ޔޫކްރޭންގެ ވެރިރަށް ކިޔޭވްގައި ބާރުގަދަ ގޮވުންތަކެއް
ޔޫކްރޭންގެ ވެރިރަށް ކިޔޭވްގައި ބާރުގަދަ ގޮވުންތަކެއް

ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ރަޝިޔާ އިން މިއަދު ހެނދުނު ދިން މިސައިލް ހަމަލާތަކުގެ ސަބަބުން، ބާރު ގަދަ ގޮވުންތަކެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ކިޔޭވްގައި ހުރި ނަސާރާއިންގެ ފައްޅިއެއް ވަނީ، ރަޝިޔާ އިން މިއަދު ދިން މިސައިލް ހަމަލާތަކުގައި ބިމާ ހަމަވެފަ އެވެ. ކިޔޭވްގައި ތިބި އަލް ޖަޒީރާގެ ނޫސްވެރިން ބުނާ ގޮތުގައި ރަޝިޔާ އިން މިއަދު ހެނދުނުން ފެށިގެން ކިޔޭވްގެ އެކި ސަރަހައްދުތަކަށް ދަނީ ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.

މިއީ ކިޔޭވް އަށް ހަމަލާއެއް ނުދޭތާ އެތައް ދުވަހަކަށް ފަހު، ރަޝިޔާ އިން ދިން ފުރަތަމަ ހަމަލާތަކެވެ. މިއަދު ދިން ހަމަލާތަކުގެ ތެރެއިން ބައެއް މިސައިލް އަމާޒުވީ ވެރިރަށް ކިޔޭވްގައި ހުންނަ ރޭލު މަރާމާތުކުރާ މަރުކަޒަކަށެވެ. ރަޝިޔާ އިން ބުނި ގޮތުގައި މިއަދު ކިޔޭވް އަށް ދިން ހަމަލާތައް އަމާޒުކުރީ، ހުޅަނގުން ފޮނުވާ އަސްކަރީ ހަތިޔާރުތައް ކިޔޭވް އަށް އެތެރެކުރާ ރޭލު ވިއުގައަކަށެވެ.

ޔޫކްރޭންގެ ވެރިރަށުގައި ދިރިއުޅޭ އާންމުންގެ ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ރަޝިޔާގެ ހަމަލާތައް އަމާޒުކުރީ، ކިޔޭވްގައި ހުރި ހަތިޔާރު ގުދަނަކަށެވެ. ރަޝިޔާގެ މިސައިލްތައް އަމާޒުވުމާއެކު އެ ގުދަނުގައި ހުރި ހަތިޔާރުތައް ގޮވައި ބާރު ގަދަ އަޑުފައްގަނޑެއް އިވުނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާ ސިފައިންގެ ހަމަލާތައް އެންމެ ވަރުގަދަވީ، ވަކިވެގަތުމަށް މަސައްކަތްކުރާ ދޮންބާސް ސަރަހައްދުގެ ތެރެއިން މިނިވަންކަން އިއުލާންކޮށްފައިވާ ލުހާންސްކް ޖުމްހޫރިއްޔާގައި އޮންނަ ސެވެރޮޑޮނެސްޓް ކިޔާ ސަހަރުގަ އެވެ. އެ ސަހަރުގެ ދެ ބައިކުޅަ އެއްބައި މިހާރު ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ދިޔަ އިރު، އަނެއް ބައިގައި ތިބި ޔޫކްރޭން ސިފައިން ބަލިކޮށް އެ ސަރަހައްދު ހިފުމަށް ރަޝިޔާ ސިފައިން މިހާރު ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

މިދިޔަ ހަފުތާ ފެށުނު އިރު ސެވެރޮޑޮނެސްޓްގެ 70 ޕަސެންޓް އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ. ނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި އެ ސަހަރުގެ މަގުތަކުގައި ދެ ފަރާތުގެ މެދުގައި ހިނގި ވަރުގަދަ ކުރަމަތިލުންތަކަށް ފަހު، ޔޫކްރޭން ސިފައިން ވަނީ ބައެއް ސަރަހައްދުތައް ހިފައިފަ އެވެ. އަދި މިހާރު ވެސް މަގުތަކުގައި ވަރަށް ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުންދާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެ އވެ.