ލަންކާގެ ހާލަތާ މެދު ދެރަވޭ، ދަރަނި ލުއިކޮށްދޭން އެހީވާނަން: ޗައިނާ
ލަންކާގެ ހާލަތާ މެދު ދެރަވޭ، ދަރަނި ލުއިކޮށްދޭން އެހީވާނަން: ޗައިނާ

ދަރަނިތައް އަދާނުކުރެވި އިގްތިސާދީ އަޑިގަނޑެއްގައި އޮތް ސްރީ ލަންކާގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި ދަރަނިތައް ލުއިކޮށްދިނުމުގައި އެހީތެރިވާން ތައްޔާރު ކަމަށް ޗައިނާއިން ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޗައޮ ލީޖިއަން ވިދާޅުވީ ލަންކާގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްދެވިދާނެ ކަމަށާއި ލަންކާގެ ހާލަތު އިހްސާސްކުރެވޭ ކަމަށެވެ.

ޗައޮ ވިދާޅުވީ ލަންކާގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި އެހީވެވޭނެ ކަމަށާއި އެކަމަށް ތައްޔާރަށް ޗައިނާ އޮންނާނެ ކަމަށެވެ.

ލަންކާގެ އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް ބޮޑެތި ލޯނުތަކެއް ޗައިނާއިން ދޫކޮށްފައިވާއިރު އެކަމަށް އިޝާރާތްކުރައްވަމުން ޗައޮ ވިދާޅުވީ މާލީ އިދާރާތަކާއި ލަންކާއިން މަޝްވަރާކޮށްގެން އެ ދަރަނިތަކަށް ލުއި ގޮތެއް ހޯދަން މަސައްކަތްކުރުމަށް ޗައިނާ ހިތްވަރުދޭ ކަމަށެވެ.

"ޗައިނާ ވެސް މި އޮތީ މާލީ އިދާރާތަކާއި ގައުމުތަކާ ވާހަކަ ދައްކައިގެން ލަންކާގެ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމުގައި އިސް ދައުރެއް އަދާކުރުމަށް ތައްޔާރަށް،" ޗައޮ ވިދާޅުވި އެވެ.

ތަރުޖަމާނު ވިދާޅުވީ މި ދަތި ވަގުތުގައި މި ހާލަތުން އަަރައިގަތުމަށް ލަންކާއިން ވެސް ރަނގަޅު ގޮތުގައި މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އިންވެސްޓްމަންޓްތަކަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ބޭރުގެ ދަރަނިތައް ނުދެއްކި ލަންކާ ޑިފޯލްޓް ވެފައި ވާއިރު މިއީ 1948 ވަނަ އަހަރަށް ފަހު އެ ގައުމަށް ކުރިމަތިނުވާ ހާލަތެކެވެ. ލަންކާގެ ދަރަނި 50 ބިލިއަން ޑޮލަރަށް އަރާއިރު އޭގެ ތެރެއިން ހަތް ބިލިއަން ޑޮލަރަކީ މި އަހަރުތެރޭ ދައްކަންޖެހޭ ފައިސާ އެވެ. އެކަމަކު ލަންކާއިން ވަނީ ފައިސާ ދެއްކެން ނެތްކަން އިއުލާނުކޮށްފަ އެވެ.