29 ޑިސެމްބަރ 2016 - 06:05

އާއިލާއާ އެކު ސިންގަޕޫރުގައި ދިރިއުޅެމުން އަންނަ އިސްމާއިލް ވަޖީހު ޗުއްޓީގައި ރާއްޖެ އައުމުން، ދިވެހި އެތައް ފަންނާނުންނަކާއި އޭނާގެ ފޭނުން ވަރަށް ބޮޑަށް އުފާވެއްޖެ އެވެ.

ވަޖީހު ރާއްޖޭގައި ހުރިކަން ސޯޝަލް މީޑިއާ އިން އެނގިގެން އެތައް ބަޔަކު މަރުހަބާ ކިޔެވެ. އޭގެ ތެރޭގައި ފިލްމީ ދާއިރާގެ ފަންނާނުން ވެސް ހިމެނެ އެވެ.

ވަޖީހު މާލޭގެ ގެއެއްގެ ޓެރަސް މަތީގައި ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި ޕޯސްޓް ކުރުމުން ޒުވާން ބަތަލާ އައިމިނަތު ރިޝްފާ ވަނީ ކޮފީއަކަށް ދައުވަތު ދީފަ އެވެ. ޖަވާބުގައި ވަޖީހު ބުނީ ޅޮހިފުށި ރިސޯޓުން ގޮސް އެކަމާ އުޅޭނީ ކަމަށެވެ.

އޭނާގެ އެ ޖަވާބުން ރިޝްފާ ދެން ބުނީ "ކޫލް ކަމަށާއި ކާންޓް ވެއިޓް" ކަމަށެވެ.

މި ފަހަރު ރާއްޖެ އަށް ކުރި ދަތުރުގައި ވަޖީހު ވަނީ ޑާކް ރެއިން ސްޓޫޑިއޯ އަށް ވެސް ޒިޔާރަތްކޮށް، ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާ އެކު ވެސް ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ. ސްޓޫޑިއޯގައި ދެ މީހުން ނަގައިފައިވާ ފޮޓޯއެއް މޮގާ ވަނީ "ލެޖެންޑާ އެކު" ގެ ނަމުގައި ފޭސްބުކްގައި ހިއްސާކޮށްފަ އެވެ.
އެ ފޮޓޯ ފެނިފައި މިއުޒިކް ޑައިރެކްޓަރު/ޕްރޮޑިއުސަރު މުހައްމަދު ފުއާދު (ފޯޑް) އަށް ބުނެވުނީ "ވާއު" އެވެ.
ޒުވާން ލަވަ ކިޔުންތެރިޔާ އަހުމަދު ޔާފިއު ކުރި ކޮމެންޓެއްގައި އޭނާ ވަޖީހު ސިފަކުރީ "ރިއަލް ލެޖެންޑެއް" ގެ ގޮތުގަ އެވެ.
ފިލްމީ ދާއިރާގައި މަސައްކަތްތަކެއްކޮށްފައިވާ މަރިޔަމް ޝައުގީ ބުނަނީ "ތި ވަރެއް ނެތް" ކަމަށެވެ.
ވަޖީހާ އެކު މޮގާ ނެގި ފޮޓޯ ފެނިގެން އެކްޓަރު އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ވަރަށް މާޔޫސްވި އެވެ. އެއީ އެ ފުރުސަތު އޭނާ އަށް ނުލިބުމުންނެވެ. އެހެންވެ އޭނާ ސުވާލު އޮއްސައިލީ މޮގާއަށެވެ.
ނުގުޅީ ކީއްވެތޯ އެހުމުން މޮގާ ބުނީ "ހަނދާން ނެތުނީ" ކަމަށެވެ.
ދާފި ފަހުން ވަޖީހު "މިހާރު" އަށް ދިން އިންޓަވިއުއެއްގައި މޮގާއަކީ ފިލްމީ ދާއިރާގައި މިހާރު ހުރި އޭނާގެ އެންމެ ގާތް އެކަކު ކަމަށް ބުންޏެވެ. އަދި ފިލްމީ ދާއިރާގެ ވާނުވާ ގިނަ ފަހަރަށް މިހާރު އެނގެނީ މޮގާގެ ފަރާތުން ކަމަށް ވެސް ބުންޏެވެ.
ބަތަލާ މަރިޔަމް އައްޒަ ވަނީ ވަޖީހާ ބައްދަލުކޮށްފަ އެވެ. ވަޖީހާ އެކު ނެގި ދެ ފޮޓޯއެއް ފޭނުންނާ ހިއްސާ ވެސް ކުރި އެވެ. އެއް ފޮޓޯގައި އައްޒަ ފެންނަނީ ވަޖީހާ ދިމާއަށް ބަލަން ހުއްޓަ އެވެ.
"އަހަންނަށް އެންމެ ފުރަތަމަ އޭނާއާ ބައްދަލުވީ ގްރޭޑް ފަހެއްގައި އުޅެނިކޮށް މީގެ ސަތާރަ އަހަރު ކުރިން. އޭރު އެއީ [އިސްމާއީލް ވަޖީހު] ފިލްމު މާޒީގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު." އައްޒަ ބުންޏެވެ.
"އެކަމަކު އަދިވެސް އެއްވެސް ބަދަލެއް އައިސްފައެއް ނެތް. މިއީ ހަމަ ސަޕްރައިޒެއް. ގަބޫލު ކުރަން އަދިވެސް ދަތި."
މިިއީ މި ފަހަރު ވަޖީހުގެ ރާއްޖެ ދަތުރުގެ ތެރެއިން އެއް ބަ އެވެ. އޭނާ ދެކެ އަދިވެސް އެތައް ބަޔަކު ލޯބިވާކަން މިކަހަލަ ކަންކަމުން ވެސް އެބަ ޔަގީންވެ އެވެ.
އެހެން ނުވާންވީ ސަބަބެއް ނެތެވެ. ވަޖީހަކީ އެތައް ފިލްމާއި ޑްރާމާ އާއި ވީޑިއޯ ލަވަ ބެލުންތެރިންނަށް ދޫކޮށްފައިވާ ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެކްޓަރުންގެ ތެރެއިން އެކެކެވެ. ކިތަންމެ ދުރުގައި އޭނާ ހުއްޓަސް، ވަޖީހުގެ ހަނދާންތައް އަބަދުވެސް ދިވެހިންގެ ހިތުގައި އާވާނެ އެވެ.