08 ޖޫން 2022 - 11:55

ކޮކާ ކޯލާ އާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާ ގުޅިގެން މިދިޔަ އަހަރު 45 ޓަނުގެ ޕްލާސްޓިކް އެއްކޮށްފި އެވެ.

އެތަކެތި އެއްކޮށްފައިވަނީ އުކާލާ ޕްލާސްޓިކް އަލުން ބޭނުން ކުރުމަށާއި ރަށްރަށުން ޕެޓް ޕްލާސްޓިކް އެއްކުރުމަށް މޯޕާ އިން ހިންގާ މަޝްރޫއުތަކެއްގެ ދަށުންނެވެ.
'ޕެޓް ޕްލާސްޓިކް' އަކީ ވަރުގަދަ، ލުއި އަދި ސާފުކޮށް ހުންނަ ޕްލާސްޓިކެކެވެ. އެއީ ޕޮލިއެސްޓާ ހިމެނޭ އާޓިފިޝަލް ފައިބާގެ ވައްތަރެކެވެ. ޕްލާސްޓިކުން ހަދާފައި ހުންނަ ފުޅި ފަދަ ތަކެތި ވިރުވައިގެން ފޮތި ކަހަލަ އެއްޗެހި ވެސް އުފެއްދޭނެ އެވެ.
ކޮކާ ކޯލާއިން ނެރުނު ނޫސްބަޔާނުގައި ބުނީ، މި އަހަރު މި ޕްރޮޖެކްޓް އިތުރަށް ފުޅާކޮށް ރިސޯޓުތަކުންނާއި ރެސްޓޯރެންޓްތަކުން ހުސް ފުޅި އެއްކުރުުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ކޮކާ ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ، ޒިންމާދާރު ބައިނަލްއަގުވާމީ ބްރޭންޑެއްގެ ހައިސިއްޔަތުން، ކުނި މަދުކުރުމާއި ވަސީލަތްތަކާއި ތަކެތި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރަން އެކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެކުންފުނިން ރިސައިކަލްކުރުމުގެ އަސާސް ބަލައިގަނެ، އެގޮތަށް މުޅި ކުންފުނި ބަދަލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ސާކިއުލަ އިކޮނޮމީއެއް އުފެއްދުމަށް އަޅުގަނޑުމެންގެ ބައިވެރިންނާއި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
ކޮކާ ކޯލާއިން ބުނީ މޯޕާ އާ ގުޅިގެން، ރިސޯޓުތަކުން ޕެޓް ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
ކޮކާ ކޯލާއިން މޯޕާއާ އެކު ފެށި، ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ދަށުން ހަ މަސް ތެރޭގައި ގާތްގަނޑަކަށް 1،000 ކިލޯގެ ޕްލާސްޓިކް ފުޅި އެއްކުރި އެވެ. ކޮކާ ކޯލާއިން އެއްކުރާ ފުޅިތައް ރީސައިކަލް ކުރަން ހަވާލުކުރަނީ ޕާލޭ މޯލްޑިވްސްއާ އެވެ.
ރީސައިކަލް ކުރެވޭނެ ފަދަ ޕްލާސްޓިކުން ބަންދުކުރެވޭ ތަކެތި އުފެއްދުމަށް ކޮކާ ކޯލާއިން އަންނަނީ "ވޯލްޑް ވިތައުޓް ވޭސްޓް"ގެ ނަމުގައި މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަން ވާއިރަށް އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކަކީ ރީސައިކަލް ކުރެވޭ ޕްރޮޑަކްޓްތަކަށް ހެދުމެވެ.
ރާއްޖޭގައި އުފައްދާ ސްޕްރައިޓް އަދި ބޮނަކުއާ ބްރޭންޑް ޕްލާސްޓިކް ފުޅި، ރިސައިކަލް ކުރެވޭ އެތެރެ ފެންނަ ސާފު ޕެޓް ފުޅިތަކަށް މިހާރު ވެސް ވަނީ ބަދަލުކޮށްފަ އެވެ.