ވިނަރެސް ފްލެޓް ދޭނެކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅާތީ ސަމާލުވާން އެދިއްޖެ
ވިނަރެސް ފްލެޓް ދޭނެކަމަށް ބުނެ އެޗްޑީސީގެ ނަމުގައި ގުޅާތީ ސަމާލުވާން އެދިއްޖެ

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" އިން ފްލެޓް ލިބުނު ކަމަށް ބުނެ މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލުވާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިނަރެސް އިން ފްލެޓް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގުވަން ކުރާ ކޯލްތައް މިދުވަސްވަރު އަނެއްކާ ވެސް އިތުރުވެފައިވާ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު ވެސް އެޗްޑީސީގެ ނަމުގައި މޯބައިލް ނަމްބަރުތަކުން ގުޅައި، ފްލެޓް ދޭނެ ކަމަށް ބުނެ ފައިސާގެ މުއާމަލާތް ހިންގިކަމުގެ ޝަކުވާތައް އިތުރުވި އެވެ. އަނެއްކާ ވެސް އެ ޝަކުވާތައް އިތުރުވެފައި ވަނީ ވިނަރެސް ފްލެޓް އާންމުންނަށް ދައްކާލުމަށް އެޗްޑީސީން އިއުލާނުކޮށްފައި ވަނިކޮށެވެ.

އެޗްޑީސީން ބުނީ ފްލެޓް ލިބޭނެ ކަމަށް ބުނެ އެއްވެސް މޯބައިލް ނަމްބަރަކުން އެ ކުންފުނިން ނުގުޅާނެ ކަމަށެވެ. އަދި މިވަގުތު ކުރިއަށް ދަނީ ވިނަރެސް ފްލެޓްތައް ބަލައިލުމަށް ބޭނުންވާ މީހުންނަށް އެތަން ދައްކާލުމުގެ މަސައްކަތާއި އެ ފްލެޓާ ގުޅޭ މައުލޫމާތު ސެޝަންތައް ދިނުން ކަމަށް އެެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި އެތަން ވިއްކާނެ ތާރީހެއް އިއުލާންކުރާނީ ހަފްތާއެއް ފަހުންނެވެ. ވިއްކުމުގެ މަސައްކަތް ކުރާނީ ޕޯޓަލެއް މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުންޏެެވެ.

"ވިނަރެސް ފްލެޓް ލިބުނު ކަމަށް ބުނެ ގިނަ ބަޔަކަށް އަނެއްކާ ވެސް ފޭކް ކޯލްތައް ކުރާ ކަމުގެ ޝަކުވާ ކުންފުންޏަށް ލިބޭތީ އެކަމަށް ސަމާލުވުމަށް ކަސްޓަމަރުންގެ ކިބައިން އެދެނީ. އަދި ބައެއް މީހުން އެބަ ހީކުރޭ އެތަން ބަލާލުމަށް އަންނަން ރަޖިސްޓްރީވީމަ ފްލެޓް ލިބެނީއޭ. އެކަމަކު އެހެންނެއް ނޫން،" އެޗްޑީސީން ބުންޏެވެ.

ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިގެން ކުރިމަތިލާ މީހުންގެ ތެރެއިން ފްލެޓް ލިބުނަސް މޯބައިލް ނަމްބަރަކުން ގުޅައިގެން އެ ވާހަކަތައް ނުދައްކާނެ ކަމަށް ކުންފުނިން ބުންޏެވެ.

މީގެ ކުރިން އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ކުރި ކޯލެއްގެ ރިކޯޑިން ލިބުނުއިރު އެ ކޯލް ކުރި މީހާ ވާހަކަ ދައްކަނީ ފޭކް ކޯލެއް ކަމަށް ގަބޫލުކުރަން ދަތިވާހާ ވެސް ފަރިތަކޮށެވެ. އެހެންވެ އެކަމަށް އެންމެން ވެސް ސަމާލުވެ އެޗްޑީސީއަށް ގުޅައި ކަށަވަރުކޮށްގެން ނޫން ގޮތަކަށް ފައިސާގެ މުއާމަލާތްތައް ނުހިންގުމަށް އެދެ އެވެ.

އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެޗްޑީސީގެ ކޯލް ސެންޓަރު، 1516 އަށް ގުޅާ އެކަމެއް ސާފުކުރުމަށް ވެސް އެދުނެވެ.