އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި
އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި

އެމްޑީޕީގެ އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީން ކުރި އިއުލާނުގައި ބުނީ ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅަން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ. އެއަށްފަހު، އެ އިސްލާހުތައް ފާސްކުރުމާ މެދު ގޮތެއް ނިންމާނީ އަންނަ އޮގަސްޓް 19 ގައި ބާއްވާ ކޮންގްރެސްގަ އެވެ.

އިސްލާހު ހުށަހަޅަން ހަމަޖައްސާފައިވަނީ ގޫގުލް ފޯމް ފުރައިގެންނެވެ. އެއް މާއްދާއަށްވުރެ ގިނަ މާއްދާ ނުވަތަ އެއް އިސްލާހަށްވުރެ ގިނަ އިސްލާހު ހުށަހެޅިއަސް އިސްލާހު ހުށަހަޅާ މާއްދާ އެނގޭނެހެން އެއް ފޯމަކުން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައިވެ އެވެ.

މުހިއްމު ނިންމުންތަކެއް ޝެޑިއުލްކޮށްފައިވާ ކޮންގްރެސް ބާއްވަން އެންމެ ފުރަތަމަ ހަމަޖެއްސީ އަންނަ އޮގަސްޓް 4 ގަ އެވެ. އެކަމަކު ލަސްކުރީ، އަސާސީ ގަވާއިދުގައިވާ ތާރީހްތަކަށް ބައެއް ކަންކަން ފެއްތުމަށެވެ.

އެމްޑީޕީގެ ކޮންގްރެސްގެ ތާރީހް ބަދަލުކުރިއިރު އެ ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ މެމްބަރުންނާ ކުރިން ހިއްސާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަދުން ވޯޓު ލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއް ބޭއްވުމުގެ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އެ އިސްލާހު ހުށަހަޅަން ޖެހޭ ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ، އެއީ އިތުރު ދެ ދައުރަށް އެމްޑީޕީ ވެރިކަމުގައި އޮތުމަށް ރައްޔިތުން އެދޭތީ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް އެންމެ ފަހުން ބޭއްވީ 700 އަށްވުރެ ގިނަ މެމްބަރުންނާއެކު އއ. އުކުޅަހުގައި ޖޫން، 2018ގަ އެވެ. އެ ކޮންގްރެސްގައި، އެންމެ މުހިއްމު ނިންމުމަކަށް ވީ، އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން، އެމްޑީޕީން ރައީސަކަށް ނެރޭނެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވުމެވެ.