07 ޖޫން 2022 - 23:18

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް ބެލުމަށް ގާތްގަނޑަކަށް 11،000 މީހުން ނަން ނޯޓުކޮށްފި އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓު ބެލުމަށް ރަޖިސްޓްރީކުރަން މިދިޔަ ހުކުރު ދުވަހު ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެ ތަން ބެލުމަށް ނަން ނޯޓުކުރި މީހުންގެ އަދަދު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ފުލްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފްލެޓު ދައްކަން ހަމަޖައްސާފައިވަނީ 500 މީހުންނަށެވެ. މިހާރު 11،000 އެއްހާ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓު ގަންނަން ކުރިމަތިލުމުގެ ފަހު ތާރީހާ ހަމައަށް ފްލެޓުތައް ދައްކަން އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެ ފްލެޓުތައް ގަންނަން އަދި އިއުލާނެއް ނުކުރެ އެވެ.

ވިނަރެސްއަކީ 13 ބުރީގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއުއެކެވެ. އޭގެ ތެރެއިން ވަކި އަދަދެއް މާލޭ މީހުންނަށް ހާއްސަކޮށްފައިވާއިރު، މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް 100 ޔުނިޓް ވަނީ ކަނޑައަޅައިފަ އެވެ.

އެޗްޑީސީން ކުރިން ހާމަކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި ތަންތަނުގެ އަގު އުޅެނީ 2.52 - 2.59 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި އެ ތަން އެޗްޑީސީއާ ހަވާލުކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.