08 ޖޫން 2022 - 17:00

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމަށް މުހައްމަދު ޝަފާއު ހަސަން އިންތިހާބުކޮށްފި އެވެ.
ނޫސްތައް ރެގިއުލޭޓްކުރާ އެމްއެމްސީގެ އިސްވެރިޔާގެ މަގާމަށް ޝަފާއު ހޮވީ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީ އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްއެމްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޝަހުބާންގެ އިސްތިއުފާ ގަބޫލުކުރަން ނިންމައިފަ އެވެ. އަދި އެ މަގާމަށް ޝަފާއު ހޮވަން އެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެމްބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.
ޝަހުބާން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން ތުހުމަތުކޮށް ފުލުހުން މައްސަލައެއް ތަހުގީގު ކުރަން ފެށުމާ ގުޅިގެނެވެ.
ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުކުރާއިރު ޝަހުބާންއަކީ އެ ކުންފުނީގެ ހިއްސާދާރެކެވެ.
މީޑިއާ ކައުންސިލްގެ ބައެއް އެހެން މެމްބަރުން ވަނީ އޭނާގެ އެ މަގާމުގައި ދެމި ހުންނާތީ ކައުންސިލް މަރުތަޅު އެޅުވިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.