28 ޑިސެމްބަރ 2016 - 14:37

ބަޣުދާދު (ޑިސެމްބަރު 28) - އިރާގުން އިސްލާމިކް ސްޓޭޓް (އައިއެސް) ފައްސާލުމަށް އަދި އިތުރު ތިން މަސް ނަގާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެއްޖެ އެވެ.
އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީ މޫސަލް ހިފުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހު ވަނީ ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަނުގައި ކޯލީޝަނުގެ މަތިންދާ ބޯޓުތަކުން ވައިގެ ހަމަލާތައް ވެސް ދަނީ ދެމުންނެވެ. އަދި އިރާގު ސިފައިންނާ އެކު ކުރުދީ ޖަމާއަތްތައް ވެސް ބައިރިވެ އެވެ.
"މިހާރު ލިބެން ހުރި މައުލޫމާތަށް ބަލާއިރު އައިއެސް ބޭރުކުރަން އަދި ތިން މަސް ނަގާނެ،" އިރާގު ޓީވީން ދެއްކި ނޫސްވެރިންގެ ބައްދަލުވުމުގައި އަބާދީ ވިދާޅުވި އެވެ.
އަބާދީ ކުރިން ވިދާޅުވެފައި ވަނީ މި އަހަރު ނިމުމުގެ ކުރިން މޫސަލް އިން އިރާގު ސިފައިން ބޭރު ކުރެވޭނެ ކަމަށެވެ. ނަމަވެސް އިރާގު ސިފައިން ކުރިން ލަފާކުރި ގޮތާ ހިލާފަށް މޫސަލްގައި އައިއެސް އިން ވަނީ ދިފާއު ވަރުގަދަކޮށްފަ އެވެ. އެކަމަކު މޫސަލްގެ ބޮޑު ސަރަހައްދެއް މިހާރު ވަނީ އިރާގު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ.
އައިއެސް އިން މޫސަލް ހިފާފައި ވަނީ ޖޫން، 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އިއުލާންކުރީ ވެސް މޫސަލްގަ އެވެ.