28 ޑިސެމްބަރ 2016 - 14:14

އަޔޯވާ (ޑިސެމްބަރު 28) - އެމެރިކާގެ އަޔޯވާގައި ފަރުނީޗަރުގެ ވިޔަފާރި ކުރާ ކުންފުންޏެއްގެ ވެރިމީހާ އޭނާގެ 800 މުވައްޒަފުންނާ އެކު ކެރީބިއަން އަށް ކްރޫޒްލައިނާއެއްގައި ޗުއްޓީ އަށް ދާން ނިންމައިފި އެވެ.
ޖެނުއަރީ މަހު އަޔޯވާ އަށް ފިނިވި ނަމަވެސް ބާޗް ކެބިނެޓް ކުންފުނީގެ މުވައްޒަފުން ގެންދާނީ ކެރީބިއަންގެ ހޫނުގައި ޗުއްޓީ ހޭދަކުރަމުންނެވެ. ކުންފުނީގެ 800 މުވައްޒަފުންގެ ޗުއްޓީގެ ހުރިހާ ހަރަދަކާ ހަވާލުވެފައި ވަނީ ކުންފުނީގެ ވެރިމީހާ އެވެ. މުވައްޒަފުން ޗުއްޓީ އަށް ގެންދާތީ ކުންފުނީގެ ހުރިހާ މަސައްކަތެއް ޖެނުއަރީ 9-13 އަށް ހުއްޓާލާ ގޮތަށް ވަނީ ނިންމައިފަ އެވެ.
ކުންފުނީގެ ޗެއާމަން ގެރީ ބާޗް ވިދާޅުވީ ޗާޓާރުކޮށްފައިވާ ހަތަރު މަތިންދާ ބޯޓުގައި ހުރިހާ ސްޓާފުން ޖެނުއަރީ 8 ވަނަ ދުވަހު މިއާމީ އަށް ގެންދާނެ ކަމަށެވެ. އަދި ފަސް ތަރީގެ ހޮޓަލުގައި އެ މީހުން ބޭތިއްބުމަށް ފަހު ކްރޫޒްގައި ކެރީބިއަން އަށް ދަތުރު ފަށާނީ ޖެހިގެން އަންނަ ދުވަހު އެވެ.
ބާޗު ވިދާޅުވީ މިއީ މި އަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލް ކުރުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާ ދޭ ހަދިޔާއެއް ކަމަށެވެ.