05 ޖޫން 2022 - 16:04

ބާސެލޯނާ (ޖޫން 5) - މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ސްޕެއިންގެ ކްލަބް ބާސެލޯނާ އިން ފައިސާ ހޯދަން ސަޕޯޓަރުންނަށް ފީއެއް ދައްކައިގެން ކޭމްޕް ނޯ ދަނޑުގައި މެޗު ކުޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބާސެލޯނާ އަންނަނީ އެޓީމާ އަލަށް ގުޅޭ ކުޅުންތެރިން ވެސް ޓީމުގެ ޕޭރޯލްގައި ހިމަނަން ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހި، ކުޅުންތެރިންގެ މުސާފައިގެ ބޮޑު ބައެއް ވެސް އުނި ކުރަަން ޖެހިފަ އެވެ. އަންނަ ސީޒަނުގައި ބާސެލޯނާއަށް ކުޅެން އެޓީމާ ގުޅުނު ފްރޭންކް ކެސިއޭ އާއި އަންޑްރެސް ކްރިސްޓެންސެން އަދިވެސް ޓީމުގައި ރަޖިސްޓާ ކުރެވިފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި މަސް ނިމުމުގެ ކުރިން އެ ޓީމަށް ވަނީ 500 މިލިއަން ޔޫރޯ (425 މިލިއަން ޑޮލަރު) ގެ އާމްދަނީ އެއް ހޯދަން މަޖުބޫރު ވެފަ އެވެ.
މާދަމާއިން ފެށިގެން އަންނަ ހިހިނިރު ދުވަހާ ހަމައަށް،ގަޑިއިރަކަށް 300 ޔޫރޯ ހަރަދު ކޮށްގެން ބާސާ ކޭމްޕް ނޯ ސްޓޭޑިއަމްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ރަހުމަތްތެރިންނާއި އާއިލާ މެމްބަރުން 30 ޔޫރޯ އަށް ޓިކެޓް ގަނެގެން ދަނޑަށް ކުޅިބަލަން ވަނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަަ އެވެ.
މި އެއްގަޑިއިރު ތެރޭގައި މަދުވެގެން 40 މިނިޓު ކުޅުމުގެ ފުރުސަތާއި ޗޭންޖިން ރޫމު ތަކާއި ކުޅުންތެރިން ބޭނުންކުރާ ދަަނޑުގެ އެހެނިހެން ތަންތަން ވެސް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ބާސާ އާއި ރެއާލް މެޑްރިޑު ފަދަ ކުލަބްތަކުގެ ސްޓޭޑިއަމްގައި ތަފާތު އިވެންޓް ތަކާއި ހަފްލާތައް ބޭއްވުމަކީ އާންމު ކަމެކެވެ. ނަމަވެސް މިހާރު ދިމާވެފައިވާ މާލީ ބޮޑު ވެއްޓުމާ އެކު ބާސެލޯނާ އިން ވަނީ ތަފާތު ޕެކޭޖުތަކެއްގެ ދަށުން އެޓީމުގެ ދަނޑުގައި ސަޕޯޓަރުންނަށް އެމީހުންގެ ކައިވެނި ހަފްލާ ބޭއްވުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. ބާސެލޯނާގެ ދަނޑުގައި މީގެ ކުރިން ވެސް ވަނީ ކައިވެނި ހަފްލާ ބާއްވައިފަ އެވެ.
އެންމެ ކުޑަ ޕެކޭޖުގެ އަގަކީ 25-50 މީހުންނަށް ސްޓޭޑިއަމްގެ ފައުންޑޭޝަން ލައުންޖުގައި ބާއްވާ ކުދި ޕާޓީ ތަކަށް 1،600 ޔޫރޯ އެވެ. އަދި ސްޓޭޑިއަމްގެ ތަފާތު ހިސާބުތައް ފެންނަ ގޮތަށް 300 އާއި 1،000 މީހުންނަށް ހާއްސަ އެންމެ ބޮޑު ޕެކޭޖު އުޅެނީ 13،500 ޔޫރޯ އަށެވެ.
މީގެ އިތުރުން ސްޓޭޑިއަމްގެ ޓެރަހުގައި ވެސް މިހުންގެ އަދަދަށް ބަލައި 6،000 ޔޫރޯ އާއި 7،000 ޔޫރޯއާ ދެމެދުގެ އަގުގައި ވެސް ޕާޓީ ބާއްވައިދޭ ޕެކޭޖު ވެސް ހިމެނެ އެވެ.
ނިމުނު ސީޒަނުގައި ހުސްއަތާ ނިންމާލަން ޖެހުނު ނަމަވެސް އެޓީމުން ހިތްހަމަޖެހުމެއް ހޯދީ ލީގުގެ ދެވަނަ މަގާމާ އެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދައިގެންނެވެ.