މި ވެސް ކަނަމަދު ކޭކު، އެ ވެސް ކަނަމަދު ކޭކު، ތަފާތީ އަގު
މި ވެސް ކަނަމަދު ކޭކު، އެ ވެސް ކަނަމަދު ކޭކު، ތަފާތީ އަގު

މުޅިން ތަފާތު ޚިދުމަތްތަކާއި އާ ތަންތަނާ އެކު މާލޭގެ ކެފޭ/ ރެސްޓޯރެންޓް ވިޔަފާރި ކުރިއަށް ވުރެ ވެސް ފުޅާވެ ކުރިއަރަމުން އަންނަ އިރު އެއް ބާވަތެއްގެ މަގްބޫލުކަން މި ދުވަސްކޮޅު ވަކިން ބޮޑުވެއްޖެ އެވެ؛ ކަނަމަދު ކޭކެވެ. އެއް ތަނެއްގެ ފަހަތުން އަނެއް ތަނަކުން މި ކޭކު ތައާރަފްކުރަމުން އައިސް، ނަން ހިނގާ ގިނަ ކެފޭތަކުން މިހާރު މި ލިބެ އެވެ.

މި ވެސް ކަނަމަދު ކޭކު، އެ ވެސް ކަނަމަދު ކޭކު، ތަފާތީ އަގު
މި ވެސް ކަނަމަދު ކޭކު، އެ ވެސް ކަނަމަދު ކޭކު، ތަފާތީ އަގު

ދިވެހި އުފެއްދުމަކަށް ވިޔަސް ކަނަމަދު ކޭކަކީ އެހާ އިހުގެ އެއްޗެއް ނޫނެވެ. ބައެއް ކެއްކުންތެރިން ބުނާ ގޮތުގައި މި ދެ އަހަރެއްގެ ތެރޭގައި މި ކޭކު އާއްމުވުމުގެ ކުރިއަކުން މާ ގިނަ ބަޔަކު ކަނަމަދު ކޭކެއް ނުދަނެ އެވެ.

ސައި ނުވަތަ ކޮފީއާ އެކު ކާލަން މީރު މި ކޭކަށް ކުއްލިއަކަށް މިހާ ބޮޑު ހައިސިއްޔަތެއް ލިބުނީ ކީއްވެގެން ކަމެއް ސީދާ ނޭނގެ އެވެ. ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ އެއް ކައްކާ އެކު ބުނަނީ އޭނާ، ފުރަތަމަ ކައިވެނި ހަފްލާއަކަށް، ދެން ކުޑަކުއްޖެއްގެ އުފަންދުވަހުގެ ޕާޓީ އަށް، މި ކޭކު އަޅައިދިން ފަހުން ހިފައިގެން އުޅޭ ފޯރިއެއް ކަމަށެވެ.

ކޮންމެ ގޮތަކުން ވިޔަސް، މި ދުވަސްކޮޅު ކަނަމަދު ކޭކުގެ މަޝްހޫރުކަން ވަރަށް ބޮޑެވެ. އެ ކާން ބޭނުންވާ މީހުން އެހާ ގިނަ އެވެ. މާލޭގެ ކެފޭތަކުގެ ތެރެއިން މަދުވެގެން ހަ ތަނަކުން މިހާރު މި ކޭކު ލިބެ އެވެ.

ފެންނަ ފެނުމުގައި އަދި ރަހަ އަށް ބަލާ އިރު ހުރިހާ ކޭކެއް ވެސް ތައްޔާރުކޮށްފައި ހުންނަނީ ދާދި އެއްގޮތަކަށެވެ. ދާދި އެއް ބާވަތްތަކެއް ބޭނުންކޮށްގެންނެވެ. ކަފާފައި ހުންނަނީ ދާދި އެއް ސައިޒަކަށެވެ. އެކަމަކު، ފޮތިފޮއްޗަށާއި ބުރިބުރި އަށް ވިއްކާ ކަނަމަދު ކޭކު، އެކި ތަންތަނުން ލިބެން ހުރި އަގުތައް ހައިރާންވާހާ ތަފާތެވެ؛ ފަންސަވީސް ރުފިޔާ އިން ފެށިގެން ގޮސް 58 ރުފިޔާއާ ހަމައަށް އޭގެ އަގު އަރަ އެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟

ކެފޭތަކުން ކަނަމަދު ކޭކު ވިއްކާ ވަކިވަކި އަގުތަކަށް ބަލާ އިރު، ފޮއްޗެއް ނުވަތަ ބުރިއެއް 30 ރުފިޔާ، 45 ރުފިޔާ އަދި 52 ރުފިޔާ އަށް ވެސް އެބަ ހުއްޓެވެ. މިހާ ބޮޑު ފަރަގެއް މި އަންނަނީ ކިހިނެއް ހެއްޔެވެ؟

އެއް ކެފޭއަކުން ބުނާ ގޮތުގައި ކަނަމަދު ބޭނުންކުރާ މިންވަރު ތަފާތީ ކަމަށް ވެދާނެ އެވެ. މި ކޭކަށް އަޅާ އެންމެ އަގުބޮޑު އެއްޗަކީ ވެސް ކަނަމަދެވެ. ދެން ބޭނުންކުރަނީ ވަރަށް އާދައިގެ ބާވަތްތަކެކެވެ. އެއީ މައިގަނޑުގޮތެއްގައި ފުށާއި ހަކުރާއި ބިހާއި ކިރާއި މާޖިރީނެވެ.

ބާޒާރުގައި ކަނަމަދު ކިލޯއެއްގެ އަގު ބައެއް ފަހަރު 800 ރުފިޔާ އަށް އަރާ އިރު، ދުރާލާ ރަށްރަށަށް އޯޑަރު ދީގެން ވެސް ކަނަމަދު ކިލޯއެއް ލިބެނީ 550-600 ރުފިޔާ އަށް ކަމަށްވެ އެވެ. އެހެންވީމާ ކޭކަށް ގިނައިން ކަނަމަދު އަޅަންޏާ ޚަރަދު ބޮޑުވާނެ އެވެ. އެކަމަކު ކެފޭތަކުން މި ކޭކު ވިއްކާ އަގުތަކުގެ ފަރަގު މިހާ ބޮޑީ ކޮންމެހެން ކަނަމަދު އަޅާ ވަރު ތަފާތުވެގެން ނޫން ކަމުގެ ހެއްކެއް އެބަ އޮތެވެ.

ވާ ގޮތަކީ މި އެވެ؛ އެކަކު، ހަމަ މުޅިން އެއްގޮތަކަށް އަދި އެއް ސައިޒަކަށް އަޅާފައި އެއް އަގެއްގައި ސަޕްލައިކުރާ ކޭކު ދެ ކެފޭއަކުން ވިއްކާ އަގުގައި 27 ރުފިޔާގެ ފަރަގެއް ވެ އެވެ. މީގައި ހަމައެކަނި ތަފާތު ވަނީ ކޭކު ލިބެން ހުރި ދެ ކެފޭ އެވެ؛ އާދައިގެ ތަނަކާއި ހިތްގައިމު މާހައުލެއް އޮތް ފެންވަރު މަތި ތަނެކެވެ.

"އަޅުގަނޑަށް 99 ޕަސެންޓް ޔަގީންވާ ގޮތުގައި މި އުޅެނީ ހަމައެކަނި (ކެފޭގެ) ބްރޭންޑުގެ ތަފާތެއް،" ކަނަމަދު ކޭކުގެ އަގުތަކުގެ ބޮޑު ފަރަގާ ބެހޭ ގޮތުން ތަޖުރިބާކާރު ދިވެހި ކެއްކުންތެރިއަކު ބުންޏެވެ.

"މަޝްހޫރު ބްރޭންޑްތަކުން އެ ބްރޭންޑްތަކުގެ މަތީ އަގުތަކުގައި ހިފަހައްޓަން ބޭނުންވަނީ."

މިއީ، އާއްމު މީހާގެ ނަޒަރުން ބަލާ އިރު، ބަލައިގަނެވޭ ކަމަކަށް ނުވެދާނެ އެވެ. އަހަރެމެންނަށް ވިސްނެނީ މިފަދަ ކެފޭތަކުން ނުހައްގު ބޮޑު ފައިދާއެއް ނަގައި ކަސްޓަމަރުން "ފެލާލަނީ" ކަމަށެވެ. އެކަމަކު، މާލޭގައި ފިހަރާތަކެއް ހިންގާ ވިޔަފާރިވެރިއަކު ބުނަނީ ތަފާތު ދެ ތަނަކުން ދެ އަގެއްގައި އެކައްޗެއް ވިއްކުމަކީ "އެއްވެސް މައްސަލައެއް ނޫން" ކަމަށެވެ.

"ވަރަށް އަރާމު މާހައުލެއްގައި އިނދެގެން ކޭކު ކާލީމާ އެ ލިބޭ ހިތްހަމަޖެހުން ހޮޓަލެއްގައި ދާހިތްލާ ފޯވެގެން އިނދެގެން ކާ އިރަކު ނުލިބޭނެ،" އޭނާ ބުންޏެވެ.

އޭގެ އެހެން މިސާލެއް ވެސް ވިޔަފާރިވެރިޔާ ނެގި އެވެ. އޭނާ ބުނީ އެއް ވައްތަރެއްގެ، އެއް މޮޑެލެއްގެ މެޝިނަކުން ތައްޔާރުކުރާ އެއް ބްރޭންޑެއްގެ ކޮފީ މާލޭގެ ދެ ކެފޭއަކުން ތަފާތު ދެ އަގެއްގައި ވިއްކާ ކަމަށާއި އެކަމަކު ހަމަޖެހިލައިގެން އެކަނި އިނދެ ކޮފީ ބޯން ބޭނުންވީމާ އޭނާ ދަނީ އެ ދެ ތަނުން ކުރެ އަގު ބޮޑު ކެފޭ އަށް ކަމަށެވެ. އެހެން މީހަކު ފާހަގަކުރި ގޮތުގައި ފެންވަރު ރަނގަޅު ބޮޑެތި ކެފޭތައް ހިންގުމުގެ ޚަރަދު އާދައިގެ ތަންތަނަށް ވުރެ އެތައް ގުނައެއް ބޮޑުވީމާ ވެސް އަގުގެ ތަފާތު އަންނާނެ އެވެ.

ފަހަރެއްގައި އަހަރެމެންނަށް އޮތީ އެކަން ގަބޫލުކޮށް، ރުހިގެން ތިބުމެވެ. އަނެއް ގޮތަކީ ގޭގައި އަމިއްލަ އަށް ކަނަމަދު ކޭކު އަޅާލައިގެން ކާލުމެވެ. ރެސިޕީ މި އޮތީ އެވެ.

150 ގްރާމް ކަނަމަދު (ކައްޗަށް ކޮށާފައި)

150 ގްރާމް ހަކުރު (މިކްސަރުން މުގުރާފައި)

150 ގްރާމް ފުށް

1 މޭޒުމަތީސަމުސާ ބޭކިން ޕައުޑަރު

1 ސައިސަމުސާ ވެނީލާ އެސެންސް

2 ކުކުޅު ބިސް

1 މޭޒުމަތީސަމުސާ މާޖިރީން

1/2 ޖޯޑު ލެކްނޯ މިލްކު ނުވަތަ ޑަޗްލޭޑީ މިލްކު

ފުށާއި ބޭކިން ޕައުޑަރު އެއްކޮށްފައި ފުރޭނުން. މާޖިރީނާއި ބިހާއި ހަކުރު އެއްކޮށްފައި ހޭންޑް މިކްސަރަކުން ގިރުން. ފުށާއި ކިރު އެޅުން. އެ އަށް ފަހު އަނެއްކާވެސް ގިރުން. ރަނގަޅަށް ގިރުމުން ކަނަމަދާއި ވެނީލާ އެސެންސް އެޅުމަށް ފަހު ދެން ސަމުސަލަކުން ރަނގަޅަށް އެއްކޮށްފައި ޓްރޭއަކަށް (ފުލުގައި ތެޔޮ ފޮދެއް ހާކާފައި) އެޅުމަށް ފަހު ފިހުން.

ރެސިޕީ: ފާތުމަތު ޚުރުޝިދާ (ފާތުން)