08 ޖޫން 2022 - 18:29

ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެންގުޅުއްވާ އިސްލާހަށް ތާއީދެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ އިސްލާހަށް ތާއީދު ނެތް ކަން މިއަދު ހާމަކުރެއްވީ، އެމްޑީޕީން އެދޭ ނަމަ ވެރިކަމުގެ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް ފުރަތަމަ ފަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާންކުރެއްވުމަށް ފަހު އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާ އެކީ ނުކުމެ 2023 އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމަށެވެ.
- އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުން.
- އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުން.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ނަޝީދުގެ އެ އިސްލާހާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ 30 ޕަސެންޓުގެ ވޯޓު ކާމިޔާބުކުރައްވާ ބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނަށް ތާއީދުކުރެއްވޭ ކަމެއް ނޫން ކަމަށެވެ. ވެރިކަމަށް ވަޑައިގަންނަވަން ޖެހޭނީ ގާނޫނުއަސާސީގައި މިހާރު ވެސް ކަނޑައަޅާފައި އޮތް ގޮތަށް، ރައްޔިތުންގެ 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދަވާ ބޭފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ، އަޅުގަނޑު ތާއީދުކުރާ ގޮތަކީ،" އަންނަ އޮގަސްޓުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމަން އޮތް އިސްލާހާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ފުރަތަމަ ބުރުގައި 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯދައި އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަމެއް އެމަނިކުފާނަށް ނެތް ކަމަށެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި އިންތިހާބުތައް ބާއްވަން ފެށި ފަހުން ވެސް އެއް ޕާޓީއަކަށް ކާމިޔާބީއެއް ހޯދިފައެއް ނެތެވެ.
އެއީ އެމްޑީޕީ ވިޔަސް، ރައީސް ވިދާޅުވި ގޮތުގައި، އެ ހަގީގަތް އޮތީ އެހެންނެވެ. އިންތިހާބު ކާމިޔާބު ވަނީ ގުޅިފައިވާ އިއްތިހާދެއް ހަދައިގެން ނުކުމެ އެވެ.
"އެކަމަކު އެމްޑީޕީއަށް އިންތިހާބު ކާމިޔާބުކުރުން ވަރަށް މުހިއްމު. އެއީ މުޅި ރާއްޖެއަށް ވެސް އޮތް އެންމެ ފައިދާ ހުރި ގޮތް. އަޅުގަނޑަށް ޔަގީންކަން އެބައޮތޭ އެމްޑީޕީން އަޅުގަނޑު ނުކުމެ އަޅުގަނޑާ އެކު މި ތިއްބެވި ބައިވެރިންނާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެކަން 20203 ގައި،" ރައީސް ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެމްީޑީގެ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާ 30 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދަވާ ބޭފުޅަކު ވެރިކަން ކުރެއްވުމުގެ އިސްލާހާ މެދު ވެސް މިއޮތީ ދެ ރައީސުން ހިޔާލުތަފާތުވެފަ އެވެ. އެ ހިޔާލުތަފާތުވުމަށް ގޮތެއް ނިމޭނީ، ކޮންގްރެސްގަ އެވެ.
ރައީސް ކަމުގައި ހުންނަވަން ވާނީ ވޯޓުލާ އާބާދީގެ 50 ޕަސެންޓަށް ވުރެން މަތިން ލިބިގެން ކަމަށް ކަނޑައެޅުމަކީ ގާނޫނުއަސާސީ އިސްލާހުކުރިއިރު ގިނަ މެމްބަރުންގެ ވިސްނުމެވެ. ބޭނުމަކަށް ވީ އޭރެއްގައި ވޯޓުލާ އާބާދީގެ ވީހާވެސް ގިނަ ބައެއްގެ ތާއީދު އޮތް ބޭފުޅަކު ވެރިކަމުގައި ހުންނެވުމެވެ. މިގޮތް ބަދަލުކުރައްވަން ނަޝީދު ބޭނުންފުޅު ވަނީ، އިއްތިހާދު ހަދައިގެން ވެރިކަން ކުރުން ނިމުމަކަށް ގެންނެވުމަށެވެ.
އެމަނިކުފާނާ އެކު ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވާ ގޮތުގައި ނަޝީދުގެ އިސްލާހުގައި އޮތީ 30 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓެއް ކަމަށާއި ރާއްޖޭގައި އެއަށް ވުރެން ދަށުން ވޯޓު ލިބިވަޑައިގެން ވެސް ވެރިކަން ކުރައްވާފައިވާ ކަމަށެވެ.
އެ ބޭފުޅުން ވިދާޅުވަނީ ސަރުކާރު އެކުލަވާލާ އިރު ތާއީދު ނެތް ބަޔަކާ އެކު ޑީލްތައް ހެދުން ނިމުމަކަށް ގެންނަން ޖެހެ ކަމަށެވެ.