އަރުޖުންގެ ހަށިގަނޑަށް ފާޑުކިޔުމުން ރައްދު ދީފި
އަރުޖުންގެ ހަށިގަނޑަށް ފާޑުކިޔުމުން ރައްދު ދީފި

ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރުގެ ފިޓްނަސްއާ ގުޅޭގޮތުން އޭނާއަށް ފާޑުކީ މީހަކަށް އަރްޖުން އާއި އޭނާގެ ލޯބިވެރިޔާ، މަލައިކާ އަރޯރާ ރައްދު ދީފި އެވެ.

ސޯޝަލް މީޑިއާގައި ޕޯސްޓަކަށް ކުރި ކޮމެންޓެއްގައި މީހަކު ވަނީ އަރްޖުންއަށް ދުވަހަކު ވެސް ޝޭޕް ނުގެނެވޭނެ ކަމަށާއި އޭނާ އަކީ މެންޓަލިޓީއެއް ނެތް "ރިޗް ބޯއީ" އެއް ކަމަށް ބުނެފަ އެވެ.

އާންމުކޮށް މީހުން ކިޔައި ފާޑުކިޔުންތަކަށް މާބޮޑު ސަމާލުކަމެއް ނުދިނަސް އަރްޖުން ވެސް މިފަހަރު ރައްދު ދިނެވެ.

އަރްޖުން ވަނީ ހުރިހާ ސެޝަންތަކަށް ގޮސް ގަދައަޅައި މަސައްކަތްކޮށް، ފައިދާހުރި ރަނގަޅު ކާނާ ކެއުމުގެ އާދަ ދަމަހައްޓައި، ހަށިގަނޑު ވަރުގަދަކުރުމަށް މަސައްކަތްކުރުމަކީ އެ މީހުންގެ ހައްގަކަށް ނުވަނީތޯ ސުވާލުކޮށްފަ އެވެ އެވެ.

ކޮމެންޓުގެ ސްކްރީންޝޮޓެއް ނެގުމަށް ފަހު އަރްޖުން އޭނާގެ އިންސްޓަގްރާމު ސްޓޯރީގައި ހިއްސާކޮށް ބުނެފައި ވަނީ ފިޓްނެސްއަކީ ހަަމައެކަނި ފުރިހަމަ ހަށިގަނޑެއް ހުރުން ކަމަށް، ފިލައި ތިބެ ކޮމެންޓްކުރާ މީހުންގެ ސަބަބުން މީހުންނަށް ހީވެފައި އޮންނަ ކަމަށެވެ. އެކަމަކު ފިޓްނެސްއަކީ އެއީ ނޫން ކަމަށާއި އާދައިގެ ދިރިއުޅުމެއް އުޅުމަށް ދަތިވާ މީހުންނަށް ފިޓްނެސް ވަރަށް މުހިއްމު ކަމަށް އޭނާ ބުންޏެެވެ.

މެންޓަލީ މީހާއަށް އުފާވެރިކަން ލިބި އަމިއްލަ ނަފްސަށް އަޅާލުމަށް ކުރެވެން އޮތް ހުރިހާ ކަމެއްކޮށް ރޫޓިންއެއް ކަނޑައަޅަން ޖެހޭ ކަމަށް އަރްޖުން ބުންޏެވެ.

އަރްޖުން ވަނީ ދަތި އުނދަގޫ ދުވަސްތައް ކުރިމަތިވާ މީހުން ވެސް ޑައިޓް ޕްލޭނެއް ހަދައި ވަކި ލައިފްސްޓައިލަކަށް އުޅެން ފަށައިފި ނަމަ، އެމީހުންނަށް އެ ލިބޭ ހިތްހަމަޖެހުމުގެ ބޮޑުކަމުން އެކަން ކުރުމަށް ވެސް ނަސޭހަތްތެރިވެފަ އެވެ. އަދި ފިޓްނެސްއަކީ ސިކްސް ޕެކް ހުރުން ނޫން ކަމަށާއި އެއީ މީހާއަށް އިމޯޝަނަލީ އާއި މެންޓަލީ އަދި ފިޒިކަލީ ވެސް ރަނގަޅަށް ހުރުން ކަމަށް އަރްޖުން ލިޔެފައިވެ އެވެ.

އޭނާ ބުނީ އަމިއްލަ ހަށިގަނޑާ މެދު ހިތްހަމަޖެހި އުފާކުރުމަށް ކުރި ދަތުރު އެހެން މީހުންނަށް ނޭނގޭނެ ކަމަށެވެ.

އަރްޖުން އަށް ހިތްވަރުދީ އޭނާގެ ލޯބިވެރިޔާ މަލައިކާ ވެސް ތެދުވި އެވެ. މަލައިކާ ބުނީ ފާޑުކިޔާ މީހުންގެ ސަބަބުން އަރްޖުންގެ ކުރިމަގަށް ހުރަސް އެޅުނަދީގެން ނުވާނެ ކަަމަށެވެ.

އަރްޖުން އަކީ ފިލްމީ ދާއިރާއަށް ނިކުތުމުގެ ކުރިން ވަރަށް ފަލަކޮށް ހުރި ތަރިއެކެވެ. އެކަމަކު ބޮލީވުޑަށް ނުކުންނަން ވެގެން އޭނާ ވަނީ ވަރަށް ބޮޑަށް ހިއްކާލައި ހަށިގަނޑު ރީތިކޮށްލައިފަ އެވެ.

އޭނާ ފިލްމީ ދާއިރާއަށް ނިކުތް އަހަރު މަންމަ މަރުވި އެވެ. އޭގެ ފަހުން، އަރްޖުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި މަންމަގެ މަރާ އެކު އޭނާގެ މުޅި ދިރިއުޅުން ބަދަލުވެ ވަރަށް ހިތްދަތި ދުވަސްތަކެއް ކުރިމަތިވި އެވެެ.