕޯޓަލް ނުވަތަ 1516 އަށް މެސެޖްކޮށްގެން ބެލޭނެ ކަމަށް އެޗްޑީސީގެ ލިޔުމުގައިވެ އެވެ.

ފްލެޓަށް ކުލި ދެއްކުމަށް އަންގަން ފެށިއިރު ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަނުން ވަނީ އެތަނުން ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި މެއިންޓަނެންސް ފީ ހިމެނޭ ގޮތަށް ކުލި ނަގަން ފެށުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ކުލި ނުދެއްކުމަށް ގޮވާލައި ބަޔާނެއް ވެސް ނެރެފަ އެވެ.

ފްލެޓް ލިބުނު މީހުން ބޭނުން ވަނީ އެތަނުގެ ކުލީގެ އަގު 5،600ރ. އަށް ބަދަލުކުރާށެވެ. އެކަމަކު މި ސަރުކާރުން ބުނާ ގޮތުގައި އެގޮތަށް ބަދަލުކޮށްފި ނަމަ، ފްލެޓް އެޅުމަށް ނެގި ލޯނު މުއްދަތަށް ނުދެއްކޭނެ އެވެ.