06 ޖޫން 2022 - 21:05

ގާތްގަނޑަކަށް ތިން އަހަރު ވަންދެން ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ސަސްޕެންޝަން އުވައިލުމަށް، އެފްއޭއެމްގެ ކޮންގްރެސް އިން މިއަދު ފާސްކޮށްފި އެވެ.

ކޮންގްރެސް އިން ނިންމި ދެވަނަ ނިންމުމަކީ، ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ އަނެއް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކުރުމުން، އެ ކްލަބްގެ ސަސްޕެންޝަން އުވައިލުމުގެ ބާރު އެފްއޭއެމްގެ އެކްސްކޯ އަށް ދިނުމަށެވެ.

ކުރީގެ ކުޅުންތެރިންނަށް މުސާރަ ދީފައި ނުވުމުން، އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރީ ޖެނުއަރީ 2019 ގަ އެވެ. ވިކްޓަރީ ސަސްޕެންޑްކުރީ އެ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ވިކްޓަރީގެ ރައީސްކަމާ، އެ ކްލަބަށް ކުރިން ކުޅުއްވި، ހުސައިން އާދަމް ހަވާލުވެ، އޭނާގެ އެކްސްކޯ އިން ވަނީ ކުރީގެ ކުޅުންތެރިންނަށް ފައިސާ ދިނުމަށް އެފްއޭއެމާ ހަވާލުކޮށްފަ އެވެ.

ނިއު އިން ވެސް ވަނީ އާ ބޯޑެއް އިންތިހާބުކޮށް، ކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ފަށައިފަ އެވެ.

އެފްއޭއެމްގެ އަހަރީ ކޮންގްރެސް އަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ނިއު އިން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަތައް ދިނުމުން، އިތުރު ކޮންގްރެސްއަކާ ނުލައި ސަސްޕެންޝަން އުވައިލުމުގެ ބާރު އެކްސްކޯ އަށް މިހާރު އެބައޮތް ކަމަށެވެ.

ކޮންގްރެސް އަށް ވަޑައިގަތުމުގެ ކުރިން ވެސް ނިއު ރޭޑިއަންޓްގެ ޗެއާމަން ވާސިފްއާ ގުޅުއްވައި އެފްއޭއެމްގެ ވިސްނުން ހާމަކޮށްދެއްވި ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން މިއަދު ކޮންގްރެސް އަށް އަންނަ އިރު ދަރަނީގެ ކަންކަން ހައްލުވެފައި ނެތީމާ އަޅުގަނޑަކަށް ނުފެނެއޭ އަނެއްކާ ވެސް އިތުރު އަހަރަކަށް މަޑުކޮށް، ކޮންމެހެން ކޮންގްރެސް އިން ސަސްޕެންޝަން ލިފްޓް ކުރާކަށް،" ނިއު ރޭޑިއަންޓްގެ ކުރީގެ ވާދަވެރިޔާ ވެލެންސިއާގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބައްސާމް ވިދާޅުވި އެެވެ.

"އަޅުގަނޑުމެން އަބަދުވެސް ބޭނުންވޭ ބޮޑެތި ކްލަބްތައް ފުޓްބޯޅައިގައި ބައިވެރިވެގެންދާތަން ފެންނަން. އެހެންވެ އެ ގޮތުގެ މަތިން ނިއު ރޭޑިއަންޓްގެ ކޭސްގައި އަޅުގަނޑުމެންނަށް ޑިސްކަޝަނަކަށް ދެވުނީ، މި މުއްދަތުގެ ތެރޭގައި ދަރަނީގެ ކަންކަން ހައްލުކޮށްފި ކަމުގައި ވާ ނަމަ ސަސްޕެންޝަން ލިފްޓް ކުރުމުގެ ބާރު އެކްސްކޯ އަށް ދިނުމަށް. މިއީ ޓެމްޕަރަރީ ބާރެއް."
ބައްސާމް ވިދާޅުވިގޮތުގައި، އެފްއޭއެމާއި ނިއުއާ ދެމެދު މަޝްވަރާތަކެއް ކުރީ ވަރަށް އެޑްވާންސް ލެވެލެއްގަ އެވެ. އަދި ކަންކަން ހައްލު ކުރުމަށް އެ ކްލަބުން ކުރަމުންދާ މަސައްކަތް ވެސް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން [ނިއު ރޭޑިއަންޓް] ގެ ޕްލޭންތައް ވެސް އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި މި ދަރަނީގެ ކަންކަމުން އަރައިގަތުމަށް ކުރެވިފައި ހުރި ކަންކަމުގެ ގޮތުގައި،" ބައްސާމް ވިދާޅުވި އެވެ.
އެ ޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން މުސާރައިގެ މައްސަލަތައް ދިމާވެފައި ތިބި ކުޅުންތެރިންނާއެކު ވެސް މަޝްވަރާތައް ފަށައިގެން ކުރިއަށް ގެންދާކަން ބައްސާމް ފާހަގަކުރެއްވި އެވެ.
"އެފްއޭއެމުން ވެސް އެ މަޝްވަރާތަކުގައި އެ ބޭފުޅުންނާއެކު ބައިވެރިވަމުން ދަނީ. އެއާއެކު ދިވެހި ކުޅުންތެރިންގެ މަޝްވަރާތައް ވެސް ވަނީ ފެށިފައި،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަށް ވަރަށް އުޖާލާކޮށް ފެންނަނީ މިހާރު [ނިއު ރޭޑިއަންޓް] ގައި އޮތް އެގްޒެކެޓިވް ކޮމިޓީން މީގެއިން ހައްލު ހޯދުމަށް ކުރާ މަސައްކަތް."
ބައްސާމް ވިދާޅުވިގޮތުގައި، ސަރުކާރު އޮތީ އެ ފަދަ ކްލަބްތައް ސަލާމަތް ކުރުމުގައި އެހީވެދިނުމަށް މަސައްކަތް ކުރާ ގޮތަށް ކަން ވަނީ ސާފުވެފަ އެވެ.
"މި ދެންނެވީ ސަރުކާރުން ފައިސާތަކެއް ދޭ ވާހަކައެއް ނޫން. ދަރަނިތައް އަދާކުރެވޭނެ މަގުތަކެއް ކޮށައިދިނުމަށް ސަރުކާރުން ތައްޔާރަށް ތިބި ތަން އަޅުގަނޑަށް ފެނިގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.
މީރުމާ އިވެންޓްސްގައި ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ކްލަބްތަކުގެ ސަސްޕެންޝަނާ ބެހޭ ގޮތުން ނިންމުމުގެ އައިޓަމުން ފެށިގެން އެ ކޮންގްރެސް ކުރިއަށް ގެންދިޔައީ މީޑިއާ ނެރުމަށް ފަހު އެވެ. މީޑިއާ އަށް ފުރުސަތު ދިނީ ކޮންގްރެސްގެ އެޖެންޑާގެ ފަސް ވަނަ ނަންބަރު ނިމެންދެނެވެ. އެހެންވެ، ވިކްޓަރީ އާއި ނިއުގެ ސަސްޕެންޝަންގެ މައްސަލައިގައި ކްލަބްތަކުން ވޯޓު ދިން ގޮތެއް ނޭނގެ އެވެ.