ކުރިއަށް އޮތީ އުނދަގޫ ތިން ހަފުތާ: ރަނިލް
ކުރިއަށް އޮތީ އުނދަގޫ ތިން ހަފުތާ: ރަނިލް

ސްރީ ލަންކާ އަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް އަދި ގޭސް ހޯދުމުގެ މަސައްކަތުގައި ކުރިއަށް އޮތީ ދަތި އުނދަގޫ ތިން ހަފުތާ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ދެއްވި ބަޔާނެއްގައި ރަނިލް ވިދާޅުވީ މިއީ މުޅި ގައުމަށް ވެސް ދަތި ވަގުތަކަށް ވާތީ، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މީހުން، އުޅަނދުފަހަރު ދުއްވުން ވީވަރަކުން މަދުކުރުން މުހިންމު ކަމަށެވެ. ގޭހާއި ތެލުގެ ބާވަތްތައް ގަނެ ފޮރުވައިގެން ގެންގުޅުމުގެ ބަދަލުގައި މިވަގުތު އެންމެ މުހިންމީ، ބޭކާރު ދުއްވުންތައް ހުއްޓައިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަންކާގެ މިހާރުގެ ހާލަތަށް ބަލާއިރު ތެލުގެ ބާވަތްތައް އެތެރެ ކުރުމަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 500 މިލިއަން ޑޮލަރު ބޭނުންވެ އެވެ. އަދި ކުރިއަށް އޮތް ހަ މަސްދުވަހަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލާއި ކަރާސީނު އެތެރެ ކުރުމަށްޓަކައި، 3300 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވެސް ބޮޑުވަޒީރު ރަނިލް ވިދާޅުވި އެވެ.

ލަންކާގައި ގޭހަށް ބޭނުންޖެހިފައިވާ މިންވަރަށް ބަލާއިރު، އެ ގައުމަށް ގޭސް އެތެރެ ކުރުމަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 40 މިލިއަން ޑޮލަރު ބޭނުންވެ އެވެ. އަދި ކުރިއަށް އޮތް ހަ މަސްދުވަހަށް ބޭނުންވާ ގޭސް އެތެރެ ކުރުމަށްޓަކައި، 250 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބޮޑުވަޒީރު ރަނިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅި ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން، ތެލުގެ ބާވަތްތަކުގެ އަގުތައް އުފުލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އަދި ތެލުގެ ބާވަތްތަކަށް މިހާރު ގައުމުތައް ބޭނުންޖެހިފައިވާ މިންވަރަށް ބިނާކޮށް ހެދިފައިވާ ބައެއް އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭ ހިސާބުގައި ތެލުގެ ބާވަތްތަކުގެ އަގުތައް، މިހާރު ހުރި މިންވަރަށް ވުރެ 40 ޕަސެންޓް ބޮޑުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ރަނިލް ވިދާޅުވި އެވެ.

ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލުކުރުމަށް ގެންގުޅުއްވާ ވިސްނުންތަކާ ގުޅޭ ގޮތުން، ގާނޫނު ހަދާ މަޖިލީހަށް މައުލޫމާތު ދެއްވަމުން ރަނިލް ވިދާލުވީ، ހަމައެކަނި އިގްތިސާދީ އިސްލާހުތަކެއް ގެނައުމުން މައްސަލަ ހައްލުނުވާނެ ކަމަށެވެ. އޭގެ އިތުރުން ގައުމު އަލުން އާރާސްތުކޮށް ބިނާކުރުމަށްޓަކައި ސިޔާސީ ދާއިރާއަށާއި އިޖްތިމާއީ ދާއިރާ އަށް ވެސް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ އެއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އާންމު ޚިދުމަތްތަކުގެ ދާއިރާ އިން ވެސް އިސްލާހީ ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ރަނިލް ވިދާޅުވި އެވެ. އެކަން ހައްލު ކުރެވޭނީ ޒަމާންވީ ސިޔާސީ ވިސްނުންތައް އެއްފަރާތްކޮށް ގައުމު ބިނާކުރުމަށް އަމާޒު ހިފައިގެން ކަމަށާއި، އެކަމުގެ ޒިންމާ އޮތީ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ކޮނޑުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.