ފައްޔާޒުގެ ފުރަތަމަ ވައުދާ އެއްގޮތަށް އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި
ފައްޔާޒުގެ ފުރަތަމަ ވައުދާ އެއްގޮތަށް އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީގެ އާ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ކެމްޕެއިންގެ ފުރަތަމަ ވައުދާ އެއްގޮތަށް، އެ ޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލިހަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަަޖިލީހުގެ އިންތިހާބެއް އެންމެ ފަހުން ބާއްވާފައި ވަނީ އެ ޕާޓީގެ ވެބްސައިޓުން ފެންނަ މައުލޫމާތުގައިވާ ގޮތުން 2011 ގަ އެވެ. ނަމަވެސް އެ މަޖިލީހުގެ މުއްދަތެއް އަސާސީ ގަވައިދުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އިސްލާމީ މަޝްވަރާ މަޖިލީހަށް ކުރިމަތިލުމަށް އެ ޕާޓީގެ މެމްބަރުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން، ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އެ ފޯމާއެކު، ޕާސްޕޯޓް ކޮޕީ އާއި އައިޑީކާޑު ކޮޕީ އަދި ތައުލީމު ސެޓްފިކެޓްތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ހުށަހަޅަން ވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

އަސާސީ ގަވައިދުގެ 54 ވަނަ މާއްދާ ބުނާ ގޮތުން، އެ މަޖިލީހަށް ކުރިމަތިލެވޭނީ އިސްލާމިކް ޔުނިވާސިޓީއަކުން ތައުލީމީ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ އެ ފެންވަރަށް ކިޔަވާފައިވާ ކަމުގެ ލިޔުމެއް އެފަދަ ތަނަކުން ލިބިފައިވާ ނަމަ އެވެ. އަދި އިސްލާމް ދީން ކިޔަވައިދިނުމުގެ ހުއްދަ ލިބިފައި އޮތުމާއި ދީނީ ތަގުރީރުކުރުމުގެ ހުއްދަ އާއި ހާފިޒުކަމުގެ ސަނަދާއި އިމާމުކަން ނުވަތަ ގާޒީ ކޯހުން ފާސްވެފައިވުމަކީ ވެސް ޝަރުތެކެވެ.

މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިންގައި ރ. ދުވާފަރަށް ވަޑައިގެން، ފައްޔާޒް ވިދާޅުވީ އެ ޕާޓީގެ އިސް ސަފުގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން ޕާޓީގެ އިސްލާމީ މަޝްވަރާ މަޖިލީސް ހިނގާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެންމެ ކުޑަ ވަރަކަށް ބައްދަލުވުމަކަށް ގޮވައިލި އަޑެއް ވެސް އިވިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އަދި މި ސަރުކާރުގައި އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ފާހަގަކުރެވޭ ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ އެހެން ގުނަންތަކުގެ އިންތިހާބު ކުރިން އޮންނަ އިރު އިސްލާމީ މަޝްވަރާ މަޖިލީހުގެ އިންތިހާބެއް ނުބާއްވާ ކަމަށެވެ. އެކަމަކު ދާއިރާ ރައީސުންނާއި މަޖިލިސް މެމްބަރުން އެ އިންތިހާބު ނުބާއްވާތީ ކަންބޮޑުވު ންފާޅުކުރައްވާ ކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"މާތްﷲ އިރާދަފުޅުކުރެއްވިއްޔާ މެއި 14 ގައި އަޅުގަނޑު މި މަގާމަށް އިންތިހާބުވުމާ އެކު އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ކުރާނެ ކަމަކީ އިސްލާމީ މަޝްވަރާ މަޖިލިސްގެ އިންތިހާބަށް ގޮވާލުން،" ފައްޔާޒް ވިދާޅުވެފައި ވެ އެވެ.