ކުއްޖަކާ ބެހުނު މައްސަލައެއްގައި ދައުވާކުރުން ލަސްވެ ކޯޓުން ބޭރަށް
ކުއްޖަކާ ބެހުނު މައްސަލައެއްގައި ދައުވާކުރުން ލަސްވެ ކޯޓުން ބޭރަށް

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލިކަމުގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް ދައުވާކުރުން ލަސްކުރުމުން ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ ނިންމުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

މި މައްސަލާގައި 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ރަށެއްގެ މެޖިސްޓްރޭޓް ކޯޓްގައި ކޮށްފައިވަނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. ނަމަވެސް ފަހުން އެ ދަައުވާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ދައުވާ އަށް ބަދަލުކުރީ އެވެ.

މި ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ ދައުވާ ލިބުނު ފަރާތުން އެގޮތަށް ބޭނުންވެގެން 2020 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

އަލުން ދައުވާކުރުން ލަސްވެފައި ވަނީ، ދައުވާ ލިބޭ މީހާ އެދުނު ގޮތަށް، ޕީޖީ އޮފީހުން އޯގަސްޓް 6، 2020 ގައި ދައުވާ އަނބުރާ ގެންދިއުމަށް ފަހު ކްރިމިނަލް ކޯޓަށް ހުށަހެޅުމުގަ އެވެ. މައްސަލަ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މައްސަލަ އަނބުރާ ގެންދިޔަތާ ހަތަރު މަސް ފަހުން ޑިސެމްބަރު 31، 2020 ގަ އެވެ. ލަހުން މައްސަލަ ހުށަހެޅުމުން ކްރިމިނަލް ކޯޓުން މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލުމުން ދެ ވަނަ ފަހަރަށް ހުށަހަޅައި ޖެނުއަރީ 11، 2021 ގައި މައްސަލަ ކޯޓުގައި ރަޖިސްޓްރީކުރި އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަމުގައި، ދައުވާ ލިބޭ ފަރާތުން ބުނީ އޭނާ އަކީ ތަހުގީގަށް ބަންދުކުރި މީހެއް ކަމަށާއި އެފަދަ މީހުންނަށް 45 ދުވަސް ތެރޭގައި ދައުވާކުރަންޖެހޭއިރު މި ދައުވާކޮށްފައި ވަނި ހަތަރު މަހާއި 24 ދުވަސް ފަހުން ކަމަށެވެ. އެހެންވެ ކްރިމިނަލް ކޯޓުގައި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުންޏެވެ.

މިއީ 45 ދުވަސް ތެރޭ ކުރަންޖެހޭ ދައުވާއެއް ނަމަވެސް 145 ދުވަސް ފަހުން ހުށަހަޅާފައި ވާތީ ކޯޓުން މައްސަލަ ބޭރުކޮށްލީ އެވެ. އެހެންވެ ޕީޖީ އޮފީހުން މި ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.

މި މައްސަލާގައި އެންމެ ބޮޑު ސުވާލަކަށްވީ މިއީ ކުރިން އެހެން ކޯޓެއްގައި، މުއްދަތުގެ ތެރޭގައި ދައުވާ އުފުލައި ހިނގަމުން ދަނިކޮށް އެހެން ކޯޓަކަށް ބަދަލުކޮށްފައިވާ ދައުވާއަކަށް ވުމުން މުއްދަތު ގުނާނެ ގޮތާ މެދުގަ އެވެ. މިފަދަ ހާލަތުގައި މުއްދަތު ގުނާނެ ގޮތެއް ޖިނާއީ އިޖުާއަތުގެ ގާނޫނަކު ނޯވެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި މިފަދަ ކަމެއްގައި ގޮތެއް ކަނޑައަޅާފައިވެ އެވެ. އެއީ ކޯޓަކުން މައްސަލައެއް ބާތިލްކޮށް އެ މައްސަލަ އަލުން ހުށަހަޅައިފި ނަމަ ބެލޭނެ ކަމަށް ނިންމުމުން ޕީޖީން 162 ދުވަސް ފަހުން ދައުވާކުރުން މައްސަލަ ބަލައިނުގަތީ ރަނގަޅަށް ކަމަށް ނިންމި މައްސަލައެކެވެ.

ހައި ކޯޓުގައި ފަނޑިޔާރު ހުސައިން މަޒީދު ރިޔާސަތު ބަލަހައްޓަވައި އަދި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ބެއްލެވި މި މައްސަލާގައި ބެންޗުން، ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކުރެއްވީ ފަނޑިޔާރު ފަރުހީޒާ އާއި ފަނޑިޔާރު ނިޒާޒު އެވެ. ފަނޑިޔާރު މަޒީދުގެ ރައުޔު އަކީ މައްސަލަ މައުލޫއީ ގޮތުން އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވުމެވެ.

އަޣުލަބިއްޔަތު ލިބުނު ރައުޔުގައި ބުނެފައި ވަނީ އަލުން ދައުވާ ނުކޮށް ލަސްކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް އެނގެން ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ ރަނގަޅަށް ކަމަށެވެ.