ބޮޑު އީދަށް މާފުށީގައި ވޯޓާ ޕާކެއް
ބޮޑު އީދަށް މާފުށީގައި ވޯޓާ ޕާކެއް

އަންނަ ބޮޑުއީދުގެ ތިން ދުވަހު ކ. މާފުށީގައި ތައްޔާރީ ވޯޓާ ޕާކެއް ބާއްވާ ގޮތަށް އެ ރަށު ކައުންސިލުން ހަމަޖައްސައިފި އެވެ.

މާފުށި ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ވޯޓަ ޕާކު ބާއްވަން ހަމަޖެހިފައި ވަނީ މާފުށީގައި ހުންނަ 'މާފަހިވަތި' ކުޑަކުދިންގެ ޕާކާ ދިމާ މޫދުގައި ކަމަށެވެ.

ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނާއި އާންމުންނަށް ވެސް އީދުގެ ފުރަތަމަ ތިން ދުވަހު އެ ޕާކު ބޭނުން ކުރެވޭނެ އެވެ. އީދު ފުރަތަމަ ތިން ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ޕާކު ހުޅުވާފައި ހުންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އެ ޕާކަކީ 4500 އަކަ ފޫޓަށް ވުރެ ބޮޑު ޕާކެއް ކަމަށާއި ހުޅުވާފައި ހުންނަ ވަގުތު ލައިފް ގާޑުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލްގެ ރައީސް ހަސަން ސޮލާހު 'މިހާރު' އަށް ވިދާޅުވީ އެ ޕާކަކީ ދޮންމަނިކް ސްކައި ވިއު ރެސްޓޯރަންޓް ސްޕޮންސާ ކޮށްގެން، ހަމައެކަނި އީދު ތެރޭގައި ބޭނުން ކުރުމަށް ގެންނަ ޕާކެއް ކަމަށެވެ. އީދުގެ ފުރަތަމަ ތިން ދުވަހު ވޯޓަ ޕާކު ބޭނުން ކުރުމަށް ފަހު އަނބުރާ ނަގާނެ ކަމަށް ވެސް ސޮލާހު ވިދާޅުވި އެވެ.