07 ޖޫން 2022 - 10:34

އިދިކޮޅު ޕީޕީއެމްގެ ކައުންސިލަށް އަލަށް އިތުރުކުރި 10 މެމްބަރުންނާ އެކު ޖުމުލަ 17 މެމްބަރުން އިންތިހާބުކުރަން ނިންމައި ކުރިމަތިލާން ހުޅުވާލައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ، ކައުންސިލަށް 10 މެމްބަރުން އަލަށް އިތުރުކުރަން ނިންމީ މި މަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ކަމަށެވެ. އެ ބައްދަލުވުމުގައި، އަސާސީ ގަވައިދުގެ 29 ވަނަ މާއްދާގެ ހ. ގެ 16 ވަނަ ނަމްބަރަށް ބަދަލު ގެނެސް އިތުރު މެމްބަރުންނަށް ވަނީ ފުރުސަތު ދީފަ އެވެ.
އަލަށް އިތުރުކުރި 10 މެމްބަރުންނާއި ހުސްވެފައިވާ ދެ މެމްބަރުންނާއި އަންހެން މެމްބަރުންގެ ތެރެއިން ހުސްވެފައިވާ ފަސް މަގާމަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލެވޭނީ މި މަހުގެ ހަތަރަކާ ހަމައަށް ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
ތޮލާލް ވިދާޅުވި ގޮތުގައި ކައުންސިލަށް މެމްބަރުން އިންތިހާބު ކުރާނީ ކުރިމަތިލާ މީހުންގެ ތެރެއިން މި ވަގުތު ތިއްބެވި މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.