ރައީސްގެ ސާފު ޖަވާބާއި އޮތް ކަށަވަރުކަން!
ރައީސްގެ ސާފު ޖަވާބާއި އޮތް ކަށަވަރުކަން!

އެމްޑީޕީގެ ވެސް ވަރަށް ގިނަ މެމްބަރުންގެ ސުވާލަށް ސާފު ޖަވާބެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ދެއްވައިފި އެވެ؛ ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަމަށް އެއްބަސްވެވަޑައިގަތީ އެވެ. އެ މަނިކުފާނު އިއްޔެ އެ އިއުލާން ކުރެއްވީ، އެމްޑީޕީގެ އެތެރޭގައި އުފެދިފައި އޮތް ހަގީގީ ކޯޅުމުގައި، މިހާތަނަށް ސާފުކޮށް ވިދާޅުނުވެ އޮތް އަސްލު ސަބަބު ވެސް މެ އެވެ.

ރައީސްގެ ސާފު ޖަވާބާއި އޮތް ކަށަވަރުކަން!
ރައީސްގެ ސާފު ޖަވާބާއި އޮތް ކަށަވަރުކަން!

އެ ޕާޓީގެ ބައެއް ބޭފުޅުން މާނަކުރައްވާ ގޮތުގައި، ސާފުކޮށް ރައީސް ވިދާޅުވީ ރިޔާސީ ޓިކެޓުގެ "ހަނގުރާމަ" އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އެކު ނުކުންނެވި ކަމެވެ.

ރައީސްގެ ސާފު ޖަވާބާއި އޮތް ކަށަވަރުކަން!
ރައީސްގެ ސާފު ޖަވާބާއި އޮތް ކަށަވަރުކަން!

"އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވާ ނަމަ އަޅުގަނޑު މިހިރީ ޗޮއިސްއަކަށް" ރައީސް ވަރަށް ތިލަކޮށް ވިދާޅުވި އެވެ.

ނަޝީދު މީގެ ކުރިން ވަނީ، އެއް ދުވަސްވަރެއްގައި އެ މަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ލަފާނުކުރެއްވޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސްގެ ސާފު ޖަވާބެއް އިއްޔެ ދެއްވީ، އެ މަނިކުފާނު ވިސްނުންފުޅު ހާމަކުރައްވަން ދެކޮޅު ހައްދަވާތާ ގިނަ ދުވަސްތަކަކަށް ފަހު އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސުވާލު އިއްޔެ ވެސް އަމާޒުވުމުން، ފުރަތަމަ އުޅުއްވީ ރެކިވަޑައިގަތުމަށެވެ. އެކަމަކު ދޫ ނުދެއްވައި ނޫސްވެރިން ސުވާލު ތަކުރާރުކުރަން ފެށުމުން، ސާފު ޖަވާބެއް ދެއްވީ އެވެ.

އެއާއެކު ޕާޓީގެ ތެރޭގައި، އެ މަނިކުފާނު ރިޔާސީ ރޭހަށް ވާދަކުރެއްވުމާ ގުޅޭ ގޮތުން ދައްކަވާ ބައެއް ވާހަކަތަކަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެއް ކަމަކީ، ޕްރައިމަރީއަކަށް ނުގޮސް ދެން އޮންނަ ކޮންގްރެސްގައި ޓިކެޓް ހަވާލުކޮށްފާނެ ކަމުގެ ކަންބޮޑުވުމުވެ.

ރައީސް ވިދާޅުވި ގޮތުގައި ޕާޓީގެ އަސާސީ ގަވާއިދުގައި އޮތީ ޕްރައިމަރީ އަކުން ރިޔާސީ ކެންޑިޑޭޓަކު ހޮވުން ކަމަށްވާ ނަމަ ކަންކުރަން ވާނީ އެގޮތަށެވެ.

"ޕްރައިމަރީއެއް ބާއްވަން ގަވާއިދުގައި އޮތް ކަމަށް ވަންޏާ އެކަން ކުރަން ވާނީ އެ ގޮތަށް. ޑިމޮކްރެޓިކް އެންމެ ރަނގަޅު ގޮތަކީ ވެސް ޕްރައިމަރީއެއް ބާއްވައިގެން ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.

އިންތިހާބު ކާމިޔާބުވާނެ ކަމުގެ ކަށަވަރުކަން އޮތް ކަމަށް ރައީސް ދެއްކެވީ ދެ ސަބަބެކެވެ.

އެއް ކަމަކަށް ނުސީދާކޮށް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނަށް ތާއީދު އޮތް ކަމަށެވެ. މި ފަހުން އެމްޑީޕީން ބޭއްވި ހުރިހާ އިންތިހާބުތަކެއްގައި ނަޝީދާ ވާދަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކުރި ހޯއްދަވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހޮވަން ޖެހޭ ސަބަބަކަށް އޭނާ ދެއްކެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ހޮވަން އޭނާގެ މިސްރާބެވެ. ނަޝީދުގެ ކެންޑިޑޭޓް އިމްތިޔާޒް ފަހުމީ (އިންތި) ދެއްކެވީ، ނަޝީދު ޕާޓީން އެކަހަރިކޮށް، 2023 އެ މަނިކުފާނަށް ގެއްލުވާން އުޅޭ މަންޒަރެވެ. އެއީ، އެމްޑީޕީގެ އަސާސީ ސިފަތައް ވެސް ގެއްލުން ކަމުގައި މެމްބަރުންނަށް ސިފަކޮށްދެއްވި އެވެ.

އެމްޑީޕީން ދެ ވަނަ ދައުރެއްގެ ވެރިކަން ބޭނުން ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އެންމެ ފަސޭހަ އިން އެކަން ކާމިޔާބު ކުރެވެން އޮތީ އެ މަނިކުފާނަށެވެ. ޕާޓީ އާއި ރާއްޖޭގެ ރައްޔިތުންނަށް ފައިދާ އޮތް ގޮތަކީ ވެސް އެއީ ކަަމަށް ވިދާޅުވި އެވެ.

ފުރަތަމަ ދައުރުގައި ފަށާފައި ހުރި ގިނަ މަޝްރޫއުތައް ނިމެން ޖެހޭ ކަމަށާއި ރާއްޖެ އަށް ހަމަޖެހުމާއި ތަރައްގީ ގެނެވެން އޮތީ ދެ ދައުރެއްގައި ވެރިކަން ކުރަން ފުރުސަތު ލިބިގެން ކަމަށް ވިދާޅުވި އެވެ.

ދެ ވަނަ ސަބަބަކަށް ދެއްކެވީ ކޯލިޝަންގެ ފޯމިއުލާ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ އަށް ވެސް އެކަނި އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ ކަަމަށެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އިންތިހާބުތައް ބާއްވަން ފެށި ފަހުން ވެސް އެއް ޕާޓީއަކަށް ކާމިޔާބީއެއް ހޯދިފައެއް ނެތެވެ.

އެ ހަގީގަތް އެހެން އޮތުމާ އެކު، ދެން އޮތް ގޮތަކީ ކޯލިޝަނަކަށް ދިއުން ކަަމަށާއި އެކަން ފަސޭހައިން ކުރެއްވެން އޮތީ އެ މަނިކުފާނަށް ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ގިނަ ޕާޓީތައް އެކުލެވިގެން ނޫން ގޮތަކަށް އެކަން ނުކުރެވޭނެ. އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަލާ އެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާ އެކީ ނުކުމެ 2023 ކާމިޔާބުކުރެވޭނެ ކަން،" ރައީސް ވިދާޅުވި އެވެ.

"[އެމްޑީޕީން] ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ."

މިހާތަނަށް އެންމެ ގިނަ ދުވަހު ކޯލިޝަން ވެރިކަމެއް ދެމެހެއްޓެވީ ރައީސަކީ ނޮވެމްބަރު 17، 2018 ގައި އެ މަގާމާ ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހެވެ. އަނެއްކާވެސް ކޯލިޝަނާ އެކު ކުރިއަށް ވަޑައިގެންނެވޭނީ އެ މަނިކުފާނަށް ކަމުގެ ޔަގީންކަން އެ ދެއްވީ އެ ސަބަބާ ގުޅުވަ އެވެ.

ކޯލިޝަނަކުން ވެރިކަން ކުރުމާ ނަޝީދު ދެކޮޅެވެ. އެ މަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި، ކޯލިޝަނަކުން ވެރިކަން ކުރުމަކީ ސިއްރު އެއްބަސްވުންތަކަކުން ގިނަ ޕާޓީތަކަކަށް ބައި އެޅުމެވެ.

ރައީސްގެ ޕްރެސް ކޮންފަރެންސް ނިމުނުތަނާ ހެން ނަޝީދުގެ ވިސްނުންފުޅު ހާމަކުރެއްވި އެވެ. އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވީ އަމިއްލަ އެދުން އިސްކުރެއްވި ކަމެވެ.

ނޫން ނަމަ، މި ހާލަތަކީ އަމިއްލަ އެދުން އިސްކޮށް ވެރިކަމަށް ފައި ނަގަންވީ ވަގުތު ނޫން ކަމަށް ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް އިސްކުރެއްވީ އަމިއްލަ އެދުމެއް ނޫނެވެ. ގައުމަށް އެންމެ ދަތިވި ހާލަތުގައި، އިއްޔެ އެ ދެއްވީ ރައްޔިތުންނާ އެކު
އެ މަނިކުފާނު ހުންނެވި ކަމުގެ އިތުބާރެެވެ. އިގްތިސާދީ ހާލަތު ރަނގަޅު ކުރައްވައި ގައުމާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަން ސާފުކޮށްދެއްވުމަކީ އިއްޔެ ކުރައްވަން އެންމެ ރަނގަޅު ކަންތައް ކަމަށް ވިދާޅުވި އެވެ.

"ދެ ވަނަ ދައުރަކަށް ކުރިމަތިލއްވާނަމޭ ވިދާޅުވުމަކީ އިގްތިސާދަށް ލިބުނު ހިތްވަރެއް. އެ މަނިކުފާނު އިގްތިސާދީ ކަންކަން ވަރަށް ރަނގަޅަށް އެބަ މެނޭޖު ކުރައްވާ،" ގަޕޯ ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައި އޮތް ހިޔާލުތަފާތުވުންތަކުގައި "ހަނގުރާމަ" އަދި ކިރިޔާ ފެށުނީ ކަމަށް ބައެއް މީހުންގެ ވިސްނުން ގަަޕޯ ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ "ފައިޓް ނިމިއްޖެ" ކަަމަށެވެ. އެ ފައިޓު ފެށުނުއިރާއި އެކުގައި ތިއްބެވި ބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ރައީސް އެ ވަނީ ކުރިމަތިލެއްވި ކޮންމެ ކަމެއް ވިން ކުރައްވާފައި. އެހެންވީމާ މިއީ އަސްލު ފައިޓު ފެށުނީއެއް ނޫން. އެ ނުކުންނަވަނީ ހުރި މައްސަލަތައް ހައްލު ކުރައްވަން ދެ ވަނަ ދައުރަކަށް. ގައުމު ދޫކުރައްވައި ނުވަތަ މައްސަލަތައް ދޫކުރައްވައި ވަޑައިގަންނަވަނީކީއެއް ނޫން. އެ ވިދާޅުވީ ހައްލު ކުރައްވަން ތައްޔާރަށޭ މި ހުންނެވީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް އެ ޔަގީންކަން ދެއްވަން، ގަޕޯ ވިދާޅުވި ގޮތުގައި، މި އަށް ވުރެން ވަކި ރަނގަޅު ވަގުތެއް ވެސް ނެތެވެ.

ގަޕޯ ވިދާޅުވި ގޮތުގައި ދެ ރައީސުންގެ ކުރިމަތިލެއްވުމަކުން އެމްޑީޕީއަށް ވާނެ ގެއްލުމެއް އިތުރަކަށް ނެތެވެ. ރިޔާސީ ޓިކެޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ތެރޭގައި ހިނގައިފި ކަމަށް ވިދާޅުވި އެވެ.

ދެ ރައީސުން ރިޔާސީ ޓިކެޓާއި ސިޔާސީ ކުރިމަގާ ދެމެދު ގޮތެއް ނިމުމުގައި، ދެން އޮތީ ދެ މަހެއްހާ ދުވަހެވެ. އެމްޑީޕީގެ އެތެރޭގައި މި ހިނގި ހުރިހާ ކަމަކަށް ބަލައި، އާއްމު މެމްބަރުން ބަސް ބުނާ ވަގުތެވެ. އަންނަ އޮގަސްޓުގައި އޮންނަ ކޮންގްރެސް އަށް ފަހު، ދެ ބޭފުޅުންގެ ސިޔާސީ ކުރިމަގު ކަނޑައެޅިގެންދާނެ އެވެ.

އޭގެ ކުރިއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި ޔަގީން ކަމަކީ ދެ ވަނަ ދައުރަކަށް އެ މަނިކުފާނު ތައްޔާރު ކަމެވެ. އެމްޑީޕީއަށް ދެ ވަނަ ދައުރެއް ކަށަވަރުވާން އޮތީ ވެސް އެ މަނިކުފާނާ އެކުގައި ކަަމެވެ.