07 ޖޫން 2022 - 14:39

ދިރާގުން ހއ. ބާރަށުގައި ހައި ސްޕީޑް އިންޓަނެޓާ އެކު ދިރާގު ޓީވީގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އެ ދެ ހިދުމަތަށް އެދޭ ބާރަށު ރައްޔިތުންނަށް ފައިބާ ކޭބަލް އާއި ދިރާގު ޓީވީ ހިލޭ ގުޅައިދޭނެ ކަމަށް ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ. އަދި އިންޓަނެޓަށް ބޭނުންވާ ރައުޓަރާއި ދިރާގު ޓީވީގެ ޑިކޯޑަރު ވެސް ހިލޭ ލިބޭ ގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނިގޮތުގައި، ބްރޯޑްބޭންޑް އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް ހަލުވި ސްޕީޑާއި ބޮޑެތި ޑާޓާ އެލަވެންސްތައް ހިމެނޭ ގިނަ ޕެކޭޖުތަކެއް ލިބޭނެ އެވެ.
ދިރާގު ޓީވީން ގިނަ އަދަދެއްގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓާއި، ލޯކަލް އަދި ބޭރުގެ ގިނަ ޗެނަލްތަކާ އެކު 100 އަށް ވުރެ ގިނަ ޗެނަލް ބަލާލެވޭނެ އެވެ.
ދިރާގު ފައިބަ ބްރޯޑް ބޭންޑް ހިދުމަތް ރާއްޖޭގެ ގޭބީސީތަކުގެ 84 ޕަސެންޓަށް މިހާރު ވެސް އަންނަނީ ދެމުންނެވެ. އޭގެ ތެރޭގައި 86 ރަށެއް ހިމެނެ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ 84 ޕަސެންޓް ރަށަށް ދިރާގު ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.
ދިރާގުން ވަނީ އެ ދެ ހިދުމަތް މިދިޔަ އާދިއްތަ ދުވަހު ވެސް ހދ. ނައިވާދޫ އަށް ތައާރަފްކޮށްފަ އެވެ.