ބީޖޭޕީގެ މުސްލިމުންނާ ދެކޮޅު ސިޔާސަތު އޮތީ ހާމަޔަށް
ބީޖޭޕީގެ މުސްލިމުންނާ ދެކޮޅު ސިޔާސަތު އޮތީ ހާމަޔަށް

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބާރަތިޖާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ބަޔަކު އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް، ދެއްކި ވާހަކަތަަކަކީ ޕާޓީގެ ވިސްނުން ނޫން ކަމަށް ދެއްކުމުގެ ގޮތުން އެ ދެ މީހުންނާ މެދު ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެކަކު ޕާޓީގެ މަގާމުން ވަކިކޮށް އަނެކަކު ސަސްޕެންޑް ކުރިޔަސް އެއީ ބީޖޭޕީގެ ފިކުރު ނޫން ކަމަށް އެއްވެސް މީހަކު ގަބޫލު ނުކުރާނެ ސަބަބުތައް ބައިވަރެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމުން ބީޖޭޕީގެ ގައުމީ ތަރުޖަމާނުގެ މަގާމުން ސަސްޕެންޑްކުރި ނުޕޫރް ޝަރުމާ އާއި ޕާޓީގެ ނިއު ދިއްލީ ގޮފީގެ މީޑިއާ ހެޑް ނަވީން ކުމާރް ޖިންދަލް އަކީ ޕާޓީ ތެރޭގައި އުޅޭ "ތަފާތު ފިކުރު" ގެ މަދު ބައެއްގެ ތެރޭ ހިމެނޭ ބައެއް ކަމަށް ބީޖޭޕީން ބުނެ އެވެ.

އެކަމަކު އެ ދެ މީހުންނަކީ ބީޖޭޕީގެ އާދައިގެ މެންބަރުންނެއް ނޫނެވެ. ކުރިން އެ މީހުން ވަނީ ޕާޓީގެ ނަމުގައި ވާހަކަ ދެއްކުމުގެ ހައިސިއްޔަތު ލިބޭ އިސް އެތައް މަގާމެއް ވެސް އަދާކޮށްފަ އެވެ. ޕާޓީގެ ސިޔާސަތުތަކާ ބެހޭ ގޮތުން ވެސް ކުރިން ވާހަކަ ދައްކައި އެއީ ބީޖޭޕީގެ ރަސްމީ ބަސް ކަމަށްވި އެވެ.

ހޫނުފެނަށް ވެއްޓުނީމާ "އެއީ ދެން ކޮން ބައެއްހޭ" ބުނެ ރެކިގަންނަން އެއްވެސް ފުރުސަތެއް ނެތީ އެވެ.

މުސްލިމުންނާ ދެކޮޅު ސިޔާސަތުގެ ސަބަބުން ގައުމުން ބޭރުން އަންނަ ފާޑުކިޔުންތައް ދުވަހަކު ނުދާހާ މައްޗަށް ދިއުމުން އެކަމާ ދެކޮޅަށް އިންޑިއާ ސަރުކާރުން ވާހަކަ ދެއްކިޔަސް، އެ ގައުމުގެ އެތެރެއިން ވެސް މި އަޑު ކުއްލިއަކަށް ގަދަވެއްޖެ އެވެ.

ބީޖޭޕީ އާއި އިންޑިއާ ސަރުކާރުން މުސްލިމުންނާ ދެކޮޅު ސިޔާސަތެއް ނުގެންގުޅޭ ކަމަށް ބުނުމާއި އެ ދެއްކި ވާހަކަތަކަކީ ޕާޓީ އާއި ސަރުކާރުގެ ފިކުރުން ނޫން ކަމަށް ބުނާ ވާހަކައަކީ ހަމަ ބުނެލާ ބުނުމެއްކަން ހާމަވާ ބޮޑު ސަބަބެއް ވެސް އެބަ އޮތެވެ. - ބީޖޭޕީން ވެސް އަދި އެ ޕާޓީގެ އިސް އެއްވެސް މީހަކު ވެސް ފާޅުގައި މާފަށް އެދިފައި ނުވުމެވެ. ވާހަކަތަކެއް ދައްކައި ކަންބޮޑުވުން ފާޅުކުރި ނަމަވެސް ސާފުކޮށް މާފަށް އަދި ޕާޓީގެ މި ސިޔާސަތާ ދެކޮޅަށް ވާހަކަ ނުދެއްކުމެވެ.

އިންޑިއާގައި މުސްލިމުން ބާކީކުރުމަކީ ބީޖޭޕީގެ ސިޔާސަތެއް ކަމަށް ކުރާ ތުހުމަތަކީ ހަގީގަތެއްކަން ހުރިހާ ދިމާލަކުން ފެންނަ އެންމެ ބޮޑު އެއް ސަބަބަކީ މިއީ އެވެ.

މުސްލިމުންނާ މެދު ޕާޓީގެ އަދި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއްކަމުގެ ހެކި ދައްކަން ބަލާއިރު ބޮޑުވަޒީރު ނަރެންދުރަ މޯދީ މީގެ ދުވަސްކޮޅެއް ކުރިން ދެއްކެވި ވާހަކަތައް އެކަނި ވެސް ހެއްކަކަށް ފުދެ އެވެ. މޯދީ ވިދާޅުވެފައިވާ ގޮތުގައި ހަރުކަށި ފިކުރާއި ޓެރަރިޒަމް ފަތުރާ މީހުންނަކީ އިންޑިއާގެ މުސްލިމުންގެ ކާބަފައިންނާ ގުޅުން ހުރި ބައެކެވެ.

އެ ވާހަކަ އެ ގޮތަށް ދެއްކެވުމުގެ ބޭނުމަކީ މުސްލިމުންނާ ޓެރަރިޒަމާ ގުޅުވުން ނޫން އެހެން ކަމެއް ނޫނެވެ. މޯދީ ވަނީ އިންޑިއާގެ މުސްލިމުންގެ ކާބައިންގެ އަމަލުތައް މިހާރު ތިބި މުސްލިމުންނާ ގުޅުވައި، މުސްލިމުންނާ ޒިންމާ ނަގަންޖެހޭނެ ކަމަށާއި އެކަމުގެ އަދަބު ވެސް ލިބެންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮންމެ އިންތިހާބެއްގައިހެން، ހިންދޫންނާއި މުސްލިމުންނާ ޖައްސަން ބީޖޭޕީގެ އިސް ވެރިން ވާހަކަ ދައްކަ އެވެ. ވާހަަކަ ދައްކަނީ މުސްލިމުންގެ ކިބައިން ގައުމު ސަލާމަތްކުރަން ޖެހިފައި އޮތްކަން ދެއްކުމަށެވެ.

ބީޖޭޕީއާ ގުޅުން އޮންނަ، އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިއަނަތު ވަނީ އެންމެ ފަހުން އޮތް ސްޓޭޓް އެސެމްބްލީ އިންތިހާބުގައި ވެސް މުސްލިމުންނަށް ޖޯކު ޖަހައި، މިއީ "80 ޕަސެންޓާއި 20 ޕަސެންޓުގެ ހަނގުރާމައެއް" ކަމަށް ބުނެފަ އެވެ. އިޝާރާތްކޮށްފައި އެ ވަނީ އާބާދީގެ 80 ޕަސެންޓަކީ ހިންދޫންނަށް ވުމާއި މުސްލިމުންގެ ބައި މަދުކަމަށެވެ.

އާސާމްގެ ޗީފް މިނިސްޓަރު ހިމަންތަ ބިސްވާ ސަރްމާ މިދިޔަ އަހަރު ވަނީ، ބިމެއް ހުސްކުރުމުގެ ތެރޭގައި ފުލުހުން މުސްލިމް ކުޑަކުއްޖަކާއި މީހަކު މަރާލުމުން އެއީ މުސްލިމުން މީގެ ކުރިން ހިންދޫން މެރުމުން އެކަމުގެ ބަދަލުހިފުމެއް ކަމަށް ބުނެފަ އެވެ.

ބީޖޭޕީ ވެރިކަމަށް އައި ފަހުން، މިސްކިތްތައް ހުރި އެތައް ބިމެއް އައީ އެންމެ ކުރިން ހިންދޫންގެ ތަންތަން ކަމަށް ބުނެ ހިންދޫންނާ ހަވާލުކުރުމުގެ މަސައްކަތް ވެސް ވަނީ ހަލުވި ކޮށްފަ އެވެ. މުސްލިމުންނަށް މަލާމާތްކޮށް ބިރު ދެއްކުމުގެ ލަވަތައް ހަދައިގެން ހިންދޫންގެ ހަފްލާތަކުގައި ކިޔުމާއި މިފަދަ ގޮވެލިތަކާ އެކު މިސްކިތްތަކާއި މުސްލިމުންގެ ގެތަކުގެ ކައިރިއަށް އެއްވެ، ރުޅިއެރުވުމުގެ އަމަލުތައް ހިންގުމަކީ ހިންދޫންނަށް އެއްވެސް ހުރަހަކާ ނުލައި ކުރެވޭ ކަންކަމެވެ.

އެއީ ނިޒާމުގެ ތެރެއިން ރޭވިގެން ހިންގާ ކަންތައް ކަމަށް ބުނަން ޖާގަ ލިބެނީ ފިތުނައިގެ އެ އަމަލުތައް ހިންގާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅައި އެ ކަންކަމާ ދެކޮޅަށް ތެދުވާ މުސްލިމުން ވަގުތުން ހައްޔަރުކޮށް އަދަބު ދޭތީ އެވެ.

ވަރިއާ ބެހޭ ގޮތުން ހުރި ގާނޫނުތައް ބަދަލުކުރުމާއި ގެރި ކަތިލުން މަނާކުރުމާއި ދީން ބަދަލުކުރުން ކުށަކަށް ހެދުމާއި ހިންދޫ އަންހެންނާއި މުސްލިމް ފިރިހެނުންނާ ކައިވެނިވެވޭނެ މަގުތައް ބަންދުކުރުމާއި އެއްގަމު މަހުގެ ބާވަތްތައް މަނާކުރުން ފަދަ ކަންކަން މިއީ ބީޖޭޕީން "ދީން ހިމާޔަތްކުރުމަށް" މިހާތަނަށް ކޮށްފައި ހުރި ކަންކަމުގެ ތެރެއިން މަދު އަދަދެކެވެ.

ބީޖޭޕީގެ ސަރުކާރުން ރުޅި އަންނަނީ އެ މީހުންގެ ސަރުކާރުގައި އިންޑިއާ އަކީ މުސްލިމުންނާ ދެކޮޅުވެރި ގައުމެއްގެ ސިފަޔަށް ބަދަލުކޮށްފި ކަމަށް ބުނާތީ އެވެ. އިންޑިއާ ސަރުކާރުން އެކަން ގަބޫލެއް ވެސް ނުކުރެ އެވެ. އެކަމަކު އެއީ ބީޖޭޕީގެ ސަރުކާރުން ގަބޫލު ނުކުރިޔަސް މިހާރު މުޅި ދުނިޔެއަށް ފެންނަ ހަގީގަތަށް ވެއްޖެ އެވެ.