06 ޖޫން 2022 - 19:36

މާލީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ އެފްއޭއެމަށް، އަންނަ ހަފުތާގައި އެ ހާލަތުން އަރައިގަނެވޭނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި އޭނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އެއް އަހަރު ހޭދަކުރީ މާލީ ގޮތުން ދަތި ހާލަތެއްގައި ކަމަށެވެ. އެކަމަކު މިދިޔަ އަހަރު ވެސް ކްލަބްތަކަށް ވައުދުވި ކަންތައްތަކުގެ 95 ޕަސެންޓް ފުރިހަމަކޮށްދެވުނު ކަމަށް ވިދާޅުވި އެވެ.

މިދިޔަ އެއް އަހަރުގެ ތެރޭގައި ހަރަދުތައް ކުޑަ ނުކުރެވުމުން، މި ވަގުތު އޮތީ އުނދަގޫ ހާލަތެއް ކުރިމަތި ވެފައި ކަމަށް ބައްސާމް ވިދާޅުވި އެވެ. އެކަމަކު އޭރު ހަރަދު ކުޑަކުރުމުގެ ގޮތުން ކްލަބްތަކަށް ދޭންޖެހޭ ފައިސާގެ އަދަދުތައް މަދުކުރި ނަމަ ކުޅުންތެރިން މަގުމަތި ވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން ކްލަބްތަކަށް ދޭ މާލީ އެހީ ހުއްޓާލި ކަމުގައި ވީ ނަމަ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީހީ ވަރަށް ގިނަ ކުޅުންތެރިންތަކެއް މަގުމަތި ވެގެން ދާނެ ތަން،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑްގެ ހާލަތުގައި ވެސް ކްލަބްތަކަށް މާލީ އެހީ ނުދިން ނަމަ މުޅި ފުޓްބޯޅަ އަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވީހެވެ.

"އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެފްއޭއެމް އަނެއްކާ ވެސް އެނބުރި ފައިނޭންޝިއަލީ ވަރުގަދަ ތަނަކަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ކޮންގްރެސްގެ މެންބަރުންނާ މުހާތަބު ކުރައްވަމުން ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބަދަލު އައުމުގެ އެންމެ ބޮޑު ސަބަބަކީ ހަރަދު ކުޑަކުރުމަށް މިދިޔަ ހަ މަސް ދުވަހު އެޅި ފިޔަވަޅުތައް ކަމަށެވެ. ވިދާޅުވީ އެފްއޭއެމްގެ ދަރަނިތައް ވެސް އަދާކުރަމުންދާ ކަމަށެވެ.
"އެފްއޭއެމްގެ ދަރަނިތަކުގެ ބޮޑު ބައެއް ވެސް މިހާރު ހުރީ އަދާ ކުރެވިފަައި. އަދި އިތުރަށް ދެން ހުރި ދަރަނިތައް ވެސް މި ޖޫން މަސް ތެރޭގައި ނިމިގެން ގޮސް މި އަންނަ ހަފުތާގައި ކްލަބްތަކަށް ވެސް ފައިސާ ހަވާލު ކުރެވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.
"އުނދަގޫ ހާލަތަކުން އިރާދަކުރެއްވިއްޔާ ނުކުމެގެން ރަނގަޅު ހާލަތަކާ ދިމާލަށް އެނބުރިގެން މި ދަނީ."
އެފްއޭއެމުން މި އަހަރަށް ފާސްކުރީ 80 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ހަރަދުތައް 88 މިލިއަނަށް އިތުވާނެ ކަމަށް އަންދާޒާކޮށްފައި ވެ އެވެ. އެހެންކަމުން އެ އެސޯސިއޭޝަންގެ މި އަހަރުގެ ބަޖެޓަކީ ޑެފިސިޓް ބަޖެޓެކެވެ.
އެހެން އަހަރުތަކުގައި އެފްއޭއެމުން ކުރާ ވަރަށް ގިނަ ކަންކަން މި ވަގުތަށް ވަނީ މަޑުޖައްސާލައިފަ އެވެ.
ބައްސާމް ސިފަކުރެއްވި ގޮތުގައި އެ ކަންކަން މަޑުޖައްސައިލީ، މާލީ ގޮތުން ނޭވާލާނެ ޖާގައެއް ހޯދުމުގެ ގޮތުންނެވެ.
"ކުރިން ކުރާ ބައެއް ކަންކަން ހަރަދު ކުޑަކުރުމުގެ ގޮތުން އަޅުގަނޑުމެން ނުކުރަން މި ވިސްނަނީ. ޒަރޫރީ ކަންކަން، ފުޓްބޯޅައިގެ ޑިވެލޮޕްމެންޓަށް ސީދާ ބޭނުންވާ ކަންކަން ފިޔަވައި އިތުރު ކަންކަން ނުކުރަން މި އަހަރު މި ނިންމީ،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ހިމަނާފައިވާ 8.6 މިލިއަން ރުފިޔާ މި އަހަރު ނިމެން ވާއިރަށް އަރަނި އަދަދަކަށް ބަދަލު ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.