މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު
މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު

މަޓޭގެ ޚަބަރު ލިބުނީ އޭނާގެ ޚަބަރު އެހެން އެންމެނަށް ވެސް ލިބޭ ގޮތަށެވެ. – ތުންތުން މަތިންނެވެ. އެކަކުގެ އަނގައިން އަނެކަކުގެ އަނގައިން މަޖާވަމުން "ޗޯވަމުން" ފައިބަމުން އައިސް މި ގަނޑުތަކަށް ހެއްވާ މަޖާ ދެލިގަނޑެއްގެ ސިފައިގައި ފޭދުނީއެވެ. މަޓޭއޭ ކިޔާ ވަރަށް މަޖާ "ގޮލައަކު" އުޅޭނެއޭ މީހުން ކިޔާވަރު ބޮޑުވެގެން މަށަށް ވެސް އޭނާ އަށް އެންމެފަހުން 'ދައުވަތު' ދެވުނީއެވެ.

މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު
މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު

އާނއެކެވެ! މިއީ ހެންވޭރު ދޮންއަންނާރުގޭ ހުސެން ޝާދު (މި ކިޔާ މަޓޭއެއްގެ އަސްލު ނަން) ލައްވައި ހެއްވާ މަޖާ ވާހަކަ ކިޔުއްވަން މީހަކު އޭނާ އަށް ދައުވަތު ދިން ފުރަތަމަ ފަހަރެއް ނޫނެވެ. އުމުރުން ބައި ގަރުނުވުމާ މަހެއް ދެ މަހެއް ގާތުގައި ބުރު ޖަހަމުން އަންނަ މަޓޭގެ ހަޔާތުގައި އޭނާ އަށް ލިބުނު އެ ދައުވަތު ޔަގީނަށް ވެސް އުމުރަށް ވުރެން މާ ބޮޑަށް ވެސް ދޮށްޓެވެ. އެތައް ތަނުން ދޮށްޓެވެ.

މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު
މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު

ހަޔާތުގެ ބޮޑުބައިގައި އޭނާ އުޅުނީ 'ކޮންމެ ދުވަހަކުވެސް' މީހުން ހެއްވައި ރޫޅުމުގައެވެ. އެއަށް ވުރެ ރަނގަޅު ވާނީ އަދި މިހެން ބުނިއްޔާއެވެ. މީހުން އުޅުނީ މަޓޭ ގޮވައިގެން ގެންގޮސް ހީހީ ހަލާކުވެ މަރުވުމުގައެވެ. މަޓޭ އަކީ ބަޔަކު ދަތުރެއްގައި ދިޔަޔަސް، ދެ މީހަކު އިނދެ ވަރިކުރިޔަސް، އެ ހުރިހާ ޒާތެއްގެ ހަފުލާއެއްގައި ވެސް 'ލޮނުހެޔޮވަރުކުރި' އެންމެ ފޮނިތޮށިކާފޫތޮޅިއެވެ. އެ މީހަކާ ނުލައި މީހެއްގެ ގާތަށް 'ދަތުރު މޫޑް' ނާންނަ ވަރުގެ ނަމެކެވެ.

މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު
މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު

"ބަލަ ބޭރު ގައުމަކަށް ދަތުރުދިޔަޔަސް ރައްޓެހިން އެބަ ބުނެއޭ މަޓޭ ކަލޭ ނުދަންޏާމު މި ދަތުރު ދަތުރަކަށް ނުވާނެއޭ. ދަތުރަކު ތިމަންނާމެން ނުދާނަމޭ،" މަޓޭ ބުނެލިއެވެ.

މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު
މަޓޭ މި އަރުވާ މަޖާގަނޑުގެ އަސްލު އަސަރު

އެކަމަކު އަދި މި ވަރަށް ޓައިޕްކޮށް، މިގޮތަށް ކިޔައިދިނަކަސް މި މަޓޭއެއްގެ ހުރި މަޖާކަމެއް ގަލަމާއި ދެލީގެ ކިޔުންތެރިޔަކަށް ވަޒަންނުކުރެވިދާނެއެވެ. އެކަމަކު ފޭސްބުކާއި ޓިކްޓޮކަށް ނިދައި ހޭލާ މީހަކަށް މަޓޭގެ ކެރެކްޓާ ސިފަކޮށްދޭނެ ކަމެއް ވެސް ނެތެވެ. ނަމަވެސް މަޓޭ އަކީ ޓިކްޓޮކާއެކު މަޖާވި މީހެއް ނޫނެވެ. ބައިސްކޯފްގެ ކޮމެޑީ ނައިޓްސް އާއި ކާއްޓޭ ދި ވާންޗޯގެ ކޮމެޑީ ސްކެޗްތަކުން މަޝްހޫރުކަން ލިބުނީ އިހަށް ދުވަހު ކަމަށް ވެދާނެއެވެ. ނަމަވެސް އޭނާ އަކީ މި ފުރަމާލޭގައި އަބަދުވެސް ލެޖެންޑެކެވެ. އަބަދުވެސް، އެންމެ މަޖާ މީހާއެވެ.

"މިހާރުގެ ޒުވާން ޖީލަށް އަޅުގަނޑު މިއީ މަޖާ މީހެއްކަން އަދި އެނގެނީ ސޯޝަލް މީޑިއާ ވީޑިއޯތަކުން ކަމަށް ވެދާނެ. އެކަމަކު މާލޭގައި އޮންނާނެ 72-83ގެ ޖީލެއް އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ. މާލޭގެ 30 ޕަސެންޓް މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ އަހަރެން މިއީ ކޮން ކަހަލަ މިޒާޖެއްގެ މީހެއް ކަމާއި ކިހާ މަޖާ މީހެއްކަން ވެސް،" ވަން ޕީސް ގަމީހެއް ލައިގެން އަވިއައިނު އަޅައި އަތުގައި ލެދަރު ފަށްބަރިއެއް އަޅައިގެން ފިނި ކޮޓަރީގައި ވާހަކަ ކިޔައިދެމުން މަޓޭ ބުނެލިއެވެ.

ދެން އޭނާ ބުނީ މިހެންނެވެ.

"ދޮންއަންނާރުގޭ އެންމެންނަކީ ވެސް މާލެތެރެއަށް މަޝްހޫރު މީހުންނޭ."

އެއީ ތެދެކެވެ. ހެންވޭރު ދޮންއަންނާރުގެ އަކީ އާދަޔާހިލާފު ހިޔަލަކާއި ފުރާޅެކެވެ. ދޮންއަންނާރު އަހުމަދު މުހައްމަދާއި ޝަރީފާ އިބްރާހީމަށް ލިބުނު 14 ކުދިންގެ ތެރެއިން 13 ކުދިން ދުނިޔޭގައި ތިބިއިރު އެއީ 'ހުސް' އާޓިސްޓުންނޭ ބުނާ ކަހަލަ ކުދިންނެވެ. ނުވަތަ ކޮންމެވެސް ދާއިރާއަކުން، ކޮންމެވެސް ހުނަރުވެރިކަމަކުން ފައްކާވެ ފަރިވެފައިވާ ކުޅަދާނަ ކަމެކެވެ. ފިލްމީ ދާއިރާގެ ކުލަ ބަދަލުކޮށްލި މަޝްހޫރު ކޮމީޑިއަން އަދި ޑައިރެކްޓަރު 'ދޮންއަންނާރޭ' ފަދަ މީސް މީހުންނަކީ އަމުދަކުން މިވަރުގެ ތައާރަފެއް މުހިންމުވާ ބައެއް ވެސް ނޫނެވެ.

މި އާއިލާގައި މަޓޭ އަކީ އޭނާގެ މަންމަ އާއި ބައްޕަ އަށް ލިބުނު ނުވަ ވަނަ ކުއްޖާއެވެ. އުފަންވިއިރު ފުރާފުރިހަމައެވެ. އެކަމަކު އުމުރުން ދެ އަހަރުގައި ކަނާތު ލޮލުގައި ޓިއުމަރެއް އުފެދި، އެ ލޯ ހަލާކުވެ، އަނދިރިވެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ދިއުމުން ލަންކާ އަށް ގޮސް އެ ލޯ ނެގީއެވެ. މަޓޭގެ 'އޮބްޒަވޭޝަނަލް ކޮމެޑީ' ގެ ދަތުރަށް އޭނާގެ ލޯ ހުޅުވާލަދިން ހިސާބަކީ އެއީ އެވެ.

އާދައިގެ މީހަކު 180 ޑިގްރީގެ މަންޒަރެއް ބަލަމުންދާއިރު މަޓޭގެ މުޅި އުމުރުގައި ނުވަތަ ހަނދާން ހުންނަން ފެށީއްސުރެ އޭނާ އަށް ދުނިޔެ ފެނުނީ ގާތްގަނޑަކަށް 130 ޑީގްރީގެ ފަޅި މަންޒަރަކުންނެވެ. ނަމަވެސް އެ ހަނި މަންޒަރުގައި އޭނާ އަށް ފެނުނީ އެހެން މީހުންނަށް ނުފެނުނު މަންޒަރެވެ. ނުވަތަ އެހެން މީހުން އެމީހުންގެ އާންމު ދިރިއުޅުމުގައި އެއްވެސް ވަރަކަށް ސަމާލުކަން ނުދީ ދޫކޮށްލި ކަންކަމެވެ. – މަޓޭ އަށް އޭނާގެ 'ހެއްވާ މަޖާ ދުނިޔެ' އުފެދުނު ގޮތަކީ މިއެވެ.

އޭނާ އަކީ އެއް ލޯ ނެތަސް، ދެ ލޮލަށް ވުރެ ބޮޑަށް އެއް ލޯ ހުޅުވައިގެން ހުންނަ މީހެކެވެ. އަބަދުވެސް ހުރިހާ ކަމަކަށް ލޯ ހުޅުވައިގެން ހުންނަ މީހެކެވެ. އަދި އަބަދުވެސް އެ ބޮޑު މައްސަލައިގެ އެންމެ މަޖާ އޭންގަލް ގެނެސްދިން މީހެކެވެ.

"މަށަކީ ތަނަކަށް ދިޔަޔަސް މީހުންނާ ވަރަށް އަވަހަށް ވާހަކަ ދައްކައިގެން ރައްޓެހިވާ މީހެއް. ދެން ބައެއް މީހުންނަށް އެބަ ހީވޭ މަށަކީ ބަލި މީހެކޭ ވެސް. އެއް ލޯ ނެތީމަ ވެސް. އެހެންވީމަ ވެސް މީހުން ވަރަށް އަވަހަށް މަށާ ވާހަކަ ދައްކާ ކަންކަން ކޮށްދޭން ވެސް ކޮށްދޭނެ،" ހީގެންފައި މަޓޭ ކިޔައިދިނެވެ.

"މި އުޅެނީ ލޯ ވެއްޓިގެންނޭ ކިޔާފައި އެއް ރޭ ދަންވަރު އައިޖީއެމްއެޗަށް ވެސް ދިޔައީމޭ ސީދާ އެތަނުގެ ކެންޓީނުން ކާންވެގެން. އެއީ އައިޖީއެމްއެޗް ހުޅުވައިގެން އާ ދުވަސްކޮޅު. ދަންވަރަކު ގޮސް ނުވަދެވޭނެ އެގޮތަކަށް ކާކަށް. އެކަމަކު ހަމަ ގާޑުކަލޭގެ ހިފެހެއްޓިތަނާ އަހަރެން ހަމަ ރޮއި ހޭރިގަތީއޭ މި ލޯ ދައްކައިފަ."

"ގާޑުކަލޭގެ ބިރުން ހަލާކުވެ، ތެޅެމުން ފޮޅެމުން އަހަރެން ފުރޮޅުލީގޮނޑިއަކަށް ލައިގެން އެ ދުއްވައިގަތީ އީއާރަށޭ."

މިފަދަ ސަމާސާ ބައެއް ފަހަރަށްކުރިޔަސް މަޓޭ އަކީ އޭނާގެ 'އޮބްޒަވޭޝަނަލް ކޮމެޑީ' ސްކެޗްތަކުން 'ނަސޭހަތެއް ނުވަތަ އިބްރަތެއް' ހާސިލުވާ ކަހަލަ މެސެޖުތަކެއް އާންމުންނަށް ދޭން ބޭނުންވާ މީހެކެވެ. އޭނާގެ އެއް ލޮލަށް ފެންނަ ދުނިޔެއިން ފާހަގަވާ މައްސަލަތަކަށް އެ އައިބުތައް ނުފެންނަ މީހުންގެ ސަމާލުކަމަށް ގެނެސްދޭން 'މަޖާވާ' މީހެކެވެ.

މިސާލަކަށް ކޮން ކަމެއް ހެއްޔެވެ؟

"މިސާލަކަށް ރައީސް އޮފީހުގެ ފާރުގައި ފެހި ޖަހައި ހަޑިވެފައި ހުންނަ ހުރުން. ސިއްހީ ހިދުމަތެއް ލިބިގަތުމުގައި ދަތިވާ ދަތިވުން. މިސާލަކަށް އެޑިއުކޭޝަން މިނިސްޓްރީގައި ހުންނަ އާންމުނަށް ދަތިވާ މައްސަލަތައް. ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ވަކި ކަމެއް ނޫން. ވަކި އިދާރާއެއް ނޫން. އަހަރެންގެ އާންމު ދިރިއުޅުމުގައި އުޅޭއިރު މި ހުރިހާ މައްސަލައެއް ރާޑަރަށް އަރާނެ،" ފޯރީގައި މަޓޭ ކިޔައިދެމުންދިޔައެވެ.

"އަހަރެން ދާއިރު ދާނީ މި ހުރިހާ އިދާރާތަކެއްގެ ނަމްބަރުތައް ހޯދައި ފޯނަށް އެއްކޮށް ތަންތަނަށް ގުޅައި މައްސަލަތައް ހުށަހަޅަމުން. މިއީ ކޮންމެ ދުވަހަކުވެސް ކުރާ ކަމެއް."

އެއީ ތެދެކެވެ! ސަރުކާރުގެ އިދާރާތަކާއި އާންމުންނަށް ހިދުމަތްދޭ މަރުކަޒުތަކުން 'ޝަކުވާގެ ހިސާބުކިތާބު' ބަލަހައްޓާ ނަމަ މަޓޭ ބުނަނީ އެންމެ ކުރީގައި އޮންނާނެ ނަމަކަށް ވާނީ ހެންވޭރު ދޮންއަންނާރުގޭ ހުސެން ޝާދުގެ ނަން ކަމަށެވެ.

"ޓީވީގަ އުޅޭ މީހެއް ކައިރީގަ ވެސް އަހާލަބަލަ، އެންމެ ގިނައިން ކޮމްޕްލެއިންސް ކުރަނީ ކާކު ހެއްޔޭ؟ އެމީހުންގެ އަތުގައި ރިކޯޑްތައް ހުރިއްޔާމު ބުނަން މަޖުބޫރުވާނެ ދޮންއަންނާރުގޭ ހުސެއިން ޝާދު ކިޔާ މީހަކު މިތަނަށް ކޮންމެ މަހަކު ދެ ބުރަށް ތިން ބުރަށް ގުޅާނެއޭ ކޮންމެވެސް އެއްޗެއް ދައްކަނީއޭ ކިޔައިގެން ޝަކުވާ ހުށަހަޅަން. ރައީސް އޮފީހަށް ވެސް ވަރަށް ގިނައިން ގުޅަން،" މަޓޭ ބުންޏެވެ.

އެހެންވީމަ މަޓޭގެ ހިތްހަމަނުޖެހުންތަކަކީ ކޮބައި ހެއްޔެވެ؟ މަޓޭއާ ނުބެހޭ ކަމެއް ގައުމުގައި ނެތީ ކީއްވެގެން ހެއްޔެވެ؟ މަޓޭގެ މި ދިރިއުޅުމުގެ އަމާޒަކީ ކޮބައި ހެއްޔެވެ؟ އޭނާ މި އަރުވާ ވަރުގަނޑާއި ފޯރިގަނޑުގެ އަސްލަކީ ކޮބައި ހެއްޔެވެ؟

"ނުބެހޭ ކަމެއް ނޯންނަނީއެއް ނޫން. މަޓޭއާ ބެހޭނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް، ގަވާއިދުތަކާއި ގާނޫނުތަކުގެ ތެރެއިން ފުރިހަމަ އަށް ނުލިބޭ ނަމަ. ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތަކެއް ނުލިބޭ ނަމަ މަޓޭގެ ލޭ އެންމެ ގަދަ އަށް ކެކޭނީ،" ކުރިން ގަދަ އަށް ޖިމު ޖައްސައި ފުއްޕާލި ހަށިގަނޑާއެކު އަދިވެސް ހިސާބަކަށް މޭފުއްޕާލާފައި އުޅޭ މަޓޭ ކިޔައިދިނެވެ.

ފީކަޅާކަމުން، އިހުމާލުން ކަމެއް ނުކޮށްދޭ ނަމަ އެތަނަކަށް ދިޔަޔަސް އަހަރެންގެ ސިކުނޑިއަށް ހިތަށް ވަގުތުން އެކަމެއް ނަގައިގަންނާނެ. ދެން ހިތަށް އަރާނީ އޭއި މިކަން އޮންނަ ގޮތެއް ބަލަން ވެއްޖެއޭ. އެ ޖެހުނީ ވަގުތުން ގުޅަން."

މަޓޭ ބުނަނީ އޭނާގެ އޮބްޒަވޭޝަނަލް ކޮމެޑީ ސިފަވާ "ކާއްޓޭ ދި ވާންޗޯ" ގެ ސްކެޗްތައް އަދި އަމިއްލަ ނަމުގައި ހިންގާ ފޭސްބުކް ޕޭޖާއި ޓިކްޓޮކްގައި ވެސް ފެށުމުގެ އަސްލަކީ މުޖުތަމަޔާ ރައްޔިތުންނާ ގުޅޭ ކަންކަމުގައި އަޑުއުފުލުމަށް އޭނާގެ ކިބައިގައި އަބަދުވެސް އުފެދިފައިވީ ޝައުގުވެރިކަން ކަމަށެވެ.

"ހިތްހަމަނުޖެހޭ ކަމެއް، ރައްޔިތުންނާ ގުޅިފައިވާ ކަމެއްގައި ފާހަގަކުރެވިއްޖެ ނަމަ ވަގުތުން، ވަގުތު އޮވެއްޖެ ނަމަ ނަމްބަރު ހޯދައިގެން އަހަރެން އެތަނަކަށް ގުޅާނަން. ގުޅާފައި ކަންބޮޑުވުން ފާޅުކުރާނަން. އެކަން ހައްލުކުރަން މަސައްކަތްކުރާނަން. އެއީ އަޅުގަނޑު މި ކުޅޭ ރޯލަކީ،" ސަމާސާ ރާގުތަކާއި ގޮތްގޮތަށް އަމަލާއި ބަސް ހުއްޓަސް އަސްލު މެސެޖުތައް ވަރަށް ސީރިއަސް ކަމަށް ބުނެ ކިޔައިދެމުން މަޓޭ ބުންޏެވެ.

"އަޅުގަނޑު މިގޮތަށް ވީޑިއޯތައް ހަދަން ފެށީ މިގޮތަށް ކަންކަމުގައި ހިޔާލުފާޅުކޮށް މިފަދަ މައްސަލަތަކަށް އަލި އަޅުވައި އެންމެންގެ ސަމާލުކަމަށް ކަންކަން ގެނެސް ހޭލުންތެރިކަން އިތުރުކުރުވުމުގެ ބޭނުމުގައި."

މަޓޭ ބުނާ ގޮތުން ނަމަ އޭނާގެ ދިރިއުޅުން މިގޮތަށް ބަދަލުކޮށްލީ އޭނާގެ އެއް ލޯ، ކުޑައިރުގައި ހަލާކުވެގެން ދިޔަ ގޮތަށް އޭނާގެ ހަގު ދަރިފުޅުގެ ދެ ލޯ ހަލާކުވެ ނަގަން ޖެހުނު ދުވަހެވެ.

"ރެޓިނޯބްލާސްޓޯމާ ކިޔާ ކެންސަރެއް ޖެހިގެން ދަރިފުޅުގެ ދެ ލޯ ނަގަން ޖެހުމަކީ އަޅުގަނޑުގެ ދިރިއުޅުން ބަދަލުކޮށްލި ދުވަސް. ހަދާ މަޖާކޮށް މީހުންނާ އެކު ސަކަރާތް ޖަހައި އުޅުނު މީހެކޭ އަހަންނަކީ. ވަޒީފާ ދޫކޮށްލާފައި ދަރިފުޅު ގޮވައިގެން އިންޑިއާ އަށް ގޮސް ހަތަރު އަހަރު އަޅުގަނޑު އެކަމުގައި އުޅެންޖެހުނު،" ކުރެއްދޫ ރިސޯޓްގެ މާލޭ އޮފީހުގައި ސަޕްލައި އޮފިސަރަކުން ފަށައިގެން ސަޕްލައި މެނޭޖަރަކަށް އުޅުނު 14 އަހަރުގެ ކެރިއަރު ދޫކޮށްލާފައި ފުރައިގެން ދިޔަ ސަބަބުން މަޓޭ ކިޔައިދިނެވެ.

އޭނާ ބުނާ ގޮތުން ނަމަ އެއީ އެހެން މީހުންނަށް ކުރިމަތިވާ އުނދަގޫތަކާއި ގޮންޖެހުންތައް އޭނާ އަށް ވަރަށް ގާތުން އިހުސާސްކުރެވި އެހެން މީހުންގެ ވޭނާއި ތުރާލަށް ފިނިކަމެއް ހޯދައި ދިނުމުގެ މުހިންމުކަން އަމިއްލަ އަށް ތަޖުރިބާކުރެވުނު ހަތަރު އަހަރެވެ. އަދި މީހަކު ހާލުގައި ޖެހިގެން އެހީއަކަށް އެދިގެން އައުމުން އެމީހެއްގެ ހަޔާތުގައިވީ އުދާސްތަކުގެ ހަގީގަތް ބެލުމަކީ ކިހާ މުހިންމުކަމެއްކަން އަންގައިދިން ތަޖުރިބާއެއް ކަމަށެވެ.

"ދަރިފުޅުގެ ލޯ ހަލާކުވެގެން އުޅުނުއިރު ރައްޓެހިންގެ ފަރާތުން އެންމެ ބޮޑު އެހީއެއް ލިބުނީ. އެކި ރައްޓެހިން 1.5 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ދިންއިރު ސަރުކާރުން ލިބުނީ ގާތްގަނޑަކަށް 60،000ރ އޭ. ހަތަރު އަހަރު އިންޑިއާގައި އުޅުނިން ދަރިފުޅު ގޮވައިގެން ބޭސްފަރުވާގައި،" މަޓޭ ބުންޏެވެ.

"ދަރިފުޅު މަރުވެދާނެ ކަމުގެ ބިރު ވެސް އޮތް. ދެން ދަރިފުޅުގެ ދެ ލޮލާއި ނާރުތަކާ އެއްކޮށް ނަގަން ޖެހުނީ ވެސް. ބޮޑު ވަޅުގަނޑެއްހެން ހުންނާނީ ވެސް އޭނާގެ ދެ ލޯ ނެގީމަ. އަހަރެންގެ ލޯ މި ހުންނަ ގޮތަކަށް ވެސް ނޫން."

މަޓޭ ސިފަކުރާ ގޮތުން ނަމަ އޭނާގެ ހަޔާތް އުފަންކުރުވި އެންމެ ބޮޑު 'ރައުސްމާލަކީ' އޭނާގެ މަޖާ މިޒާޖު ގެނެސްދިން ގުނައި އަދަދު ނުކުރެވޭހާ ގިނަ ރައްޓެހިންނެވެ. އެހެންކަމުން މަޓޭ ބޭނުންވަނީ އެ ރައްޓެހިން އޭނާގެ ހަޔާތަށް ގެނެސްދިން ބްރިޖު އަދިވެސް ތަރައްގީކޮށް، ވީހާ ވެސް ގިނަ ބަޔަކު ހެއްވަމުން، އޭނާގެ އަމިއްލަ ކޮމެޑީ އިސްޓައިލުގައި ވެވުނު މިންވަރަކުން މުޖުތަމައަށް އެހީވާށެވެ. – ހިނިތުންވުމަކީ ސޮދަގާތެއް ނަމަ މީހުން ހެއްވުން ވެސް ވާނީ 'ސޮދަގާތަކަށް' ނޫން ހެއްޔެވެ؟

އެކަމަކު އޭނާގެ ދީލަތި އެހީ އަކީ މީހުން ހެއްވައި ކުޑަކޮށްލާ ޖޯކުތައް އެކަންޏެއް ވެސް ނޫނެވެ. އޭނާ މި ކިޔައި ދެނީ ވެސް ވަރަށް ސަޅި ކަމެއްގެ ވާހަކައެވެ. އެކަމަކު މިއީ އެއްގޮތަކަށް ވެސް ޖޯކެއް ނޫނެވެ.

"މިހާރު ބްރިޖު ހުރަސްކުރާއިރު ވެސް އަޅުގަނޑު ދާނީ އަބަދުވެސް ކުދިކުދި ފުޅިތަކުގައި ޕެޓްރޯލް ހިފައިގެން. ސައިކަލް މަޑިދަށުގައި އަބަދުވެސް އޮންނާނެ އެއް ފުޅި، ދެ ފުޅި. އެއީ ޕެޓްރޯލް ހުސްވެގެން ބްރިޖުމަތީގައި ހުއްޓިފައި ތިބޭ މީހުންނަށް ހަދިޔާކުރުމަށް ގެންދާ ފުޅިތަކެއް،" މަޓޭ ބުންޏެވެ.

"އަހަރެން އެއް ދުވަހު ބުރިޖު މައްޗަށް ހުއްޓުނު ފަހުން ފެށި ކަމެއް މިއީ. އަހަރެން ބޭނުންވަނީ ކޮންމެ ދުވަހަކުވެސް އެކި މީހުންނަށް އެކި ގޮތްގޮތަށް ކޮންމެވެސް ގޮތަކުން އެހީތެރިވާން. އަޅުގަނޑުގެ ކޮމެޑީ އަކީ މިއީ."

މިހައި ހިސާބުން ހިތަށް އަރަނީ މިހެންނެވެ. މި މަޓޭއަކާ މީގެ ވިއްސަކަށް އަހަރު ކުރިން ދިމާވި ނަމަ ކިހައި ސަޅި ހެއްޔެވެ؟ އެންމެ ބޮޑު ފަރުވާ މި އޮތީ މަޓޭގެ އަތުގައި ނޫން ހެއްޔެވެ؟ އެންމެ ބޮޑު ފަރުވާ އަކީ ހުނުމެއް ނޫން ހެއްޔެވެ؟ އެހެންކަމުގައި ވަނީ ނަމަ މަޓޭ މި ވަނީ ހެއްވުމުގެ 'ޑޮކްޓަރަށެވެ'.

ހަމަ ރަނގަޅަށް ވެސް، ހެއްވައި، ހޭނައްތާލާ ވަރުގެ 'ޑޮކްޓަރަކަށެވެ'.