ގުޑްވިލް އެމްބެސެޑަރަކަށް ނެގުމުން ފާޑުކިޔާ މީހުންނަށް ސަލްމާންގެ ރައްދު
ގުޑްވިލް އެމްބެސެޑަރަކަށް ނެގުމުން ފާޑުކިޔާ މީހުންނަށް ސަލްމާންގެ ރައްދު

މިއަހަރު އޮންނަ ރިއޯ އޮލިމްޕިކްސްގެ ގުޑްވިލް އެމްބެސެޑަރަކަށް ސަލްމާން ޚާން ހޮވުމާ އެކު މީޑިއާތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ތަފާތު ރިޕޯޓުތައް ލިޔުނެވެ. އެކަމާ ސަލްމާން ވަނީ ރުޅި ގަދަވެފަ އެވެ. ސަކުޅިވަރު ކުޅޭ މީހެއް ނޫނަސް އޭނާއަށް ގުޑްވިލް އެމްބެސެޑަރުކަން ދިނުމުގައި އޮތީ ކޮން މައްސަލަ އެއްތޯ ސަލްމާން ސުވާލުކުރެ އެވެ؟

ސަލްމާން ރުޅިއައުން ރަނގަޅެވެ. ސަބަބަކީ ރިއޯ އޮލިމްޕިކްސްގެ ގުޑްވިލް އެމްބެސެޑަރުން އިއުލާން ކުރިތާ މާގިނައިރެއް ނުވެ ކުޅިވަރު ކުޅޭ ގިނަ ބަޔަކު ވެސް މި ހޮވުމާ ދެކޮޅުހަދައި ބައެއް މީހުން ޓުވީޓްތައް ވެސް ކޮށްފައިވާތީ އެވެ.

ނަމަވެސް މި ފާޑުކިޔުންތަކަށް ނުބަލައި މިހާރުވަނީ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރް އާއި މިއުޒިކް ޑައިރެކްޓަރު އޭ.އާރް. ރަހްމާން އަށް ވެސް ގުޑްވިލް އެމްބެސެޑަރުކަން ދީފަ އެވެ.
މިހާރު ސަލްމާން މައްސަލަ ޖައްސަނީ ޓެންޑުލްކަރް އާއި ރަހްމާނަށް އެމްބެސެޑަރުކަން ދިނުމުން ނޫސްތަކުން އެކަމާ އެހާ ބޮޑަށް އަޅާނުލާ އޭނާގެ ވާހަކަ އެވަރަށް ދައްކާތީ އެވެ.

"ޓެންޑުލްކަރް އަކީ އެންމެ ކުޅިވަރެއް ކުޅުނު މީހެއް. އޭ.އާރް.ރަހްމާން ވެސް ކުޅިވަރު ކުޅޭ މީހަކަށްވާން ގައުމީ ފެންވަރުގެ ސެޓްފިކެޓެއް ބޭނުންވޭތަ. ކީއްވެ އެމީހުންނަށް އެމްބެސެޑަރުކަން ދިނުމުން މީޑިއާއިން އެކަމާ އަޅާ ނުލީ،" ޑީއެންއޭ ނޫހަށް ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ކަނޑައެޅިގެން ސަލްމާންގެ ވާހަކަ އެވަރަށް ލިޔަނީ އޭނާގެ މައްސަލަތަކެއް ކޯޓުގައި އޮތުމުން ކަމަށް ވެދާނެ ކަމަށް ނޫސްވެރިއަކު ސަލްމާން ގާތު ބުނުމުން އޭނާގެ ރުޅި އިތުރަށް ގަދަވި އެވެ.

"ކޯޓުގައި މައްސަލަތަކެއް އޮތް މީހަކު ގުޑްވިލް އެމްބެސެޑަރަކަށް ހޮވުމަކީ ކަލޭމެންނަށް މައްސަލައެއްތަ؟ ބައިވަރު ސިޔާސީ މީހުން ވެސް އެބައުޅޭ އެމީހުންނާ ދެކޮޅަށް ކޯޓުގައި މައްސަލަތައް އޮތް. ގައުމުތައް ބޮޑަށް މުހިންމީ އޮލިމްޕިކްސްތަ؟ އަހަންނަށް ގައުމު މާ މުހިއްމު. އަހަރެން އެމްބެސެޑަރުކަން ދޫކޮށްލަން ތައްޔާރު ސިޔާސީ މީހުން ވެސް އެގޮތަށް ތައްޔާރު ނަމަ،" ސަލްމާން ބުނެފައިވެ އެވެ.