އައިފިލްމްސްގެ "ބިރުވެރި ވާހަކަ"، ދިރާގު ޓީވީން ޕްރިމިއާ ކޮށްފި
އައިފިލްމްސްގެ "ބިރުވެރި ވާހަކަ"، ދިރާގު ޓީވީން ޕްރިމިއާ ކޮށްފި

އައިފިލްމްސްގެ އެންމެ ފުރަތަމަ ޓީވީ ސީރީޒް "ބިރުވެރި ވާހަކަ"، ދިރާގު ޓީވީން ޕްރިމިއާކޮށްފި އެވެ.

މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިދިޔަ ހުކުރު ދުވަހު ޕްރިމިއާ ކޮށްފައިވާއިރު ދިރާގު ޕްލޭ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމުން ވެސް އެ އެޕިސޯޑް ބެލޭނެކަމަށް ދިރާގުން ބުންޏެވެ.

އައިފިލްމްސްގެ ސީއީއޯ އަދި ސީރީޒްގެ ޑައިރެކްޓަ އިލްޔާސް ވަހީދު (އިއްލެ) ބުނި ގޮތުގައި، ބިރުވެރި ވާހަކަ އަކީ އާދަޔާ ހިލާފު މާހައުލެއް ދައްކުވައިދޭ، ބިރުވެރި މަންޒަރުތަކެއް ހިމެނޭ ސީރީޒެކެވެ.

"ކޮންމެ އެޕިސޯޑެއްގައި ވެސް ތަފާތު މަންޒަރުތަކެއް ދައްކުވައިދޭނީ. އަދި ކިޔައިދޭ ވާހަކަތައް ވެސް ތަފާތުވާނެ. ދިވެހިންގެ އޯޑިއަންސާއި ގުޅޭ ސީރީޒެއް މިއީ،" އިއްލެ ބުންޏެވެ.

އައިފިލްމްސްގެ އެންމެ ފުރަތަމަ ގެނެސްދޭ އެ ސީރީޒްގެ މަސައްކަތުގައި އުޅުނު މީހުންގެ ހުނަރު ދައްކަދިނުމުގައި ދިރާގު ޓީވީން ދިން އެހީތެރިކަމަށް ޝުކުރުއަދާކޮށް އިއްލެ ބުނީ މިހާރު އެންމެ ބޭނުންވަނީ އޯޑިއަންސް މި ސީރީޒާ މެދު ދެކޭގޮތް އެނގެން ކަމަށެވެ.

ދިރާގު ޓީވީގެ ޕްރޮޑަކްޓް މެނޭޖަރު ހަސަން ހުސްނީ ވިދާޅުވީ ކޮވިޑްގެ ދުވަސްވަރު ދިމާވި ދަތިތަކަށް ފަހު މި ސީރީޒް އެ ޓީވީގެ ކަސްޓަމަރުންނަށް ބަލައިލުމުގެ ފުރުސަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ދިރާގު ޓީވީ ބަލާ މީހުންނަށް މިފަދަ އާ ކޮންޓެންޓް ގެނެސްދެވޭތޯ،" ހުސްނީ ވިދާޅުވި އެވެ.

އައިފިލްމްސް އިން ދާދި ފަހުން އާންމުކޮށްފައިވާ މި ސީރީޒްގެ ޓްރެއިލާއިން ބިރުވެރި މޭކަޕްތަކާއި، ތަފާތު ވިޝުއަލް އެފެކްޓްސް އަދި އެކްޓަރުންގެ ހުނަރު ފެނެ އެވެ. ބިރުވެރި ވާހަކައިގެ ފުރަތަމަ އެޕިސޯޑް، "ފޯން ކޯލް" މިހާރު ދިރާގު ޓީވީން ބެލޭނެ އެވެ. އަދި މި ސީޒަންގެ އެޕިސޯޑުތައް ސިލްސިލާކޮށް ކޮންމެ ހަފްތާއަކު ދިރާގު ޓީވީން ގެންނާނެ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އައިޕީޓީވީ އެވެ. ތަފާތު ވައްތަރުގެ ކޮންޓެންޓާއި ދިވެހި ޗެނަލްތަކާއި ބޭރުގެ ބައެއް ޗެނަލްތަކާއެކު 100 އަށް ވުރެ ގިނަ ޗެނަލް ދިރާގު ޓީވީ މެދުވެރިކޮށް ބެލޭނެ އެވެ.

އަދި ދިރާގު ޕްލޭ ވީއޯޑީ މެދުވެރިކޮށް ކޮންމެ ތާކު ހުރެގެން ވެސް ދިރާގު ޓީވީ ބެލޭނެ އެވެ. މިހާތަނަށް ދިރާގުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 84 ޕަސެންޓް ރަށަށް ދިރާގު ޓީވީގެ ހިދުމަތް ދީފަ އެވެ.