އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް
އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް

އިންޓަވިއު ފަށައިގަންނަމުން އެންމެ ފުރަތަމަ ވެސް އޭނާ ފާހަގަކުރީ އޭނާގެ ނަން މަހުރަޖްކުރުމުގައި ދިމާވެދާނެ އުނދަގޫ ކަމެވެ. ނަމުގައިވީ އުނދަގޫކަން ރައްޓެހިން ވަރަށް ގިނައިން ފާހަގަކުރާ ވާހަކަ އެވެ. ތެދެކެވެ. ދުލަށް އެންމެ ފަސޭހަ ނުވަތަ ކިޔަން އެންމެ ފަސޭހަ ނަމަކަށް 'އަތުޚަރު' ފަހަރުގައި ނުވެދާނެ އެވެ. އެކަމަކު މުއާމަލާތުކުރަން އެންމެ ފަސޭހަ އެކަކަށް މި ޒުވާނާ ވާނެކަން ޔަގީނެވެ. ކިޔަން އުނދަގޫ ނަމަކަށްވިޔަސް އަތުޚަރަކީ ހަގީގަތުގައި އެތައް ބަޔަކަށް ވަރަށް ބޮޑު ފަސޭހައެކެވެ. ވަކިން ހާއްސަކޮށް، އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނަސީބުން މަހްރޫމުވެފައިވާ މުޖުތަމައުގައި އުފާވެރިކަން ކަށަވަރުކޮށްދިނުމަށް އޭނާ ކޮންމެ ދުވަހަކު އަދާކުރަމުންގެންދާ ޒިންމާ އަކީ ހަގީގަތުގައި ވެސް އަގުނުކުރެވޭވަރުގެ ބޮޑު ހިދުމަތެކެވެ.

އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް
އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް

އެހެންވީމަ އަތުޚަރު އަކީ ކާކު ހެއްޔެވެ؟ އޭނާ ހާއްސަވާ ސަބަބާއި އޭނާގެ ހިދުމަތުގެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟ އަތުޚަރުގެ ވާހަކަ އަކީ ކޮބައި ހެއްޔެވެ؟

އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް
އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް

އުމުރުން 35 އަހަރުގެ ސައީދު އަތުޚަރަކީ ޕްރޮފެޝަންގައި ޓީޗަރެކެވެ. ހިސާބާއި އެކައުންޓްސްގެ ޓީޗަރެކެވެ. އުމުރުން 21 އަހަރުގައި އޭނާ ފެށި މި ދަތުރުގައި މި ވަގުތު މަސައްކަތްކުރަމުން އަންނަނީ މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގައި ލެކްޗަރާއަކަށެވެ. އެކަމަކު އަތުޚަރުގެ މި 'އަލި' މޫނާއި އޭނާގެ ހަރަކާތްތައް އަހަރެމެންނަށް އެންމެ އާންމުކޮށް ނުވަތަ އެންމެ ގިނައިން ފެންނަނީ އޭނާގެ ރަސްމީ އިމާއި ފުރާޅުގެ ބޭރުން މާ ބޮޑަށް ވެސް އެހެން ދިމާލަކުންނެވެ. – އަތުޚަރަކީ 'ޕްރޮފެޝަނަލް ރޭންޖު' ގައި ރާއްޖޭގެ ޑެފް ކޮމިއުނިޓީގައި މަސައްކަތްކުރާ ތިން މީހުންގެ ތެރެއިން އެކަކެވެ.

އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް
އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް

އިވެންޓްތަކާއި ޓެލެވައިޒްޑް ލައިވް އިވެންޓްތައް އަދި އިވުމާއި ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ނެތް މީހުންގެ އަސާސީ އިދާރީ ބޭނުންތައް ބޭނުންވާހާ އިރަކު ބޭނުންވާހާ ތަނެއްގައި ތަރުޖަމާކޮށްދޭން މާލޭގައި ހުރިހާ ތަނަކަށް 'ދުވަން' ތައްޔާރަށް ތިބި ތިން 'ތަރުޖަމާނުން' ގެ ތެރޭގައި ހުރި ހަމައެކަނި ފިރިހެން އިންޓަޕްރިޓާއެވެ. އަދި ހުކުރު ޚުތުބާ ޓީވީއިން ލައިވްކޮށް ބަލާ މީހުންނަށް އަތުޚަރުގެ މޫނު ވާނީ ޔަގީނަށް ވެސް ވަރަށް ރައްޓެހި މޫނަކަށެވެ.

އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް
އަތުޚަރުގެ އަތާއި ހިތުގެ ފުންމިނުން ތަރުޖަމާކޮށްދޭ އިހުސާސް

އެކަމަކު އޭނާގެ މޫނާއި ހިދުމަތާ އެންމެ ރައްޓެހި ބަޔަކަށް ވާނީ ޑޮކްޓަރަށް ދައްކަން ގޮސް ހުންނަ ހިއަރިން އިމްޕެއާޑް މީހާ އާއި ތަފާތު އެކި މައްސަލަތަކުގައި ގަވާއިދުން ރަސްމީ އިދާރާތަކާ މުއާމަލާތުކުރަން ޖެހޭ ޑެފް ކޮމިއުނިޓީގެ ހާއްސަ އެހީ ބޭނުންވާ މީހުންނެވެ. އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ހާއްސަ އެހީ އަށް ބޭނުންވާ މީހެއްގެ ޒާތީ ދިރިއުޅުމުގެ އުދާސްތައް ވެސް ރަސްމީ އިދާރާއަކަށް ނުވަތަ ތަޖުރިބާކާރަކަށް ވެސް ތަރުޖަމާކޮށްދޭން އަބަދުވެސް ތައްޔާރަށް ހުންނަ އެކަކަށް ސައީދު އަތުޚަރު ވީމަ އެވެ.

"ޑޮކްޓަރަށް ދައްކަން ދާން ޖެހުނަސް. އެބިއުސިވް ސީރިއަސް ކޭސްއަކަށްވިޔަސް ނުވަތަ އިނދެ ވަރިކުރުމުގެ މައްސަލައެއްގައި ވިޔަސް ހަމަ ގުޅާލާ އިރަށް ދާން އެބަޖެހޭ އެމީހުންގެ ތަރުޖަމާނެއްގެ ގޮތުގައި. މޯލްޑިވްސް ޑެފް އެސޯސިއޭޝަންގައި މިވަގުތު އަޅުގަނޑާއެކު ތިން ތަރުޖަމާނުން ތިބިއިރު މިއީ ހަގީގަތުގައި ވަރަށް ބޮޑު ގޮންޖެހުމެއް،" އަތުޚަރު ބުންޏެވެ.

"ހުރިހާ ހިއްސެއް ފުރިހަމަ ވަރަށް ގިނަ މީހުންގެ އަތުގައި މިފަދަ ކަމަކަށް ނުވަތަ އިވުމާއި ވާހަކަ ދެއްކުމުގައި ހާއްސަ އެހީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ވަގުތެއް ނެތް. އެހެންވީމަ އަޅުގަނޑު މި މަސައްކަތަށް ނުކުތީ އެކަން ވަރަށް ރަނގަޅަށް ދަނެގެން"

"އަޅުގަނޑަށް އިހުސާސުވޭ، އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ މީހެއްގެ އިހުސާސްތައް ތަރުޖަމާކޮށްދޭން އަޅުގަނޑު ނުގޮސްފި ނަމަ އެ މީހެއްގެ އެ އިހުސާސްތައް ކިޔައިދޭނެ އެހެން ގޮތެއް ނެތްކަން. އެ ހިސާބުން މުޖުތަމައެއްގެ ގޮތުގައި އެ އަރައިގަނެވެނީ މީހެއްގެ ހައްގަކަށް ކަން."

އިވުމާއި ވާހަކަ ދެއްކުމުގައި ހާއްސަ އެހީ ބޭނުންވާ މީހުންގެ ދުނިޔެ އަށް އަތުޚަރު ގޮސް ވެއްދީ މީގެ 10 އަހަރު ކުރިން އޭނާގެ އަމިއްލަ ދިރިއުޅުން ބަދަލުވެ ފުރޮޅެމުން ދިޔަ ހާލަތެކެވެ.

"ގޮތަކަށް ބުނަނީ ނަމަ އަޅުގަނޑު ފާޑަކަށް ޖޮބްލެސް. އެކަމަކު އެއަށް ވުރެ ބޮޑަށް އަޅުގަނޑު އޭރު ދިޔައީ އަޅުގަނޑު އަބަދުވެސް އެންމެ ކުރިއަށް ދާން ޝައުގުވެރިވި ދާއިރާ އަށް އެނބުރި ގޮސް ވަދެވޭނެ ފުރުސަތަކަށް ބަލަމުން،" މެތުސް އަދި އެކައުންޓިން ޑިގްރީ އަށް ފަހު ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ޕްރޮގްރާމް ފުރިހަމަކޮށް، ތިލަފުށި ކޯޕަރޭޝަންގައި އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށް މާޔޫސްވެފައިވީ ދުވަސްތަކުން ކިޔައިދެމުން އަތުޚަރު ބުންޏެވެ.

"އަޅުގަނޑު ޓީޗިން ހަދައިގެން ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ މާލޭގެ ސްކޫލެއްގައި ވަޒީފާ އަދާކުރަން. އެއީ ޓީޗީން ހަދާ އެންމެނަށް ވެސް ވަޒީފާގެ ފުރުސަތުގައި އެމީހެއްގެ އަމިއްލަ ރަށުގައި މަސައްކަތްކުރަން ފުރުސަތު ލިބޭތީ."

އަތުޚަރު އުއްމީދުކޮށްގެން ހުރީ މަޖީދިއްޔާ ނުވަތަ ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދިނުމުގެ ފުރުސަތަކަށެވެ. ނަމަވެސް ވަޒީފާ ލިބުނީ ވިލިމާލޭގެ މުހުޔިއްދީން ސްކޫލުންނެވެ. އެ ދަތުރުގައި ދިމާވި ސިއްހީ އުނދަގުލަކާ ގުޅިގެން އެންމެފަހުން އޭނާ އަށް މަޖުބޫރުވީ ވަޒީފާ ދޫކޮށް މާލޭގައި މަޑުކުރާށެވެ.

"ދެން އަޅުގަނޑު އުޅުނީ ކާޕެންޓްރީއެއް ހިންގާ މީހެއްގެ ކުޑަކުޑަ އޮފީހެއްގައި. އެތަނުގައި ޖެހުނު ހުރިހާ ކަމެއް ކުރަން އުޅުނު ހަމައެކަނި މީހަކީ ވެސް އަޅުގަނޑު،" އަތުޚަރު ކިޔައިދިނެވެ.

"އެހެން އުޅެފައި ދެން އަޅުގަނޑު ގުޅުނީ ތިލަފުށި ކޯޕަރޭޝަނާ. އަޅުގަނޑު ބިޒްނަސް އެޑްމިނިސްޓްރޭޝަން މާސްޓާސްއެއް ފުރިހަމަކުރީ ވެސް ހަގީގަތުގައި ހަމައެކަނި ޓީޗިން އަށް ހުސްނުވާން ވެގެން. އެކަމަކު ޓީޗިން އަކީ އަޅުގަނޑު އަބަދުވެސް އެންމެ ކުރަން ބޭނުންވި ކަން. އެހެންވީމަ ކިޔަވައިދޭން ސްކޫލަށް ނުދާއިރު ވެސް ޓިއުޝަން ދިނިން

"ދެން ތިލަފުށި ކޯޕަރޭޝަންގެ ވަޒީފާ ދޫކޮށްލިތަނުން މި އެނގުނީ ޖަމާލުއްދީން ސްކޫލްގައި އެބައޮތްކަން އެކައުންޓިން ޓީޗަރެއްގެ ވަޒީފާ."

ނަމަވެސް އެ ކްލާހުގައި އަތުޚަރު ކިޔަވައިދޭން ޖެހޭނީ ހާއްސަ އެހީ ބޭނުންވާ ކުދިންތަކަކަށްކަން އެނގުމުން ހާއްސަ ވިސްނުމަކުން ވިސްނަން މަޖުބޫރުވި އެވެ. ސަބަބަކީ ޓީޗަރަކަށްވިޔަސް ސައިން ލެންގުއޭޖުގައި އެއްވެސް ވަރަކަށް ތަމްރީނުވެފައި ނެތުމާއި ސައިން ލެންގުއޭޖުގެ އެއްވެސް މިންވަރެއް އޭރު ނޭނގޭތީއެވެ. އަނެއްކޮޅުން، އަޑު ނީވޭ އަދި ވާހަކަ ނުދެއްކޭ ކުދިންނަށް ކިޔަވައިދިނުމުގެ ރަސްމީ މާ ބޮޑު އޮނިގަނޑުތަކެއް އޭރު ތައާރަފްވެފައި ނެތުމާއި ރަސްމީ ތަމްރީނު ލިބިފައިވީ މާ ގިނަ ބަޔަކު ވެސް އެ ކްލާސްތަކުގައި ކިޔަވައިދެމުން ނުދިއުންވީ ހަގީގަތުގައި ވެސް ގޮންޖެހުމަކަށެވެ.

"އެކަމަކުވެސް ޖަމާލުއްދީނު އޮތީ ވަރަށް ބޮޑަށް ޓީޗަރަކަށް ބޭނުންވެފައި. އަދި އަޅުގަނޑު އެ ވަޒީފާ އަށް ކުރިމަތިލިތަނާހެން ވަޒީފާ ލިބިއްޖެ. އަދި އަޅުގަނޑު ގާތު އެހީ، ކިހާ ދުވަހެއްގެ ތެރޭގައި ސައިން ލެންގުއޭޖު ދަސްކުރެވިދާނެތޯއޭ،" ސައީދު ކިޔައިދިނެވެ.

ސައިން ލެންގުއޭޖުގެ ކުދިންނަށް ކިޔަވައި ދިނުން މިހާރު ގޮސްފައި އޮތް ފެންވަރާ ގާތަކަށް ވެސް އޭރު ނުދެއެވެ. ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ރެކްރޫޓްކުރުމުގެ އުސޫލުތަކެއް ވެސް ނެތެވެ. އަނެއްކޮޅުން ސައިން ލެންގުއޭޖުގެ ކުދިންނަށް ކިޔަވައިދޭން ޝައުގުވެރިވި ޓީޗަރުންނެއް ވެސް ހަގީގަތުގައި ނެތެވެ. ނުވަތަ އިނގިލިން ގުނާލެވޭހާ ވެސް މަދެވެ.

"އެމީހުން ބުނެފި އާންމުކޮށް ގިނަ މީހުން ސައިން ލެންގުއޭޖު ދަސްކުރާނެއޭ ހަތަރު މަސް ތެރޭގައި. އަޅުގަނޑު ހިތަށް އެރީ އެކަމަށް ހައެއްކަ މަސް ނަގާނެ ކަމަށް. އެކަމަކު ތިން ހަފުތާއެއްހާ ދުވަސް ފަހުން އަޅުގަނޑު އެކަނި އެ ކުދިންނަށް ކްލާސް ނަގައިދޭން ފަށައިފިން،" އަތުޚަރު ކިޔައިދިނެވެ.

"އެކަމަކު އެންމެ ފުރަތަމަ ދުވަހު ގޮސް ކްލާހަށް ވަން ދުވަހު ހަމަ އެކައްޗެއް ވެސް ނޭނގޭ. ވާނުވާއެއް ނޭނގޭ. އެމީހުން އިޝާރާތްކޮށް ކިޔާނުކިޔާއެއް ނޭނގޭ. އަދި ފުރަތަމަ ހަފުތާގައި އަޅުގަނޑާއެކު އިތުރު ތިން ޓީޗަރުން ތިބެން ޖެހުނު ކްލާހުގައި."

އޭގެ ފަހުން މިހާރު 10 އަހަރުވީއެވެ. އަތުޚަރަކީ މިހާރު ޖަމާލުއްދީން ސްކޫލްގައި ހާއްސަ އެހީ ބޭނުންވާ ކުދިންނަށް އެކައުންޓިން ކިޔަވައިދޭ ޓީޗަރެއް ނޫނެވެ. އެކަމަކު ޔުނިވާސިޓީގައި ކްލާސްތައް ނަގައިދެމުން ހިއަރިން އިމްޕެއާޑް ކުދިންނަށް ޓިއުޝަން ނަގައިދެމުން އަމިއްލަ ހަތަރު ކުދިންނާއި އާއިލާ އަށް ވަގުތު ހުސްކުރަމުން ޑެފް އެސޯސިއޭޝަންގެ ބޯޑްގައި ފައިނޭސް ޑިރެކްޓަރެއްގެ ރޯލު އަދާކުރަމުން ހަމަ ކޮންމެ ދުވަހަކު ވެސް މި ހާއްސަ ކޮމިއުނިޓީ އަށް އެތައް ވަގުތެއް އޭނާގެ ހަޔާތުން ގުރުބާންކުރަމުން އަންނަ ޒުވާނެކެވެ. އޭނާ ބުނަނީ ޓީޗަރެއްގެ ގޮތުގައި ފެށި ދަތުރުގައި އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާއަކީ ޖަމާލުއްދީން ސްކޫލްގައި ހޭދަކުރި ހައެއްކަ އަހަރެވެ.

"ޖަމާލުއްދީނަށް ދިޔައީމަ ވަރަށް ބައިވަރު ކަންކަން ދަސްވި އަޅުގަނޑުގެ ލައިފުގައި. އެންމެ މުހިންމު ކަމަކަށް، ކަންކަން އަދި ދިރިއުޅުން ވެލިއުކުރަން ދަސްވި ވަރަށް ބޮޑަށް. އެމީހުންނަށް ސަޕޯޓްކުރާނެ ބަޔަކު ނެތްކަން ވެސް އެނގުނު،" އަތުޚަރު ކިޔައިދިނެވެ.

"އަދި މިއީ ކޮންމެވެސް މީހަކު އިސް ނަގައިގެން އައިސް ކުރަން ޖެހޭ ކަހަލަ ކަމެއްކަން އިހުސާސްވި. އަޅުގަނޑު މިހާރު ވެސް ޑެފް ކުދިންނަށް ޓިއުޝަން ދެން. އެއީ އަޅުގަނޑު އެކަން ނުކުރާ ނަމަ އެގޮތަށް އެ ކުދިންނަށް ކިޔަވައިދޭނެ އެހެން މީހަކު ހޯދަން އުނދަގޫވާނެ ވަރު އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭތީ."

އަތުޚަރު ބުނީ އޭނާ ޖަމާލުއްދީން ސްކޫލްގެ ވަޒީފާ ދޫކޮށްލި މައިގަނޑު އެއް ސަބަބަކީ ވެސް، އަޑު އިވުމާއި ވާހަކަ ދެއްކުމުގައި ހާއްސަ އެހީ ބޭނުވާ މީހުންގެ ހައްގުތަކަށް އިތުރު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ފުޅާ ދާއިރާއެއްގައި ހޯދުމެވެ. އެގޮތުން ޑެފް އެސޯސިއޭޝަނުން ކުރިއަށް ގެންދާ ބައެއް ޕްރޮގްރާމްތައް ވެސް އޭނާ ފާހަގަކުރިއެވެ.

"ޖަމާލުއްދީން ސްކޫލުން ޑެފް އެސޯސިއޭޝަނާ އެކު ނުކުތް ހިސާބުން އަސްލު އަޅުގަނޑަށް ވެސް ރަނގަޅަށް ސައިން ލެންގުއޭޖުގެ ތެރެއަށް ވަދެވުނީ. އަދި މި ކޮމިއުނިޓީގެ ހާލަތު ރަނގަޅަށް ވަޒަންކުރެވުނީ ވެސް. އެމީހުންގެ އެކި އަސާސީ ހިދުމަތްތައް ފުރިހަމަކުރުމުގައި އެހީތެރިވާނެ ތަރުޖަމާނުން ނެތްކަމާއި އެ ހާލަތު އޮތް ހިސާބު ރަނގަޅަށް ވަޒަންކުރެވުނީ ވެސް ޑެފް އެސޯސިއޭޝަނާއެކު މަސައްކަތް ފެށުމުން،" އަތުޚަރު ކިޔައިދިނެވެ.

"އެންމެ ބޮޑު ގޮންޖެހުމަކީ ސައިން ލެންގުއޭޖުން ތަރުޖަމާކޮށްދެވޭނެ މީހުން ނެތުން، މަދުކަން. މިވަގުތު އަޅުގަނޑަކީ މިގޮތަށް އިންޓްޕްރިޓްކޮށްދޭ ހަމައެކަނި ފިރިހެން މީހާ

"އެހެންވީމަ އިންޓަޕްރިޓަރުން ތަމްރީނުކޮށް އުފެއްދުމަށް އަޅުގަނޑުމެން މިހާރު ވެސް އެއް އަހަރު ދުވަހުގެ ކޯހެއް އެބަ ކުރިއަށް ގެންދަން. ނަމަވެސް ހިތާމައަކީ 60 މީހުންނާ އެކު ފަށާ ކޯހެއް ނިމޭއިރު ވެސް މި ތިބެނީ 10 ވަރަކަށް މީހުން."

އަތުޚަރު ވެސް ފާހަގަކުރި ގޮތަށް ކޮންމެ ކޮންމެ މީހަކު މި ހިދުމަތަށް ތައްޔާރެއް ނޫނެވެ. އަމިއްލަ ވަގުތު ޑެފް ކޮމިއުނިޓީ އަށް ގުރުބާންކުރަން ތައްޔާރެއް ނޫނެވެ. ނަމަވެސް އަތުޚަރުގެ އުއްމީދަކީ އަދި ހުވަފެނަކީ ވެސް މިއެވެ.

"މިހާރު ރަސްމީ އިދާރާތަކުން ޑެފް ކޮމިއުނިޓީ އަށް ފުރިހަމަ ހިދުމަތް ނުދެވޭ މައްސަލާގައި ބުނަނީ އެވަރުގެ ހިދުމަތެއް ދެވޭ ވަރުގެ އިންޓަޕްރިޓާސްތަކެއް ނެތޭ. އަޅުގަނޑު އެންމެ ދެކޭ ހިތްވާ ދުވަހަކީ މި ކޮމިއުނިޓީގައި ތަރުޖަމާކޮށްދޭނެ މީހުން އިތުރުވެ އެ މީހުންގެ ހައްގުތަކަށް ވަގުތު ދޭނެ މީހުން އިތުރުވެގެން ދިއުން،" އަތުޚަރު ބުނެލިއެވެ.

"އަޅުގަނޑުމެން މިގޮތަށް އެހީ ނުވާ ނަމަ ވަރަށް ގިނަ އަސާސީ ހިދުމަތްތަކުން ޑެފް ކުދިން ތިބޭނީ ބާކީވެފައި. ޑެފް ކޮމިއުނިޓީގައި އުޅޭ ކުދިންނަށް އަޅުގަނޑުމެން ހަމަ މީހުން ފިޔަވައި އިތުރު ދެން ކޮން ބަޔަކަށްތޯ އެހީތެރިވެވޭނީ ވެސް؟ އަޅުގަނޑަށް ވިސްނެނީ އެމީހުންނަށް ނޫނެކޭ ބުނުމަކީ އެމީހުންގެ ހައްގުތަކަށް އަރައިގަތުމޭ."

އެ ނަމުގައި އުނދަގޫކަމެއް ހުއްޓަސް އަތުޚަރަކީ ހަގީގީ ފަސޭހައެއްކަން ޔަގީނެވެ. ނަމާއި ކަމާއި އަމަލުގައިވީ ސާފުސީދާކަން ވަރަށް ޗާލެވެ.